ޓްރާންސްޕޯޓް މިނިސްޓްރީން ކުރާ ބައެެއް މަސައްކަތްތައް ކައުންސިލުތަކަށް ބަދަލުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖިލީހަށް ބަަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެ ބިލުގައި ބުނެފައި ވަނީ، އެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ފޯރު ކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެެއްގެ ކައުންސިލަކުން ކަމަށެވެ.

ރަށު ފެންވަރުގައި ނުވަތަ ސިޓި ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހު ކުރަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވަނީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްއާ ބެހޭ ކަންތައްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ހުއްދަ ހޯދުމަށް ސީދާ މާލެ ގޮސް މިނިސްޓްރީއަށް ދާންޖެހޭ ގޮތަށް އޮތުމުން ދަތިތަކާ ކުރިމަތިވާތީ، އެކަންކަން ބޭނުންވާ އެތައް ބަޔަކަށް އެކަން ނުކުރެވިފައި އެބަ ތިބި ކަމަށެވެ.

ނަމަވެސް މި އިސްލާހުގެ ސަބަބުން އެފަދަ ހިދުމަތްތައް ކައުންސިލުތަކުން ލިބެން ފެށުމުން އަތްފޯރާފަށުގައި އެ ހިދުމަތް ހޯދުމަށް ފަސޭހަވެ، ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަމުގެ އުފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބައެއް މެންބަރުން ފާހަގަކުރެވިއެވެ.