ޝަރުއީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ ކޯހުގެ މުއްދަތީ އެއް މަސް ދުވަހެވެ. ކޯހުގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ ނުވައެކެވެ. އަދި ކޯހުގެ ފީއަކީ 500ރ އެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިހް މުހައްމަދު ތާހާ އެވެ.

ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 8:00 އިން 9:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ އަޤީދާ، އެސްފީނާ، ހަސަދަ، ސިހުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތެވެ.

ޝައިހް ތާހާ ވިދާޅުވީ، ޝަރުއީ ރުޤުޔާގެ ނަމުގައި މިހާރު މުޖުތަމައުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް ދަނީ އޮޅުވާލަމުން ކަމަށާއި އެހެންކަމުން ޝަރުޢީ ރުޤްޔާގެ ސައްހް އިލްމު އުނގެނި، އަމިއްލަ ނަފްސަށާއި އާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް އެ ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަރަބިކް ލޭންގުއޭޖް ކޯހެއްވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޝައިޚް މައުލޫމާތުދެއްވައެވެ.

ޝައިޚް ތާހާ އަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ޑިޕްލޮމާ އިން އެރެބިކް ލެންގުއެޖް އަދި ބެޗެލަރސް ޑިގްރީ އިން އިސްލާމިކް ޝަރީއާ ފުރިހަމަ ކުރައްވައިގެން ހުންނެވި ދީނީ އިލްމުވެރިއެކެވެ. ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ލޯސް (އެލްއެލްއެމް) އަދި ވިލާ ކޮލެޖުން މާސްޓަރސް އޮފް ޝަރީއާ އެންޑް ލޯ އޭނާ ވަނީ ފުރިހަމަކުރައްވާފަ އެވެ.

ގައުމީ ޔުނިވާސިޓީ އިން ފުރިހަމަކުރެއްވި މާސްޓަރސް ގެ ތީސީސް " ދަ އެކްޓް އޮފް ބްލެކް މެޖިކް އެންޑް ދަ ސޯޝަލް ސްޓިގްމާ: ޗެލެންޖެސް ފޯ ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް" އަށް ވަނީ އެއްވަނަ ދަރަޖައިގެ ފާހެއް ލިބިލައްވާފައެވެ.

ޝަރުއީ ރުޤުޔާގެ ދާއިރާގައި ޝައިޚް 10 އަހަރު ހޭދަކުރައްވާފައިވާއިރު، ޝަރުއީ ރުޤުޔާގެ ފުންނާބު އުސް އިލްމުވެރިއެއްކަމަށްވާ އައްޝައިހް ހާލިދް އަލް ހިބްޝީގެ އަރިހުން ވަނީ ޝަރުއީ ރުޤްޔާ އިލްމުގެ ބޮޑުބައެއް އުނގެނިވަޑައިގަންފައެވެ.

ކޯހުގައި ރެޖިސްޓަރވުމަށް ނަން ޖެއްސެވުމަށްފަހު 9461475 ނަންބަރު ފޯނަށް ވައިބާ ކުރެއްވުމުން އެކަން ހަމަޖެހިގެންދާނެއެވެ.