ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރި ނަމަވެސް ރާއްޖެއިން ބޭރުން އަންނަ މީހުން ހަތް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތައް އިއުލާނު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
"އެ ބޭފުޅުން ގެންނަވަން ވާނެ 96 ގަޑިއިރު ވެފައިނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް. އަދި އެ ބޭފުޅުން ހަތް ދުވަހަށް ކަރަންޓީނުވެވަޑައިގަންނަވަން ޖެހޭ ގޮތަށް. އެއީ ދެ ޑޯޒް ޖައްސަވައި 14 ދުވަސް ހަމަކުރައްވާފައިވާ ނަމަ ހަތް ދުވަހުގެ ކަރަންޓީނެއް ވެވަޑައިގަންނަވަން ޖެހޭނެ ކަމަށް. އަދި ހަތް ދުވަހުގެ ކަރަންޓީނު ނިމޭއިރުގައި ރިލީޒް ސާމްޕަލެއް ޓެސްޓް ކުރައްވަން ޖެހޭ ގޮތަށް،" މަބްރޫކް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދިވެހިންނާއި ބޭރުގެ ފަރާތްތައް އިސްތިސްނާ ނުވާނެ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ފުރިހަމަ ކޮށްފައިވާ ވެކްސިންގެ ތެރޭގައި ހިމެނޭނީ، ޑަބްލިއުއެޗްއޯއިން މިހާތަނަށް އެޕްރޫވްކޮށްފައިވާ ވެކްސިންތައްކަން މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުން އަންނަ ފަރާތްތައް ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮތް ނަމަވެސް، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ސަރުކާރުން ވަނީ ލުއި ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު