ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 191 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 191 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 71,758 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 105 މީހެކެވެ. އެއީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރެއިން 73 މީހަކާއި ރިސޯޓުތަކުން ނުވަ މީހަކާއި ސަފާރީން ތިން މީހަކާއި ހަދަމުންދާ ރިސޯޓްތަކުން 13 މީހެކެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 22 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ކޮވިޑަށް ފަރުވާދެމުން އަންނަނީ 2،865 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 213 މީހަކު ވަނީ މަރުވެފައެވެ. އެއީ 196 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.