ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ހަދަން އާ ގަވާއިދުގެ ދަށުން ތިން އަހަރު ދިން ކަމުގައިވީ ނަމަވެސް, ދޮޅު އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ނުފެށޭނަމަ އެއްބަސްވުން ބާތިލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން, މިދިޔަ އަހަރުތަކުގައި ނުހަދާ ހުރި 85 ރަށެއް އެބަ އޮތެވެ. އެއީ 61 ރަށާއި 24 ފަޅެކެވެ. ފަޅުތަކުގެ ތެރެއިން ފަސް ފަޅެއް އޮތީ ހިއްކައި ނިންމައިފައެވެ.

ނަމަވެސް އެ ރަށްތައް ނުހެދި ގިނަ ދުވަސްވެގެންދާތީ, މި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައެވެ.

އެގޮތުން އެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ 3-8 ގައި ބުނަނީ ކޮންސްޓްރަކްޝަން ޕީރިއަޑްގެ ތެރޭގައި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް, އިތުރުކޮށްދެވޭނީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި 4-8ގެ (ހ) އަދި (ށ) ގައި ބުނަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލުއިތަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ ފުރުސަތެއް ދޭންވާނެ ކަމަށާއި އެ ލުއިތަކަށް އެދި ހުށަހަޅައިފައި ނުވާ، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

މި އިސްލާހުތަކާއެކު ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު ހަމަވެފައިވާ ތަންތަނުގެ އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ, ރަށްތައް ނުހެދި އޮތުމަކީ ސަރުކާރާއި ރައްޔިތުންނަށްވެސް ލިބޭ ގެއްލުމެއް ކަމަށާއި އަދި ޑޮމެސްޓިކް ޓްރާންސްޕޯޓް ނިޒާމުވެސް ރަނގަޅަށް ނުހިނގަނީ އެވަރަށް އެނދުތައް ނެތުމުން ކަމަށެވެ.

އެގޮތުން އިސްލާހު ކުރެވިފައިވާ ގަވާއިދުގައި ބުނާ ގޮތަށް ތިން އަހަރު ތެރޭގައި ހަދައި ނިންމައި ނުހުޅުވިއްޖެނަމަ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދީ, އޮޓަމެޓިކުން އެ އެއްބަސްވުން ބާތިލުވާނެ ކަމަށް ވިދާޅުވިއެވެ.

"ތިން އަހަރު ވަންދެންވެސް އަޅުގަނޑުމެން ނުތިބޭނަން. އެއީ އަޅުގަނޑުމެން ބެލި ބެލުމުން ރިސޯޓެއް އެންމެ ބާރު ސްޕީޑުގައިވެސް އާންމު ގޮތެއްގައި މި ހެދެނީ ދޮޅު އަހަރުން. އެހެންވީމަ ތިން އަހަރު ތެރޭ ތަނެއް ނިންމަންޏާ ދޮޅު އަހަރު ތެރޭ ހަދަން ފެށިފަ ހުންނަން ޖެހޭނީ. ދޮޅު އަހަރު ތެރޭ ހަދަން ނުފަށާ ތަނެއް ތިން އަހަރު ތެރޭގައި ނުއެއް ނިމޭނެ. އެހެންވީމަ ދޮޅު އަހަރުވާ އިރު ހަދަން ނުފަށާ ތަންތަން އެގްރިމެންޓް ބާތިލު ކުރުމުގެ ފުރުސަތު މިނިސްޓްރީއަށް ލިބޭނެ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ, ނުހެދި ހުރި ރަށްތައް ހެދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ އިތުރުން ވަރަށް ބޮޑު ހަރަދެއް ކަމަށާއި އެ ރަށްތަކަށް އިންވެސްޓްކުރާ މީހުންނަށްވެސް އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ދޮޅު އަހަރު ތެރޭގައި ފޭސް ތަކަކަށް ބަހާލައިގެންވެސް އެރަށްތައް ހަދަން ފަށަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ, ދޮޅު އަހަރު ތެރޭގައި އެއްބަސްވުން ބާތިލު ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައި ނެތަސް, އެކަން އެރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ހަދާ އެއްބަސްވުމުގައި ހިމަނާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް ނުކުރެވިގެން, ފަށައި ނުގަނެވޭ ނަމަ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ދައްކަން ޖެހޭ ފައިސާއެއް ދައްކާނަމަ, ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދުވަސްކޮޅަކުން ޓޫރިޒަމް މިނިސްޓްރީން ފެންނާނެ ކޮންމެ ރަށަކަށް ކައުންޓްޑައުން އަޅުވާނަން. މިވެނި ރަށެއް މިވެނި މުއްދަތެކޭ ބާކީ އޮތީ. މި ހުރިހާ ދުވަހު އަތޮޅުތަކުގެ މީހުންނަކަށްވެސް ނޭނގެ ކޮން ރަށެއް ކަމެއް ދީފަ އޮތީކީ. މިނިސްޓްރީއަށްވެސް ނޭނގޭ ނޫންތޯ. އެއް ރަށެއް ތިން ހަތަރު ފަރާތަކަށް ދީފަ އޮވެގެން އެކަހަލަ މައްސަލަތަކެއްވެސް އެބަ ބަލަން," މިނިސްޓަރު ވިދާޅުވިއެވެ.