ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިއެވެ.
ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން އޭނާއާ އެއް ހިޔާލެއްގައި، އެއް މަގުސަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތީން، އޭނާ މުއައްސިސަކަށް ހުރެ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
ކަމާލުއްދީން ވިދާޅުވީ، އާ ސިޔާސީ ޕާޓީން ސިޔާސީ ބޭފުޅުންގެ އިތުުރުން ޒުވާނުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަމާލުއްދީން އެންމެ ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމްގައެވެ. އެޕާޓީން އޭނާ ވަކިވެވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު