މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ގެނަސްފައި ވަނީ، ސަރުކާރުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުށަހެޅި އިސްލާހުތަކާއި ދިން ލަފައާ އިދިކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ދުވާފަރު ދާއިރާގެ އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނަފުރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމުން އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން ދުވާފަރު ދާއިރާގެ އިސްމާއިލް އަހުމަދު ވިދާޅުވީ، ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.
ނަމަވެސް ބިލު ހުށަހެޅުމުން ވަރަށް ގިނަ ރައްޔިތުންނާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފެއްދި ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލު ގެންނަވައި ބިލު އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ.
އެގޮތަށް ބިލު އިސްލާހު ކުރުމަށް ސަރުކާރުގެ ތެެރެއިން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކޮމިޓީއަށް ގިނަ އިސްލާހުތަކެއްް ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީން ބިލު ފާސްކުރީ އެ އިސްލާހުތަކަށް މާބޮޑު ރިއާޔަތް ކުރުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހާ ހައްސާސީ މައްސަލައެއްގައި އެ އިސްލާހުތަކަށް ރިއާޔަތް ނުކޮށް ބިލު ކޮމިޓީން ނިންމައިގެން މަޖިލިސް ތަޅުމަށް ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބިލު އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދިޔަ މަަސައްކަތް ވަރަށް ގާތުން ފެނުނު ކަމަށާއި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދިނީވެސް ބިލު އިސްލާހު ކުރެއްވުމަށް ރައީސް ދެއްވި ކޮމިޓްމެންޓަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގައި ކަންތައް ދިޔަ ގޮތަށް ބަލާއިރު ދެން ވެސް ފޮނުވާ އިސްލާހުތަކަށް ރިއާޔަތް ކުރާނެ ކަމަށް ނުބެލެވޭނީ މިއަދުން މިއަދަށް އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރު ކުރަން މެންބަރު އިސްމާއިލް އަހުމަދު ގޮވައިލެއްވިއެވެ.