އިންޑިއާގެ މަޝްހޫރު ޑްރާމާ ސިލްސިލާ ''ކިޔޫ ކީ ސާސް ބީ ކަބޫ ބަހޫ ތީ'' އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ ޑްރާމާ ސިލްސިލާއެކެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލު ވެގެންދިޔަ މި ޑްރާމާ ސިލްސިލާ ދައްކަން ފަށާފައިވަނީ 3 ޖުލައި 2000 ވަނަ ދުވަހުއެވެ. އެއީ މީގެ 21 އަހަރު ކުރިއެވެ.

މެދުނުކެނޑި އަށް އަހަރު ވަންދެން މި ޑްރާމާ ދެއްކުމަށްފަހު އެންމެފަހު އެޕިސޯޑު ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައި ވަނީ 6 ނޮވެމްބަަރު 2008ގައެވެ.

އިންޑިއާގެ ޓީވީ ކުންފުނި، ބާލާޖީ ޓެލެފިލްމްސްގެ ކުޑައިގެ ދަށުން އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު އުފައްދާފައިވާ މި ޑްރާމާ ސިލްސިލާއަކީ އިންޑިއާގައި 1000 އެޕިސޯޑު ފުރިހަމަކޮށް ''ލިމްކާ ބުކް އޮފް ރެކޯޑްސް'' އަށް ނަން އެރި ފުރަތަމަ ޑްރާމާ ސިލްސިލާއެވެ.

މި ޑްރާމާއަށް 21 އަހަރު ފުރުމާ ގުޅިގެން އެ ޑްރާމާއިން މަޝްހޫރުވި ތުލްސީގެ ރޯލު ކުޅެދިން ސްމިރްތީ އިރާނީ ވަނީ، ޝޯގެ ވީޑިއޯކޮޅަކާ އެކު ހާއްސަ މެސެޖެއްދީފަ އެވެ.

ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވާ މެސެޖުގައި މީގެ 21 އަހަރު ކުރިން ދައްކަން ފެށި އެ ޑްރާމާ އިން ގިނަ ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް ގެނުވި ކަމަށާއި އެ ހަނދާންތަކަށް އޭނާ ޝުކުރުއަދާ ކުރާ ކަމަށް ބުނެފައިވެއެވެ.