ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި މާދަމާ ފެށުމަށް ތައާވަލުކޮށްފިއެވެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.

ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގައި އެދިފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއްވެސް ހުށަހަޅައިފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުކޮށްގެން ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

ގާޒީ ހަސަން ސައީދުގެ ނިންމެވުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެމައްސަލަ ހައި ކޯޓުން ބަލައިގެންފައި ވަނީ މިދިޔަ ހަފުތާގައެވެ.

ހައިކޯޓުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 3:30 ގައި އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރި ކަމަށެވެ.

އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބު، އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުލުހުންނަށް ޕީޖީ އެދުމުން ފުލުހުން ވަނީ އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ޕީޖީން އެގޮތަށް އެދުނީ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީއެވެ.