ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމު ''ޝޯލޭ'' ނުކުޅެ ދޫކޮށްލި ސަބަބު، އެ ފިލްމު ރިލީޒް ކުރިތާ 46 އަހަރު ފަހުން ޝަތުރުގަން ސިނާ ނުވަތަ ދިވެހިން ދަންނަ ނަމުން ނަމަ ސަތަރޭ ހާމަކޮށްފިއެވެ.

ޝޯލޭގެ ބަތަލަކަށް އެންމެ ފުރަތަމަ ހަމަޖެއްސީ އަމީތާބު ބަޗަން އެއް ނޫނެވެ. އަދި ގައްބަރުގެ ރޯލަށް ފުރަތަމަ ކަނޑައެޅީ އަމްޖަދު ހާނެއްވެސް ނޫނެވެ. ފިލްމު އުފެއްދި ރަމޭޝް ސިއްޕީ އެންމެ ފުރަތަމަ ގައްބަރުގެ ރޯލު ހުށަހެޅީ ޑެނީ ޑެންޒެންޕާއަށް އަދި އަމީތާބު ފެނިގެންދިޔަ ޖޭގެ ރޯލު ހުށަހެޅީ ސަތަރޭ އަށެވެ.

ނަމަވެސް އެހެން ފިލްމުތަކުގެ ޝޫޓިންތަކުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ޝޯލޭގެ ފުރުސަތު ޑެނީއަށް ގެއްލުނެވެ. ސަތަރޭ ބުނީ، އޭނާއަށް ހުށަހެޅި ރޯލުވެސް ދޫކޮށްލަން ޖެހުނީ ޝެޑިއުލްތަކުގެ ސަބަބުން އޭނާއަށްވެސް ފިލްމަށް ވަގުތު ހުސްކުރެވޭނެ ގޮތެއް ނުވުން ކަމަށެވެ.

''ފިލްމު ކުޅެން އެއްގޮތަކަށްވެސް ސޮއިކުރަން ވަގުތު ނުދެވުނު. އެކަމާ ދެރަވެސްވޭ އެކަމު އުފާވެސްކުރަން. އަހަރެންގެ ގާތް ރަހުމަތްތެރިޔާ އަމީތާބު ޝޯލޭގެ ސަބަބުން ކުރިއަރައިގެން ދިޔަ،'' އިންޑިއަން އައިޑަލް 12ގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރި ވާހަކަދައްކަމުން ސަތަރޭ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ދުވަސްތައް ފުށުއެރުމުގެ ސަބަބުން ގިނަ ރޯލުތައް އޭރު ދޫކޮށްލަން ޖެހުނު ކަމަށެވެ. ހަމަ އެގޮތަށް އޭނާ ކުޅެފައިވާ ''ކާލީ ޗަރަން'' އަކީ އަމީތާބު ވަރަށް ކުޅެން ބޭނުންވި ނަމަވެސް ވަގުތު ނުދެވިގެން ދޫކޮށްލި ފިލްމެއް ކަމަސް ސަތަރޭ ބުންޏެވެ.

އަދި އެއީ މައްސަލައެއް ނޫން ކަމަށާއި ވަގުތު ނުދެވިގެން ފުންނާބުއުސް އެތަކެއް ތަރިންނެއް މުހިންމު ފިލްމުތައް ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރިއެވެ.