އެއް އަހަރުފަސް
ހަށިގަނޑަށް އަޅަމުންދިޔަ ވޭން އެއްކޮށްގެން ކެނޑިގެން ދިޔަހެން ހީވީ ދެވަނަ ދަރިފުޅުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނު ވަގުތުގައެވެ. ހީވީ ދެލޮލަށް ފިނި ރޯޅިއެއްގެ އިހުސާސް ކުރެވިގެން ދިޔަހެންނެވެ. ހަށިގަނޑުން ބުރިވެގެން ދިޔަ ނާރުތައް އަލުން ގުޅުނު ހެންނެވެ. ތަދެއް ހުއްޓަސް ދާދި ދެންމެއަކު އެރި ވަރެއް ނޫނެވެ. ވަރުބަލިކަމުގެ ތެރެއިން ހިތުގައި މައިވަންތަކަމުގެ ލޯތްބެއް އުތުރި އަރައިގަތެވެ. އެތައް ދުވަހަކުން ފެށިގެން އަހަރެން ކުރި ދިގު އިންތިޒާރަށް ނިމުން ގެނުވި ވަގުތުކޮޅެވެ.
"އިޓްސް އަ ބޯއީ" ވަރުބަލިކަމާއެކު އަހަރެންނަށް ބަލައިލެވުނީ ދާދި ކައިރިން އިވުނު އަންހެން އަޑަކަށެވެ. އަޑަކަށެވެ. މޭމަތީގައި ސާފުނުކޮށް އޮތް އަހަރެންގެ ދެެވަނަ ދަރިފުޅަށް ލޯބިން ފުރިގެންވީ ބެލުމަކުން އަހަރެންނަށް ބަލައިލެވުނެވެ. ފިރިހެން ދަރިފުޅު ދުނިޔެއަށް އައީ އަންހެން ދަރިފުޅު ދުނިޔެއަށް އައިތާ ހަތް މިނިޓް ފަހުންނެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އަހަރެންނަށް މޭމަތީގައި އޮތް ކުޑަކުޑަ ފުރާނައިގެ އަތުގައި ހިފައިލެވުނެވެ. ދެލޮލުގެ އަރިމަތިން ވެއްޓިގެން ދިޔަ ކަރުނަތިކި ހިނދިގެން ދިޔައީ އަހަރެން އިސްތަށިގަނޑު ތެރެއަށެވެ.
"އަދިވެސް ތަދުވޭތަ؟" އެ އިވުނީ ހުމެއިރާގެ އަޑެވެ. އެއީ މިހާރު އަހަރެންގެ އާއިލާއަށް އިތުރުވާން އުޅޭ އާ މެންބަރެވެ. ސީނިއަރ ނަރުހެކެވެ.
ދެކުދިން ސާފުކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ ބޭރުގައި ތިބި އާއިލާ މީހުންނަށް ދައްކާލާށެވެ. އަހަރެން އެމަންޒަރު ބަލަން އޮވެވުނީ ހިނިތުންވެލައިގެންނެވެ. ދެކުދިންގެ މޫނު ފެނުމާއެކު މީގެ އިރުކޮޅެއްކުރިން އަހަރެންގެ ހަށިގަނޑަށް އަޅަމުންދިޔަ ވޭންތައް އެކީ ހަނދާން ނެތިއްޖެއެވެ. އާއިލާ ފުރިހަމަވީ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ބޭރުގައި ތިބި އާއިލާ މީހުންގެ ހިނިތުންވެފައިވާ މޫނުތައް ހިތުތެރޭގައި ސިފަވެގެން ދިޔައެވެ.
"މަލްދައްތަ އެއްވެސް ތަނެއްގަ ރިއްސާތަ؟" ހުމެއިރާ އެހިއެވެ. އަޅައިގެން ހުރި ހެދުން ބާލާފައި މިހާރު އޭނާ ހުރީ އާދައިގެ ހެދުމެއްގައެވެ.
"ތަދެއްނުވޭ. އަހަރެން މިތަނުން ނެރެންވީނުން. ވިހަން އުޅޭ ކުދިން ރޯއަޑު އިވޭތީ އަހަރެންނަށް ވަރަށް އުނދަގުވޭ އެބަ، ﷲ އެކުދިންނަށް އަޅަމުން އެދާ ވޭންތައް ލުއިކޮށްދެއްވާށި" އަހަރެންނަށް ބުނެވުނެވެ.
"އެބަ އާދޭ ނެރެން. މިހާރުވެސް ވިއާންބެ ހުރީ އިންތިޒާރުގަ" ހީލާފައި ހުމައިރާ ބުނެލިއެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟ އަހަރެން ވަރަށް އެއްޗެހި ގޮވިތަ؟" އަހަރެން އެހީމެވެ.
"ހެހެހެ... އާނ ގޮވި. ބުނި ދުވަހަކުވެސް ނުވިހާނަމޭ. އަދި ދޭތެރެއަކުން ބުނި ތިމަންނަ ނުވިއްސާށޭ. ސިޒޭރިއަން ހަދައިގެން ބޭބީސްތައް ނަގާށޭ" ހުމެއިރާ ބުނެލިއެވެ. އަހަރެން ލަދުގަތެވެ. ތުންފަތުގައި ދަތްއެޅުނެވެ.
"އެކަމު މަލްދައްތައަށް އެނގޭތަ، ސިޒޭރިއަން އަކަށް ވުރެ ސޭފްވާނީ ވިހުން. އޭރުން ވިހެއުމުގެ ވޭންވެސް އެކްސްޕީރިއަންސް ކުރެވޭނެ. އަނެއްކާ މަލްދައްތަގެ ނުޖެހުނު ކުޑަ ތަންކޮޅެއްވެސް ކަފާލާކަށް. ޔޫ އާ ވެރީ ލަކީ. ތިންވަނަ ބޭބީއެއް ހޯދައްޗޭ ވަރަށް އަވަހަށް" ހުމެއިރާ ބުނެލިއެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލާފައި އަހަރެން މަނާކުރީމެވެ.
"ކޮބާ ހުމޭގެ ޔާނު؟ އާއިލާއަށް ތިންވަނަ ބޭބީ ގެންނަންވީ ތިދެކުދިން" އަހަރެން އެހީމެވެ. އެވަގުތު ހުމައިރާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.
"ދެން ހެވޭ ލަދުނުގަތަސް. ކުރިން މަޑުކުރީ އަހަރެން ވިހަންދެކަށޭ ކިޔާފައެއްނު. މިހާރު މިކަންވެސް މި ނިމުނީ. ދެން އެންމެ މުހިންމުކަމެއް ދޭނީ ހުމޭ އާ ޒިޔާންގެ ކައިވެންޏަށް" އަހަރެން ބުނީމެވެ.
