ތިން މަސް ދުވަހަށްފަހު ނައިފަރުގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް ހުޅުވާލައިފިއެވެ.

ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިން އިން ނަގާފައި މިވަނީ 108 ދުވަހަށް ފަހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ނައިފަރުގެ މޮނީޓަރިންގެ ހާލަތު އުވާލައި މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންއިން ނަގާފައިވަނީ މިއަދު ހަވީރު 4:50ގައެވެ.

ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރ. އުނގޫފާރުން އެރަށަށް ދަތުރުކުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ނައިފަރުންނެވެ. އަދި އެންމެ ގިނަ ދުވަހު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކީވެސް ނައިފަރެވެ.

އެގޮތުން އެރަށުން 5233 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 921 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އެރަށުން ތިން މީހަކު ވަނީ މަރުވަފައެވެ. އެރަށުން އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ތިން މީހެކެވެ.