ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް މަޖިލީހަށް ހުށަހަޅާ އެ އަށް ބަހުސް ކޮށްފައެވެ.
އެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ރިޕޯޓުން ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅައި ދިއުން ރާއްޖޭގައި އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށާއި އެކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ އިދާރާތަކަށް ލިބިފައިވާ ކަމަށް ބަހުސް މަރުހަލާގައި ގިނަ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.
މެންބަރުންގެ ބަހުސްއަށް ފަހު، އެ ރިޕޯޓް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް އެހި ވޯޓުގައި ބައިވެރިވީ 42 މެންބަރުންނެވެ. ޖުޑީޝަރީ ކޮމިޓީއަށް ރިޕޯޓް ފޮނުވަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދިން އިރު ތިން މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެއެވެ. އެހެންކަމުން އެ ރިޕޯޓް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 30 މެންބަރުންގެ އަގުލަބިއްޔަތުން ނެވެ.
ޚަބަރު
ޚަބަރު
ޚަބަރު