ހުމެއިރާއަކީ މީގެ ދުވަސްކޮޅެއް ކުރިން ޒިޔާން ލޯބީގެ ގޮތުން ގުޅުނު އަންހެންކުއްޖާއެވެ. ހައްޔަރަށް ގެންދިޔަތާ ތިންމަސް ވީތަނާ ޒިޔާން ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ. ދައުވާކުރަން ފަރާތުން ދައުވާ ދޫކޮށްލިޔަސް މައްސަލަ އޮތީ ޕީޖީގައެވެ. އެހެންކަމުން ޝަރީޢަތް ފަށަންދެން ޒިޔާން މިނިވަންކުރިއެވެ. ގެއަށް ދޫކުރިޔަސް ޒިޔާން ގެއަށް ނައިސް އުޅުނީ އެކި ތަންތަނުގައެވެ. އޭނާ ގެއަށް ގެނައީ ވިއާނެވެ. ޒިޔާންގެ ބަދަލުވެފައިވާ މިޒާޖު ފެނިފައި ހުރިހާ މީހުން އޭނާއަށް މަޢާފްކުރިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަދިވެސް އޭނާ ބޮޑު ހުކުމެއްގައި ބެދޭނެތީ އެވާހަކަ އާއިލާތެރޭގައި އަބަދުވެސް ދައްކައެވެ. ހުމެއިރާ އާއި ޒިޔާން ދިމާވީ ހޮސްޕިޓަލުންނެވެ. ހުމެއިރާގެ ބައްޕަ މަގުމަތީ އެކްސިޑެންޓެއްގައި ބޯފަޅައިގެން ދިޔުމުން ހޮސްޕިޓަލަށް ގެނެސްދިނީ ޒިޔާނެވެ. ހުމެއިރާއާއި ޒިޔާންގެ އެކުވެރިކަން އުފެދުނީ އެހިސާބުންނެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ހުރި ވިއާނަށް ބަލަހައްޓައިގެން އަހަރެންނަށް އޮވެވުނީ ހިނިއައިސްފައެވެ. ފިރިހެން ދަރިފުޅު ގޮވައިގެން އޭނާ ހިނގަމުން ދިޔައީ ފުށްގަނޑެއް ފަދަ އެ ދަރިފުޅާ ވާހަކަދައްކަމުންނެވެ. އަންހެން ދަރިފުޅު ވީ މާގިނައިން ރޯ ކުއްޖަކަށެވެ. އެހެންކަމުން މަންމަ އިނީ އަންހެންދަރިފުޅު އުނގުގައި ބާއްވައިގެން މަޑުމަޑުން ތަޅުވާލަތަޅުވާލައެވެ. މާމައަކަށް ވެ އަލަށް ކުރެވުނު ތަފާތު އިހުސާސާއެކު މަންމަގެ ތުންފަތްމަތީގައިވެސް ވަނީ ތަފާތު ހިނިތުންވުމެކެވެ.
"މަންމަ އަނެއްކާ ތިބާއްވަނީ. އެމަންޖެއަށް އެނގެޔޭ ތަންމަތީގައި ޖެހުނީމަ. އެހެންވެގެނޭ ރޯންފަށަނީ. ކޮބާ އަޅުގަނޑު ބުނީމެއްނު" އަންހެންދަރިފުޅު ކުޑަ އެނދުގައި ބޭއްވުމާއެކު އަނގައިގައި ރޫރު އަޅުވާލާފައި ރޮއެގަނެއްޖެއެވެ. އެންމެފަހުން މަންމަ ޖެހުނީ ދަރިފުޅު ނަގާށެވެ.
"މަންމި ގޮތަށް އަބަދު ރޯކުއްޖެއް ދޯ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އަދި އަހަރެމެން ދެމީހުންގެ މެދުގައި މާނަފުން ހީލުމެއް ބަދަލުވެގެން ދިޔައެވެ.
"މާމަ ރަނގަޅެއްނު. އުމުރުން ދުވަސްވާވަރަކަށް މާމަ ހަލަނި ވަނީ. މިތާ ހުރެފަ މިހާރު އެދިޔައީ ކޮންތާކަށް؟" ކޮޓަރީގެ ދެފަރާތް ހޯދައި ބަލައިލަމުން އަހަރެން ބުނީމެވެ.
މާގިނައިރު ނުވަނީސް ޒިޔާންގެ އަތުގައި ހިފައިގެން ހުރެ އެވަނީ މާމައެވެ. އަދިވެސް ޒިޔާނަށް އިސްއުފުލާ އަހަރެންނަށްވެސް އަދި މަންމައަށްވެސް ބަލަން ނުކެރެއެވެ. އެހެންނަމަވެސް އޭނާ ބަދަލުވެފައިވާ މިންވަރު އޭނާގެ މޫނުމައްޗާ ދެލޮލުން ހެކި ދެއެވެ. މާމަ އާ ޒިޔާންގެ ފަހަތުގައި ހުމެއިރާވެސް ހުއްޓެވެ.
