އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމަށް ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލަނީ، 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދާ އަޅައިބަލާ އިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ ކަމަށް، އެ ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ގާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާ އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ހިދުމަތްތަކަށް ނަގާ ފީ އާއި އެނޫންވެސް ފައިސާގެ ޒަރީއާ އިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީ އާއި ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދައްކަން ޖެހޭ ފީ އާއި އެހެނިހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕު ޖަހަން ޖެހުމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުންވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި، ރެވެނިއު ސްޓޭމްޕު ޖެހުމުގެ ނިޒާމު އުވާލަންވެސް ހިމަނާފައިވެއެވެ.
އެ ބިލުގައި ވަނީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިން ބިޒްނަސް" ފަސޭހަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕު ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށް ވެފައި ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެނިހެން އާލާތްތައް ތައާރަފު ވުމާ އެކު އެ އިންތިޒާމުން ލިބޭ އާމްދަނީ ދައްވަމުން ދިއުމާއި ސްޓޭމްޕު ޕްރިންޓް ކުރުމަށް ހަރަދުތަކެއް ހިނގާތީ ކަމަށެވެ.
ސަރުކާރުގެ އެކިއެކި ލިޔުންތަކާއި ސެޓްފިކެޓްތަކުގައި 50 ލާރިން ފެށިގެން 1000 ރުފިޔާއާ ހަމައަށް ރެވެނިއު ސްޓޭމްޕު ޖަހަންޖެހޭ ކަމަށް ގާނޫނުގައި ކުރިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު