ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހައިދޭން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޝިލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި އެ ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ނަމަވެސް ކޮވިޝިލްޑްގެ އިތުރު ޝިޕްމަންޓެއް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމައެއްނުކުރެ އެވެ.

އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ، ކޮޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިޓްމަންޓް ދީގެން ވެކްސިން ޖަހަން މާދަމާ ފަށާނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް ބުންޏެވެ.

"މިގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ގުޅަމުންދާނެކަމުގައި ދަންނަވަން،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ދިއުމަށް އެދިފައެވެ.