އާމިރު ހާން އާއި އަންހެނުން ކިރަން ރާއޯ ވަރިވާން ނިންމައިފިއެވެ.

އާމިރާއި ކިރަންގެ 15 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމިކަން އެ ދެމީހުން ހިއްސާކޮށްފައި ވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ދެމީހުން ވަކިވިޔަސް 2011 ވަނަ އަހަރު އެމީހުންނަށް ލިބިފައިވާ ދަރިފުޅު އާޒާދު ބެލުމުގެ ޒިންމާ އެކުގައި ނަގަމުންދާނެ ކަމަށާއި އަދި ދެމީހުން ގުޅިގެން ހިންގަމުން އަންނަ ޕާނީ ފައުންޑޭޝަންގެ މަސައްކަތްތަކުގައިވެސް އެކުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

މި ހަބަރާއެކު އާމިރުގެ ސަޕޯޓަރުން ވަނީ ދެމީހުންގެ ކައިވެނި ރޫޅުމުގެ ހިތާމައިގައި ބައިވެރިވެ ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި މިއީ ގަބޫލުކުރަން ދަތި ހަބަރެއް ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

އާމިރުގެ ކުރިއަށް ހުރި މަސައްކަތަށް ބަލައި އިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ކަރީނާ ކަޕޫރު ހާންއާ އެކު ކުޅެފައިވާ ''ލާލް ސިންގް ޗައްދާ'' އިންނެވެ. މި ފިލްމަކީ ޓޮމް ހޭންކްސް ކުޅެފައިވާ ހޮލީވުޑް ފިލްމް ''ފޮރެސްޓް ގަމްޕް'' އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.