ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލީ، އަންގާރަ ދުވަހު އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހުއެވެ.
ހައިކޯޓުން ދެންމެ ބުނީ އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށް ކަނޑައަޅައި މައްސަލާގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި މައްސަލާގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަލީ ވަހީދަށް ޖަވާބުދާރީ ނުވެވޭނެ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓްގެ އިހުތިސޯސްނެތް ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވެވޭނެ ކަމަށްވެސް ދައުލަތުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ ކޯޓުގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވާނަމަ، މައްސަލައިގެ ހުކުމަށް އަސަރު ކުރާނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ކޯޓުގެ އިހުތިސޯސް ނުހިނގާތަނެއްގައި އަލީ ހުރެ، ޝަރީއަތް ހިންގާނަމަ، އެއީ ގާނޫނާ ހިލާފަށް ހިންގޭ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެ ޝަރީއަތުގައި ނިންމާ ނިންމުމަކީ ހުކުމަށް އަސަރުކުރާނެ ނިންމުމެއް ކަމަށެވެ. އަދި އެ ހުކުމް ވެގެންދާނީ ގާނޫނާ ހިލާފު ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ މި މައްސަލައިގައި ހައި ކޯޓުން އަމަލު ކުރަންވީ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް އެދިވަޑައިގެންފައެވެ. ދައުލަތުން ވިދާޅުވީ މި ފަދަ މައްސަލަތައް އިސްތިއުނާފް ކުރާތާ ގިނަ ވެގެން ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށް ގާނޫނު ބުނާ ކަމަށެވެ. އަދި ޣައިރު ހާޒިރުގަޔާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެގޮތުން ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށްވެސް ހާޒިރު ނުކުރެވިއްޖެނަމަ، ކޯޓުތަކުން އަމަލު ކުރާ ގޮތަށް އަމަލު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން އެދުނީ އަލީ ވަހީދު ރާއްޖެ ގެނެސް، ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަދި މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރެއް ނެރެވިދާނެ ކަމަށާއި ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ކަމަށެވެ.
އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބު، އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު