މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވާފައިވާ ބިލުގެ ސަބަބުން އިސްލާމް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ގައުމުގެ އެންމެ މަތިވެރި ރައުސުލްމާލަކީ މާތްވެގެންވާ އިސްލާމް ދީނާއި ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ ވަހްދަތު ކަމަށެވެ.

ކަންއެހެން އޮތް އިރު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ކުށް ކަނޑައަޅާ ބިލަކީ ރާއްޖޭގެ އޮތް އިސްލާމީ މުޖުތަމައާއި އެންމެ އެކަށޭނަ ބިލެއް ނޫން ކަމަށް ބުނެފައިވެއެވެ.

"މި ބިލުގެ ސަބަބުން މުޖުތައަމައު އިތުރަށް ބައިބައިވެ ރައްޔިތުންގެ މެދުގައި އިތުރަށް ނަފުރަތު އުފެދި ގައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވެއެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ، ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވައިދު ނެތިގެން ނޫން ކަމަށާއި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި އިދިކޮޅުން އަބަދުވެސް ވަކާލާތު ކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށްވެސް ބުންޏެވެ.

ނަފުރަތުގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ދީނީ އިލްމުވެރިންނާއި ރަށްރަށުގެ ކައުންސިލްތަކުންވެސް ބަޔާން ނެރެފައިވާ އިރު، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް އާއި އަދާލުތު ޕާޓީ އަދި ޖޭޕީންވެސް ވަނީ އެ ބިލާ ދެކޮޅުކަން ހާމަކޮށްފައެވެ.