މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި ދައުވާ ކުރީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަހުމަދު މުހައްމަދުގެ މައްޗަށް ކަމަށެވެ.

  • ގާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުން.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 313 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އޮޅުވާލުމުގެ އަމަލެއްކުރުން.
  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 521 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން.

ކަސްޓަމްސްއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 21 ފޮއްޓެއްގައި ބަންދުކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަތަކެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަތުލައިގަނެފަ އެވެ.

ކަސްޓަމްސް އިން އެއިރު ބުނީ އެތަކެތި ބޭރުކުރަން އުޅުނީ ލޮނުމަސްތަކެއްގެ ތެރޭގައި ފޮރުވުމަށްފަހު ކަމަށެވެ.

ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.