ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމު ''ތޫފާން'' ބޮއިކޮޓުކުރުމަށް ގޮވާލައިފިއެވެ.

ޖުލައި 16 ގައި ރިލީސްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު ބޮއިކޮޓުކުރުމުގެ ގޮތުން ޓުވިޓާގައި އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ހޭޝްޓެގް ބޮއިކޮޓް ތޫފާން ބޭނުންކުރަމުންނެވެ.

މަޝްހޫރު ބޮކްސިން ތެޅުންތެރިއެއް ކަމަށްވާ އަޒީޒް އަލީގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި އެ ރޯލުން ފަރުހާން އަހްތަރު ފެނިގެންދާއިރު ހަޔާތުގެ ބައިވެރިޔާ ޑރ. ޕޫޖާ ޝާހުގެ ރޯލުން މުރުނާލް ތާކުރު ފެނިގެންދާނެއެވެ.

މި ފިލްމަކީ އަޒީޒުގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ދޮންގްރީ އަށް ނިސްބަތްވާ ގޭންގްސްޓާރެއް ބޮކްސިން ތެޅުންތެރިއަކަށް ބަދަލުވެގެން އައިގޮތުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. ނަމަވެސް ދެ ދީނަކަށް ނިސްބަތްވާ ދެމީހުންގެ ލޯބީގެ ގުޅުން މިފިލްމުގައި ގެނެސްދީފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފިލްމު ބޮއިކޮޓުކުރުމަށް ގޮވަމުންނެވެ. ބޮއިކޮޓުކުރުމަށް ގޮވާލަމުން އަންނަ ފަރާތްތަކުން ބުނަނީ އަޒީޒް އަދި ޕޫޖާގެ ލޯބީގެ ގުޅުމާއި ކައިވެނީގެ ވާހަކަތައް ގެނެސްދީފައިވަނީ އެގައުމުގެ ސަގާފަތާއި ފުށުއަރާ ގޮތަށް ކަމަށެވެ.

ފަރުހާން އަކީ މީގެ ކުރިން އިންޑިއާގެ ސިޓިޒަންޝިޕް ގާނޫނަށް ގެނައި އިސްލާހު ސީ.އޭ.އޭ އާއި ދެކޮޅަށް ފާޅުގައި މުޒާހަރާ ކޮށްފައިވާ މީހަކަށް ވެފައި، ކަޝްމީރަކީ އިންޑިއާގެ ގައުމެއް ނޫން ގޮތަށް ދޭހަވާ މެޕެއް އޮޅިގެން ޓުވީޓު ކުރެވުނު މައްސަލައެއްގައި އިންޑިއާގެ ސިޔާސަތުތަކާއި ދެކޮޅު މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މީހެކެވެ. އެހެން ކަމުން މިފިލްމާ ގުޅިގެން ފަރްހާން ބޮއިކޮޓް ކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

ރާކޭޝް އޯމް ޕްރަކާޝް މެހެރާ އަދި އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާފައިވާ ''ތޫފާން'' ރިލީސްކުރުމަށް ހަމަޖެހިފައިވަނީ ޕްރައިމް ވީޑިއޯގައި ޖުލައި 16 ވަނަ ދުވަހުއެވެ.