ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ، ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެ، އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތައް އަރައިގަންނަމުންދާ އިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށެވެ.
ރޭޕު ކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން ރޭޕު ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުންދާތީ އާއި އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތް ތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު