މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގެނައި ބައެއް އިސްލާހުތައް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ އިސްލާހު ފޮނުއްވީ ސަރުކާރުން ބުނެގެން ކަަމަށް ވިދާޅުވެ، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތުހުމަތު ކުރައްވައިފިއެވެ.

ނަފުރަތުގެ ބިލު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ، ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހެޅީ ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުމުގެ ތެެރެއިން މީހުން ގަތުލުކޮށްފައި ހުރިކަން ފާހަގަވެ، އެފަދަ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވާކަން ފާހަގަކުރެވިގެން އެފަދަ ކަންކަން ކުށަކަށް ހަދަންޖެހޭ ކަމަށް ފެނިވަޑައިގެން ކަމަށެވެ.

ނަމަވެސް ބިލު މަޖިލީހަަށް ހުށަހެޅުމަށްފަހު ކަންތައްތައް ދިޔަގޮތުން ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ބިލު ހުށަހެޅުމުން އުފެދުނު ފާޑުކިޔުންތައް ބިލު ހުށަހެޅުއްވި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއަށް އަމާޒުވެ ހެއްދެވި ނެހެއްދެވިއަށް ގޮވި އިރު، ބިލު ދިފާއު ކުރުމަށް ސަރުކާރުން ނުކުމެފައި ނުވާކަމަށް އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގައި ހިސާންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިންތި ވިދާޅުވީ ކަމެއްގައި ސަރުކާރުން ސްޓޭންޑެއް ނަގައިފިނަމަ އެ ސްޓޭންޑް ވަރުގަދަވާން ޖެހޭނެ ކަމަށާއި އެ ސްޓޭންޑްގައި ދެމި ތިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި ބިލުގެ ކަންތަކުގައި ފެނިގެން ދިޔައީ، ބިލު އޮޅާލައި މެންބަރަކު މެދުވެރިކޮށް ބިލަށް އިސްލާހުތަކެއް ހުށަހެޅި ތަން ކަމަށްވެސް ވިދާޅުވިއެވެ.