މެޗުގެ ބޮޑު ބައެއްގައި ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޗިލީ ބަލިކޮށް، ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

މިއަހަރުގެ ކޮޕާ އެމެރިކާ އަމިއްލަ ގައުމުގައި ކުޅެމުންދާ އިރު، ބްރެޒިލުން ޗިލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިހާތަނުގައި މުބާރާތުގައި ބްރެޒިލުން ބަލިވެފައެއް ނުވެއެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބްރެޒިލްގެ ގެބްރިއަލް ޖީސަސްއަށް ދެއްކި ރަތްކާޑާއެކު ބްރެޒިލަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް އެޓީމުން ވަނީ ބަލިވުމުގެ ސިލްސިލާ ނިމުނަ ނުދީ ހިފަހައްޓައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޗިލީންނެވެ. ފުރަތަމަ ހާފުގައި ޗިލީން ބްރެޒިލްގެ ގޯލްކީޕަރު އެޑަސަންއަށް ނުރައްކާވެސް ކުރިއެވެ. ވާގަސްގެ ހަމަލާ މަތަކޮށް ބޭރުކޮށްލީ އެޑަސަންއެވެ. ފުރަތަމަ ހާފުގައި ބްރެޒިލްގެ ފުރުސަތުތައް ފެނިފައި ވަނީ ފިރްމީނޯއާއި ޑެނީލޯގެ ފަރާތުންނެވެ. އެ ދެކުޅުންތެރިންގެ ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ބްރެޒިލުން ދެވަނަ ހާފުގެ ކުރީކޮޅުގައި ގޯލު ޖަހައި ލީޑު ނެގިއެވެ. އެ ގޯލަކީ ލޫކަސް ޕަކޭޓާ ބްރެޒިލަށް ޖަހައިގެން ގޯލެކެވެ. އެ ގޯލަށްފަހު ހަމަޖެހިލި ނަމަވެސް، ގޯލަށް ދެ މިނެޓް ފަހުން ޗިލީގެ މެނާގެ މޫނު މައްޗަށް އަމާޒުކޮށް ޖީސަސް ފައި ނެގުމާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކައިފައެވެ. ޖީސަސްގެ ފައިން މެނާގެ މޫނު މަތީގައި ޖެހި މޭ މަތީގައިވެސް ކޮންމެވެސް ވަރަކަށް ޖެހިފައިވެއެވެ.

ކޮޕާ އެމެރިކާ ކުއާޓާގައި އާޖެންޓީނާއާއި އެކުއެޑޯ ކުޅޭ މެޗުގެ އިތުރުން އުރުގުއޭއާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުވެސް މިރޭ އޮންނާނެއެވެ.