ގުޅިފަޅުން ބައެއް ހިއްކަން 2011 ވަނަ އަހަރު ހަވާލު ކުރި، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން އެއްބަސްވުމުގައިވާ މުއްދަތަށް ވުރެ ފަހުން އެ މަސައްކަތް ނިންމާފައިވާތީ، ލިކުއިޑޭޓެޑް ޑެމެޖާސްގެ ގޮތުގައި 2،476،252.48 މިލިއަން ޑޮލަރު އެމްޑަބްލިޔުއެސްސީއަށް ދެއްކުމަށް ހައިކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

އެ މައްސަލައަކީ އެމްޑަބްލިޔުއެސްސީ އާއި ޖީޕީޑީއާ އެކު 9 އޮކްޓޯބަރު 2011 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކ. ގުޅިފަޅުން 6.25 ހެކްޓަރުގެ ބިމެއް ހިއްކުމަށާއި ތޮށިލުމަށް ހަވާލު ކުރި މުއްދަތަށްވުރެ ލަހުން އެ މަސައްކަތް ނިންމުމުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި އެއްބަސްވުމުގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ފުރަތަމަ ކަނޑަައަޅާފައިވާ ތާރީހަކީ 31 ޖުލައި 2012 އެވެ. ނަމަވެސް ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް، 31 މާޗް 2013 އަށް މަސައްކަތް ނިންމަން ޖެހޭ ތާރީހު ބަދަލުކުރިއެވެ.

ނަމަވެސް އެ މަސައްކަތް ނިންމައި ޖީޕީޑީން އެތަން ހަވާލުކޮށްފައި ވަނީ، 24 ސެޕްޓެމްބަރު 2013 ގައެވެ.

އެހެންކަމުން ބަދަލުުގެ ގޮތުގައި 3،105،941.61 މިލިއަން ޑޮލަރު ދެއްކުމަށް އެމްޑަބްލިޔުއެސްސީން ޖީޕީޑީއަށް އެންގިއެވެ. ނަމަވެސް އެފަރާތުން ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން އެމްޑަބްލިޔުއެސްސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން 2016 ވަނަ އަހަރު އެ މައްސަލަ ނިންމައި ޖީޕީޑީގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ރިޓެންޝަން ފައިސާގެ ގޮތުގައި ދައްކަންޖެހޭ 629،689.13 ޑޮލަރު އެމްޑަބްލިޔުއެސްސީން ޖީޕީޑީއަށް ދައްކާފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމްޑަބްލިޔުއެސްސީން ނަގައި ދިނުމަށް އެދުނު 3،105،941.61 މިލިއަން ޑޮލަރުގެ ތެރެއިން އެމްޑަބްލިޔުއެސްސީން ޖީޕީޑީއަށް ދައްކަންޖެހޭ އަދަދު އުނިކުރުމަށްފަހު ޑެމޭޖުގެ ގޮތުގައި އެމްޑަބްލިޔުއެސްސީއަށް ހައްގުވާ 2،476،252.48 ޑޮލަރު ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ބާތިލު ކުރުމަށް ޖީޕީޑީން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

އެ މައްސަލަ ޖީޕީޑީން ސުޕްރީމް ކޯޓުގައި ކުރުމުން އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ޖީޕީޑީން ހުށަހެޅި ކަންކަމަށް ބަލާ އިރު، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުން ކަމަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި އަމުރު ކުރާ ކަމަށް ބުނެފައިވެއެވެ.