ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް، ޝަރުތުތަކަކާ އެކު ލަންކާއަށް ދަތުރުކުރެވޭ ގޮތަށް އެގައުމު ހުޅުވާލައިފިއެވެ.

ލަންކާ ސަރުކާރުން އިއްޔެ އާންމުކުރި އުސޫލުގައި ބުނެފައި ވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެގައުމަށް އެތެރެވުމަށް، ދެ ޑޯޒު ޖެހިކަން ސާބިތުކޮށް ދޭ ލިޔުމަކާ އެކު 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރު ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރުމަށްފަހު ދެ ހަފުތާ ވެފައިވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދައި ނަތީޖާ ލިބެންދެން ކަނޑައަޅައިފައި ހުންނަ ވަކި ހޮޓަލެއްގައި ކަރަންޓީނުގައި މަޑުކުރަންޖެހެއެވެ. ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުން ވަގުތުން ދޫކޮށްލާނެ އެވެ. ނަމަވެސް ހަތް ދުވަސް ފަހުން އަނެއްކާވެސް ޕީސީއާރު ޓެސްޓު ހަދައި ހުށަހަޅަންޖެހެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާ އެކު ދަތުރުކުރާ ދެ އަހަރާއި 18 އާ ދެމެދުގެ ކުޑަކުދިން އެގައުމަށް އެތެރެވުމާ އެކު ޕީސީއާރު ޓެސްޓު ހެދުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އެކުގައި ދަތުރު ކުރާ ފަރާތް ޕޮޒިޓިވް ވެއްޖެ ނަމަ، ދެ އަހަރުން ދަށުގެ ކުދިންގެ ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލަންކާ ހުޅުވާލި ނަމަވެސް، އިންޑިއާ، ސައުތު އެމެރިކާ އަދި ސައުތު އެފްރިކާގެ ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާ އިރު، ފާއިތުވި 14 ދުވަހުގެ ތެރޭގައި އެގައުމަށް ދަތުރުކޮށްފައިވާ މީހުން ލަންކާއަށް އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.