ހުސްވެފައިވާ އޮޑިޓާ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ގ. އައިފަ ހުސެއިން ނިޔާޒީ އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިޔާޒީ އެމަގާމަށް އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ހުސެއިން ނިޔާޒީ އަކީ މިހާރުވެސް އޮޑިޓު އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަދާ ކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ގެ މަގާމެވެ.
ހުސެއިން ނިޔާޒީ އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، މީގެ ކުރިން އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީއެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުން ހަސަން ޒިޔަތު އިސްތިއުފާދެއްވީ، ހުސްވި މެއި މަހުގެ 12 ވަނދުވަހުއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ޒިޔަތު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.
"ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފިން،" ސިޓީގައިވެއެވެ.
ޒިޔަތު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު