ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ވެސް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް މާދަމާ އިން ފެށިގެން ނެގެޓިވް ޕީސީއާރު ނަތީޖާއަކާ އެކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް ކުޑަކުދިންނަކީ ވެކްސިން ނުޖަހާ އުމުރުގެ ބައެއް ކަމުން، އެ ކުދިންގެ ފަރާތުން ކޮވިޑް ފެތުރިދާނެތީ، އެކުދިން ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ކުޑަކުދިންނަށްވެސް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

"18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ދަތުރުކުރެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ރަށްރަށަށް ދަތުރު ކުރެވޭނީ މާލޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި ނަމައެވެ. ނަމަވެސް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާ 10 ޕަސެންޓާ ދޭތެރޭގައި ހުރިނަމަ މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ހަތް ދުވަހަށްފަހު ރިލީޒް ސާމްޕަލެއް ނަގަން ޖެހެއެވެ.

އޭގެ އިތުރުން 10 ޕަސެންޓަށްވުރެ މަތީގައި ޕޮޒިޓިވިޓީ ރޭޓް ހުރި ނަމަ، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި 14 ދުވަހަށްފަހު ރިލީޒް ސާމްޕަލް ނަގަން ޖެހޭނެއެވެ.

މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ލުއި ދީފައިވާއިރު، ރިސޯޓު މުވައްޒަފުންގެ ތެރެއިންވެސް ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް އެގޮތަށް ދަތުރުކުރެވޭނީ މޮނިޓަރިން ހާލަތުގައި ނެތް ރިސޯޓުތަކުންނެވެ. އަދި ރިސޯޓުތަކުން މަހަކު އެއްފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގައި ޓެސްޓް ކުރަންވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.