"އެއޮށް އައީ ހުރިހާ ކުދިންގެ ދޮންބެ" ޒިޔާން އަތަށް ފިރިހެން ދަރިފުޅު ވިއާން ލައި ދީފިއެވެ. އެދަރިފުޅު މޫނާ މޫނު ކައިރިކޮށްލާފައި ވަރަށް ފުން ނަޒަރަކުން ޒިޔާން ބަލައިލިއެވެ. ދެން ފެނުނީ އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓުނު ތަނެވެ.
"ދޮންބެ އެކަންޏެއްނޫނޭ. ދޮންބެދައްތަ ވެސް އެބަހުރި" އަހަރެން ބުނީމެވެ. ޒިޔާންގެ ނިވަލުގައި ހުރި ހުމެއިރާ އިނގިލީގައި ދަތްއަޅައިލި ތަން އަހަރެންނަށް ފެނުމުން ހެވުނެވެ.
"އާދޭ ދަރިފުޅާ. ތިހާ ބީރައްޓެހިވެފަ ނުހުރޭ. ތިއީ މިހާރު މަންމަގެވެސް ދަރިއެއް" ހުމެއިރާގެ އަތުގައި ހިފައި ކައިރިއަށް ގެންނަމުން މަންމަ ބުނެލިއެވެ. މަންމަ އިން ގޮނޑިން ތެދުވެފައި ހުމެއިރާ ބޭންދިއެވެ. އެއަށްފަހު ހުމެއިރާގެ އަތަށް އަންހެން ދަރިފުޅު ލައިދިނެވެ.
އިރުކޮޅަކުން ރީޝަމް އާ އާލިމް ހަދިޔާ ކޮތަޅުތަކެއް ހިފައިގެން އައިސް ވަނެވެ. ޝާހިދުގެ ދެމަފިރިން އައިސް ވަނެވެ. އަހަރެންގެ ކޮލެޖްގެ ބައެއް އެކުވެރިން އައެވެ. މާމަގެ އެންމެ ގާތް ރަހްމަތްތެރިޔާވެސް އައެވެ. އިސާހިތަކު މުޅިތަން ހަލަބޮލި ވެއްޖެއެވެ.
ރޭގަނޑު އަށެއް ޖެހުމާ ހަމައަށް ތަން ހަމަހިމޭންވެއްޖެއެވެ. ރޭގަނޑު އަހަރެން ކައިރީގައި ހޭލާ ހުންނަން ހަމަޖެހުނީ މަންމައެވެ. އެހެންކަމުން މާމަ މަޑުކޮށްފައި މަންމަ ގެއަށް ދިޔައީ ކޮންމެހެން ބޭނުންވާނެ އެއްޗެހި ބަލައެވެ. ކޮޓަރި ތެރޭގައި ތިބީ އަހަރެންނާ މާމަ އާ ވިއާނެވެ. ކައިރީގައި އިން ވިއާން އެއްވަރަކަށް އަހަރެންގެ އަތުގައި ފިރުމަމުން ދިޔައިރު އޭނާގެ ލޮބުވެތި ނަޒަރު ހުރީ އަހަރެންނަށް ހުއްޓިފައެވެ. އޭނާގެ ދެލޮލުން އަހަރެންނާއެކު އެކަނިވެލަން ބޭނުންވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. މާމަ އިނުމުން އޭނާ އަހަރެން ކައިރީގައި ބުނަން ބޭނުންވާ އެއްޗެއް ނުބުނެވިފައި އިން ކަހަލައެވެ.
"ކޮބާ މިހާރު މާމަ ބުނި ހަގީގަތް ގަބޫލުކުރެވިއްޖެތަ؟ ދަރިފުޅަށް އެކަލާނގެ ދެއްވީ އެންމެ ދަރިއެއްނޫން. ދެ ދަރިން. އެކަލާނގެއަށް ވަކީލުކޮށް މާމަގެ ބަސްޤަބޫލުރީތީ އެކަލާނގެ ދަރިފުޅަށް އެދެއްވީ ކިހާ މަތިވެރި ނިޢުމަތެއް. ކެތްތެރިކަމުގެ މޭވާއަކީ ފޮނި އެއްޗެއް" މާމަ ވާހަކަދެއްކިއެވެ. މާމަގެ ވާހަކަތައް މިއަދު އަހަރެންނަށް ޤަބޫލުކުރެވިއްޖެއެވެ. ކައިރި ކައިރީގައި ހުރި ކުޑަ ދެ އެނދުގައި ނިދާފައި ތިބި ދަރިންނަށް އަހަރެންނަށް ބަލައިލެވުނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"އެހެންވެ ބުނަނީ ދިރިއުޅުމުގެ ހަޔާތުގައި ގޮންޖެހުންތަކާ ކުރިމަތިވުމަކީ އާންމުކޮށް ހިނގަމުންދާ ކަންކަމޭ. ދުނިޔޭގައި ކާމިޔާބު މީހުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ގޮންޖެހުންތަކާ ކުރިމަތިވެ އެކަންކަމުން ކާމިޔާބު ހޯދާފައިވާ މީހުން" މާމަ ވާހަކަދެއްކިއެވެ. އަހަރެންނަށް މާމައަށް ބަލައިލެވުނީ ޝުކުރުވެރި ލޮލަކުންނެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއެކު ދިރިއުޅެން އަހަރެންނަށް ހިތްވަރު ދިން މީހަކީ މާމައެވެ. ވިސްނުންތެރިކަމާއެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން އަހަރެން ބުނެދިނީ މާމައެވެ. ދިރިއުޅުން މަތިން ފޫހިވެ އެތައް ތަނަކަށް އަހަރެން ވެއްޓި ނުތެދުވިފައި ވަނިކޮށް އަހަރެން ނަގައި ކޮޅަށްޖެހި މީހަކީވެސް މާމައެވެ. އެހެންކަމުން މިއަދު އަހަރެންނަށް ލިބިފައިވާ އުފާވެރިކަމަކީ ޝައްކެއްވެސް ނެތް ގޮތުގައި ހެއްދެވިފަރާތުގެ އިރާދަފުޅެވެ. ދެން ލޯބިވާ މާމައެވެ.
މުޅިން އާ ދުވަހެކެވެ. ހޮސްޕިޓަލުގައި ތިންވަނަ ދުވަހެވެ. އަންހެންދަރިފުޅުގެ އިތުރު ޓެސްޓަތަކެއް ހަދަންޖެހޭތީ އަދި ގެއަށް ދުލެއް ނުކުރެއެވެ. ވިއާން އަހަރެންނާ ދުރަށް ދަނީ ހަމައެކަނި ފެންވަރާލާށެވެ. އާލިމް އާ އެކު މަދު ފަހަރެއްގައި ނޫނީ ބޭރަށް ނުނިކުމެއެވެ. މިހާރުން ފެށިގެން އަހަރެންނަށް ވިއާންގެ ފުށުން ޒިންމާދާރު ބައްޕައެއްގެ ފަރާތުން ފެންނަ ހުރިހާ ސިފައެއް ފެންނަން ފަށައިފިއެވެ.
"ހަތްވަނަ ދުވަހު މިކުދިންނަށް ނަން ކިޔަންޖެހޭނެ. ދަރިފުޅުމެން ނަމެއް ވިސްނައިފިންތަ؟ އަހަރެންނަށް ކިރުތައްޓެއް ގިރަން ހުރި މާމަ ބުންޏެވެ. އަހަރެން ހުރީ އަންހެންދަރިފުޅު ރޯވަރުން ނަގައިގެން ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލައެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ.
"ހޯދައިފިން. ދެ ނަންވެސް ހޯދީ މަލް. މާނަވެސް ވަރަށް ރީތި" ވިއާން ބުނެލިއެވެ.
"މަރިޔަމް އާނާ ބިންތި އަހްމަދު ވިއާން. ދެން މުޙައްމަދު މާހް ބިން އަހްމަދު ވިއާން" އަހަރެން ބުނީމެވެ. އަހަރެން ފަދައިން އެ ނަންތައް މާމައަށްވެސް ވަރަށް ކަމުދިޔައެވެ.
"މާމައަށް ހާދަ ހީވެޔޭ ދަރިފުޅުމެންނާ ދެ ނަން ގުޅުވާލާފަހެން" މާމަ ބުނެލިއެވެ. އަދި އަހަރެން އަތުގައި އޮތް ކުޑަ ދަރިފުޅު ނަގާ މާމަ އުރާލިއެވެ. ކަބަޑު މަތީގައި ހުރި ކިރުތަށި ހިފައިގެން އައިސް އަހަރެން އިށީނީ އެނދުގައެވެ.
"ލައްބަ މާމާ. އާނާ އެއީ ވިއާނާ ގުޅުވައިގެން. މާހް އެއީ މަލްހާ އާ ގުޅުވައިގެން" އަހަރެން ބުނީމެވެ.
އަހަރެން އެންމެ އިންތިޒާރުކުރި ވަގުތު އައިސް ޖެހިއްޖެއެވެ. ދަރިންނާއެކު ސަލާމަތުން ގެއަށް އާދެވިއްޖެއެވެ. އަހަރެއް ފާއިތުވެގެން ދިޔައިރު އަހަރެމެންގެ ދިރިއުޅުން ވަނީ ހުޅުމާލެއަށް ބަދަލުވެފައެވެ. އޮފީހުގެ ފަރާތުން ވިއާނަށް ލިބުނު އެޕާޓްމަންޓެކެވެ.
ގެއަށް ވަނުމާއެކު އަހަރެންނަށް ލިބުނީ އިތުރު އުފާވެރިކަމެކެވެ. އަހަރެންނާ ދަރިންނަށްޓަކައި ގޭތެރެ ވަނީ ޒީނަތްތެރިކޮށްލާފައެވެ. އެއީ ޒިޔާނާ ހުމެއިރާގެ މަސައްކަތްކަން އަހަރެންނަށް އެނގުނެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހުމެއިރާ އައިސް އެއް ދަރިފުޅު އަތުގައި ހިފައިފިއެވެ.
"މިއަދު މިއީ ހަތްވަނައަށް ވީ ދުވަސް. ސުންނަތުން އައިސް ހުރި ކަންތައްތަކައިގެ ދަރިފުޅު އުޅެންވީ. އެކަންތައް މާމަ ނުޖެހޭނެ ދަރިފުޅަށް ބުނެދޭކަށް" މާމަ ބުނެލިއެވެ. ވިއާން ވަގުތުން ބޯޖަހައިލިއެވެ.
"މިއަދު ވާނެ ބުރަ ދުވަހަކަށް. މިއަދު ދެކުދިންގެ ނަން ފާސްވާނެ. އިރުއޮށްސެން ވާއިރަށް މި ޕާރުސަލްތައް ބަހައި ހުސްކުރަންވާނެ. މިރޭ މިއީ ބޮޑު ރެއެއް. ހުމޭ ރަންކިޔާ ގޮތަށްވެސް ހަމަޖެހުނީ މިރޭ" ގޭތެރޭގައި އެއްކަމެއް ކޮށްލާފައި އަނެއް ކަމެއް ކުރަން އުޅުނު މަންމަ ވާހަކަދެއްކިއެވެ. އަހަރެންނަށް ލިބުނު އުފަލުގެ ކޮޅެއް ނެތެވެ. އާނާ އުރާލައިގެން ހުރި ހުމެއިރާގެ ދެކޮނޑުގައި ހިފާލާފައި ބައްދައިލެވިއްޖެއެވެ.
"ކުއްލިއަކަށް ހާދަ އަވަސްވީ" ހޮސްޕިޓަލުން ގެނައި ކޮތަޅުތައް ސޯފާގައި ބަހައްޓަމުން ވިއާން ބުނެލިއެވެ.
"ތިއަށް ޖަވާބުދޭނީ ޒިޔާން" މަންމަ ބުނެލިއެވެ. ޒިޔާން ބަސްމަދުވެފައި އިންނާތީ މަންމަ ބޭނުންވީ އޭނާ ލައްވާ ވާހަކަދައްކުވަން ކަންނޭނގެއެވެ.
"ހުމޭގެ ބައްޕަ ބޭނުންވަނީ ކައިވެނި އަވަސްކުރަން. ހަތްދުވަސް ފަހުން ކައިވެނިކޮށްގެން މެލޭއަށް ބަދަލުވާން. އެއި ހުމޭގެ ކިޔެވުން ކޮމްޕްލިޓް ކުރަންވެގެން" ޒިޔާން ބުންޏެވެ. އެކަމަށް އެއްވެސް މީހަކު ފާޑު ނުކިޔައެވެ. ހުމެއިރާގެ ބައްޕަ ޢަބްދުލް ބާރީއަކީ ނުފޫޒުގަދަ ސިޔާސީ ވެރިއެކެވެ. މީހުންގެ އިތުބާރާ ލޯބި ހޯދާފައިވާ ޝަޙްސިއްޔަތެއްގެ ވެރިއެކެވެ. ހުމެއިރާގެ ދުނިޔޭގައި ހުރި މީހަކީ ހަމައެކަނި އޭނާގެ ބައްޕައެވެ.
"މިގޭގަ ރަންކިޔުން އޮތީ" އިތުރަށް މަންމަ ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނިކުތްއިރު ވިއާން ފެންނަން ނެތެވެ. ކުޑަ އެނދުގައި ލޯބިކޮށް އާނާ ނިދާލާފައި އޮތެވެ. ޖެހިގެން ހުރި އެނދުގައި މާހްއެއް ނެތެވެ. އަހަރެން ކޮޓަރިން ނިކުންނަން އުޅެނިކޮށް މާހް އުރައިގެން ހުރި ވިއާން އެތެރެއަށް ވަނީ ބެލްކަނީގައި ހުރެފައެވެ.
"ވިއާން.. ސާބަހޭ. މިއީ ރޭގަނޑޭ. ބޭބީސް މިގަޑީގަ ރޭގަނޑު ބޭރަށް ނުނެރޭނެއޭ" އަހަރެން ބުނީމެވެ. އެވަގުތު ވިއާން ތުންފަތުގައި އިނގިލި ހުރަސްކޮށް އަޑެއް ނުލައްވަން އަހަރެން ކައިރީގައި ބުންޏެވެ. މަޑުމަޑުން ގޮސް މާހް އެނދުގައި ބާއްވާފައި އޭނާ ހިންދެމިލިއެވެ. ބޮލުގައި އޮތް ތުވާލި ނައްޓުވާފައި އަހަރެން އެނބުރިލިއިރު ވިއާން ހުރީ ގާތުގައި ޖައްސާފައެވެ. އަހަރެން އުނގަނޑުގައި ހިފާ ގާތަށް ދަމައިލިއެވެ. ލާނެއް ބެލުމަކުން އަހަރެންނަށް ބަލައިލާފައި އެއްލޯ މަރާލައިފިއެވެ.
"ސާބަހޭ. އަހަރެމެންނަކީ މިހާރު މުސްކުޅިން އެނގޭ. ދަރިންގެ ކުރިމަތީގައި ހަޑިކޮށް އުޅޭކަށް ނުވާނެ" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ.
"އެހެންތަ. މަލް މުސްކުޅިވީތަ؟ ގައިމުން އަދި އަހަރެން މުސްކުޅިއެއްނުވޭ. އަހަރެންގެ ހިތް އަދިވެސް ވަރަށް ޒުވާން. ގިނަ ދުވަސްވީމަ އަހަރެން މިހުރީ މަލްގެ ބީހުންތަކަށް ފެންބޮވައިގަނެފަ. އަހަރެންނަށް މިކުރެވޭ އިހުސާސް މަލްއަށް ނުކުރެވޭތަ؟" ވިއާން އަހަރެން ދެއަތް މައްޗަށް އުފުލާލައިފިއެވެ.
"އެކަމު. ދެންމެ މިއައީ ފެންވަރައިގެން" އެނދުގައި ބޭއްވުމާއެކު އަހަރެން ބުނީމެވެ. އެވަރު ކަމެއްތަ؟ ދެކުދިން އެކުގައި ފެންވަރާލީމަ ކިހާ މަޖާވާނެ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. ވިއާންގެ ލޯބިވެތި ސަމާސާތަކާ އަހަރެން ގަޔާވިއެވެ. އޭނާގެ ކޮންމެ އިޝާރާތަކަށް އަހަރެން އިޖާބަ ދެވެން ފަށައިފިއެވެ.
"އަހަރެންނަށް ހީވަނީ ދަރިން ލިބުނީމަ މާބޮޑަށް ވިއާން ރޮމޭންޓިކް ވެއްޖެހެން" އަހަރެން ބުނީމެވެ. ވިއާންގެ ދެލޮލުން ދެމުންގެންދާ ސިގްނަލްތައް އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.
"އަދި ލިބުނީ ދެ ދަރިން. ދެން ވިސްނަބަލަ އިތުރު ދަރިން ލިބުނީމަ އަހަރެން ރޮމޭންޓިކް ވާނެވަރު" ވިއާން ބުނެލިއެވެ.
"ތިބުނީ؟
"މިބުނީ ތިންވަނަ ދަރިފުޅަކު ހޯދަން އަހަރެން ހަމަ ރެޑީއޭ. މިހެން އަބަދުވެސް ލޯބިން ބުނާހިތްވޭ" ވިއާން ބުނެލިއެވެ.
"ވަޓް...؟ ނޯ.... ނޯ.... ވިއާން" ވިއާން އަހަރެންގެ ބަނޑުގައި ކޮށްޓައިގަތެވެ. ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމައިލިއެވެ. އަހަރެންގެ އަނގަމަތީގައި ވިއާން އަތްއެޅީ އަހަރެންގެ ހުނުމުގެ އަޑުން ދަރިންނަށް ހޭލެވި އެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް އައިސްދާނެތީއެވެ. ކުއިލްޓުން ދެމީހުންގެ ހަށިގަނޑު ފޮރުވާލީ ވިއާނެވެ. އެއްއަތުން ބެޑް ލައިޓްގެ އަލި ފަނޑުކޮށްލިއެވެ. އެއާއެކު ވިއާން ފަދައިން މުޅި ކޮޓަރިތެރެއިން ރޮމޭންޓިކް ކުލަވަރެއް ފާޅުވެލިއެވެ. ހިތަށް ހިތްހަމަޖެހުން ގެނުވައިދިން ތަފާތު ފަނޑު އަލި ކަމެކެވެ. އަހަރެންގެ ހަޔާތްވެސް އުޖާލާވެގެން އައީ އެފަދަ އަލިކަމެއްގެ ތެރެއިންނެވެ. ދެމީހުން ލޯބިން އިންދި ގަހުގައި މޭވާ އެޅީވެސް މިފަދަ އަލިކަމެއްގެ ތެރޭގައި ލޯބީގެ އެކި ސަމާސާތަކުގައި ވަނިކޮށެވެ.
"އަހަރެންވެސް.... ތިނަން.... ވިއާން.... ވަރަށް ލޯބިން ބުނާހިތްވޭ" ދުލުން ނުބުނެވުނަސް އަހަރެންގެ ހިތުގައި ވިއެވެ.
(ނިމުނީ)
ވާހަކަ
ވާހަކަ