ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ މިއަދު 2:00 އަށެވެ.

އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަންޖެހޭ ހާލަތެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ޖޫން މަހުގެ 17 ގައެވެ. އައްމަޓީ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ. އެއީ މާލެ އިން ފުރައިގެން ނުދިއުމާއި ރާއްޖެއިން ބޭރަށްވެސް ނުދިއުމަށް ޝަރުތުކޮށްފައެވެ.

ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގައި އައްމަޓީގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އޭނާގެ ބަލި ހާލަތެވެ. މައިބަދައިގެ ދެ ބަދައެއް ފިތި މައިނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށް އަައްމަޓީ ފާހަގަކުރިއެވެ. އަދި ބުނީ، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފިލައިގެންވެސް ނުދާނެ ކަމަށެވެ. އެއަށްފަހު އައްމަޓީ އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ.

ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރިއެވެ. އައްމަޓީއަކީ މީގެ ކުރީންވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށް ޕީޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރި ކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގައެވެ. 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނަސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.