ދުނިޔެ

ސަލާމަތަށް ނުރައްކާ ވެދާނެތީ ޗައިނާއާ ހަވާލުކުރަން އުޅޭ ސަމްބެރިން ކޭބަލްއަކަށް ނައުރޫން ނޫނެކޭ ބުނެފި

ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ޗައިނާއާ ހަވާލުކޮށްގެން އަޅަން ހަމަޖެހިފައިވާ ސަމްބެރިން ކޭބަލްއަކަށް ނައުރޫން ނޫނެކޭ ބުނެފިއެވެ.

އަގުހެޔޮ އަދި ކޮލިޓީ ރަނގަޅު އިންޓަނެޓުގެ ހިދުމަތެއް ހޯދުމަށް އަޅަން ނިންމާފައިވާ އެ ކޭބަލް ނެޓްވޯކަކީ ނައުރޫން ސޮލޮމޮން އައިލެންޑުގެ ވެރިރަށާ ދެމެދު އަޅާ 776 މޭލު ދިގު ކޭބަލްއެކެވެ.

އަދި ސޮލޮމޮން އައިލެންޑުން އެ ކޭބަލް ގުޅާލަން ހަމަޖެހިފައި ވަނީ ކޮރަލް ސީ ކޭބަލް ސިސްޓަމާއެވެ. އެ ސިސްޓަމަކީ އޮސްޓްރޭލިއާ އާއި ސޮލޮމޮންސް އަދި ޕަޕައު ނިއު ގިނީ ގުޅާލައި އަޅާފައިވާ 2,700 މޭލު ދިގު ނެޓްވޯކް ސިސްޓަމެކެވެ.

ނަމަވެސް ވޯލްޑް ބޭންކުން ޓެންޑަރިންގެ މަރުހަލާ ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ކުރީގެ ވާވޭ މެރީން, މިހާރުގެ އެޗްއެމްއެން ޓެކްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަފާނެތީ, ނައުރޫން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއުއަށް ނޫނެކޭ ބުނެފައެވެ.

މައިކްރޯނޭޝިއާގައި އޮންނަ އާބާދީގައި ގާތްގަނޑަކަށް 12,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނައުރޫން އެކަމަށް ނޫނެކޭ ބުނެފައި މިވަނީ, އެ ކޭބަލްގެ ނާޖާއިޒް ފައިދާ ޗައިނާއިން ނަގައިފާނެ ކަމުގެ ކަންބޮޑުވުން އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ޕެސިފިކުގެ ގައުމުތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ބިޑަށް ނޫނެކޭ ބުނުމަށްފަހު ނައުރޫން މިހާރު ދަނީ އާ ސަބްމެރިން ކޭބަލްއެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ މާލީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އާ ނެޓްވޯކުގެ މަސައްކަތް އޮސްޓްރޭލިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްވެސް މަޝްވަރާތައް ވަނީ ފަށައިފައެވެ.