ޓީވީ ތަރި ޝަގުފްތާ އަލީއަށް ތަރިންތަކެއް މާލީ ގޮތުން އެހީވެއްޖެއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ބަލި ހާލަތު ހުރި ގޮތުންނާއި މަސައްކަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން މާލީ ގޮތުން ދަތިވެފައިވާކަން ޝަގުފްތާ ވަނީ މީގެ ދެތިން ދުވަސް ކުރިން މީޑިއާއާ ހިއްސާކޮށްފައެވެ.

ޝަގުފްތާ ބުނީ، އެ ވާހަކަތަކަށްފަހު ގިނަ ތަރިންތަކެއް އޭނާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އޭގެ ނީނާ ގުޕްތާ އަދި ސުމީތު ރަގަވާން ފަދަ ތަރިން އޭނާ ފާހަގަކުރިއެވެ.

ޝަގުފްތާ ބުނީ، މާލީ ގޮތުން އެހީތެރިކަން ބޭނުންވާކަން ހާމަކުރަން އޭނާ އެތައް ފަހަރަކު ފަސްޖެހުނު ކަމަށާއި ނަމަވެސް އަތްމަތިދަތިވެގެން ދިއުމުން އެހީއަށް އެދެން މަޖުބޫރުވީ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ހާލަތު އިތުރަށް ގޯސްވެ، އަމިއްލަ ކާރާއި ގަހަނާތައް ވިއްކާލަން ޖެހުނު ކަމަށްވެސް ބުންޏެވެ.

ޝަގުފްތާއަކީ ގިނަ ޓީވީ ސީރީސްތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. ޕަރަމްޕަރާ، ޖުނޫން އަދި ޒީޓީގެ ބިރުވެރި ޝޯއަކުން ފެނިގެން ގޮސްފައިވާ އިރު، ބައެއް ފިލްމުތަކުގައިވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ.

އޭގެ ތެރޭގައި އިންޓަނޭޝަނަލް ކިލާޅީ، ހީރޯ ނަމްބަރު 1 އަދި ލައިލާ މަޖުނޫން ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ސިލްސިލާ ބޭޕަނާ އިންނެވެ.