ޖިންސީ ކުށުގެ ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީ ޕީޖީ އޮފީހުގެ އެދުމަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ނަމަވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ނުދެކޭތީ ފުލުހުން ހުށަހަޅާފައިވާ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
ޕީޖީ އޮފީހުން ބުނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެ ނުދިން މައްސަލަ މިދިޔަ ހޯމަ ދުވަހު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންކަމެއް ސާފުނުވާ ކަމަށް ބުންޏެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާއިރު، އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ގެންދާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ވަނީ ފަށައިފައެވެ.
އެގޮތުން އިއްޔެ ބޭއްވި ޝަރީއަތުގައި ދައުލަތުން ވިދާޅުވީ އަލީ ވަހީދަށް ޖަވާބުދާރީ ނުވެވޭނެ ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓްގެ އިހުތިސޯސްނެތް ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވެވޭނެ ކަމަށްވެސް ދައުލަތުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ ކޯޓުގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެ، ޝަރީއަތުގައި ބައިވެރިވާނަމަ، މައްސަލައިގެ ހުކުމަށް އަސަރު ކުރާނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ދައުލަތުން ވިދާޅުވީ މި މައްސަލައިގައި ކޯޓުގެ އިހުތިސޯސް ނުހިނގާތަނެއްގައި އަލީ ހުރެ، ޝަރީއަތް ހިންގާނަމަ، އެއީ ގާނޫނާ ހިލާފަށް ހިންގޭ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެ ޝަރީއަތުގައި ނިންމާ ނިންމުމަކީ ހުކުމަށް އަސަރުކުރާނެ ނިންމުމެއް ކަމަށެވެ. އަދި އެ ހުކުމް ވެގެންދާނީ ގާނޫނާ ހިލާފު ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުން ވަނީ މި މައްސަލައިގައި ހައި ކޯޓުން އަމަލު ކުރަންވީ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް އެދިވަޑައިގެންފައެވެ. ދައުލަތުން ވިދާޅުވީ މި ފަދަ މައްސަލަތައް އިސްތިއުނާފް ކުރާތާ ގިނަ ވެގެން ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށް ގާނޫނު ބުނާ ކަމަށެވެ. އަދި ޣައިރު ހާޒިރުގަޔާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެގޮތުން ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި އެގޮތަށްވެސް ހާޒިރު ނުކުރެވިއްޖެނަމަ، ކޯޓުތަކުން އަމަލު ކުރާ ގޮތަށް އަމަލު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން އެދުނީ އަލީ ވަހީދު ރާއްޖެ ގެނެސް، ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަދި މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރެއް ނެރެވިދާނެ ކަމަށާއި ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށްވެސް ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ކަމަށެވެ.
އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބު، އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު