ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އަނެއްކާވެސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަމިއްލަ ގައުމުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުން ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ގްރޫޕް ސްޓޭޖުގައި ދެޓީމު ކުޅުނު މެޗުން ބްރެޒިލް ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމުން ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓަކީ ބްރެޒިލްއެވެ.
ބްރެޒިލުގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމުގައި ކުޅުނު ސެމީގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ވަނީ މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނޭމާގެ ހަމަލާއެއްގެ އިތުރުން ރިޗާލްސަން ޖެހި ބޯޅައެއް ޕެރޫ ގޯލްކީޕަރު މަތަކޮށްފައިވާ އިރު، ބްރެޒިލުން ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ނޭމާ ދިން ބޯޅައަކުން ބަރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ.
ދެވަނަ ހާފުގައި ބްރެޒިލް ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުމާއެކު ޕެރޫއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެ ފުރުސަތުތަކަށް ހުރަސް އެޅީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އެޑަސަންއެވެ.
ފަހު ހާފުގައި ބްރެޒިލަށް ލީޑު ފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ނޭމާ އަށެވެ. އޭނާއަށް ހުސްކޮށް ކަހަލަ ގޮތަކަށް ލިބިގެންދިޔަ ފުރުސަތު ދިޔައީ ބޭކާރުވެގެންނެވެ.
ފައިނަލުގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އިން ކޮލަމްބިއާ ދެކޮޅަށް މިރޭ ކުޅޭ ސެމީގެ މެޗުން މޮޅުވާ ޓީމަކާއެވެ.