ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މަރާލި މައްސަަލައިގައި އެ ގައުމަށް ނިސްބަތްވާ ކަމްރުލް އިސްލާމްގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް އޭނާގެ މައްޗަށް މީހަކު މަރައިލުމުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 26 ނޮވެންބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މުނީރުލް އިސްލާމް ހ. ޗާންދަނީމަގު 24 ނަންބަރު ގޭގޭ 6 ވަނަ ފަންގިފިލާގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދި ވީޑިއޯ ފުޓޭޖުތަކާއި މުނީރުލް އިސްލާމްގެ ފޯނުގެ ކޯލް ޑީޓެއިލްސްއަށް ބަލައި މުނީރުލް އިސްލާމް މަރާލިކަމުގެ ތުހުމަތު ކުރެވުނީ ކަމްރުލް އިސްލާމް އަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި މުނީރުލް އިސްލާމް މަރާލި ކަމަށް 29 ޑިސެންބަރު 2012 ވަނަ ދުވަހު ކަމްރުލް އިސްލާމް ވަނީ އިއުތިރާފުވެސް ވެފައެވެ.

އެ މައްސަލައިގެ ތަހުގީގުގައި އޭނާ އިއުތިރާފު ވެފައިވާ ބަޔާނާއި ހޯދުނު އެހެނިހެން ހެކި ގަރީނާތަކާ އެކު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަަލަ ބަލައި ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޝަރީއަތުގައި ފާހަގަކުރި ނުކުތާތަކާއި ބަޔާންތަކަށް ބެލުމަށްފަހު ކަމްރުލް އިސްލާމްގެ މައްޗަށް ދައުލަތުން ކުޅަ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމާ މެދު ހިތްހަމަނުޖެހިގެން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރީ ދެ ނުކުތާއެއްގެ މައްޗަށެވެ.

ފުރަތަމަ ނުކުތާއަކީ ކަމްރުލް އިސްލާމްގެ މައްޗަށް ކުޅަ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާވަރަށް ހެއްކާއި ގަރީނާ ލިބިފައިވަނިކޮށް މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާ ވަޒަންކުރުމުގައި ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ހެއްކާއި ގަރީނާއަށް ލިބިދީފައިވާ ބުރަދަން ފުރިހަމައަށް ނުދެއްވައި މައްސަލަ ނިންމި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އެ ނުކުތާތަކަށް ރިއާޔަތްކޮށް، އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ، ކަމްރުލް އިސްލާމްގެ މައްޗަށް ދައުލަތުން ކުޅަ، ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.

އޭގެ އިތުރުން ކަމްރުލް އިސްލާމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކަމްރުލް އިސްލާމް މަރާލި މުނީރުލް އިސްލާމްގެ ވާރިސުން ބޭނުންވަނީ މުނީރުލް މަރުގެ އަދަބު ދިނުމާއެކު މަރުގެ ދިޔަ ލިބިގަތުން ކަމަށް އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ގަތުލު އަމްދުގައި އުގޫބާތެއްގެ ގޮތުގައި ގިސާސް ހިފުމުގެ ގޮތުން ގަތުލުކުރުމާއި މަރުގެ ދިޔަ އެކުއެކީގައި ކަނޑައެޅިދާނެ ޝަރުއީ ހަމައެއް ނެތަތީ އާއި ގާތިލުގެ ކިބައިން ގިސާސް ހިފުމާއި ދިޔަ ދިނުމާ ދެގޮތުން ކުރެ ގޮތެއް ވާރިސުން ހިޔާރުނުކޮށް، ފަނޑިޔާރުން އެކަމަށް ގޮތެއް ނިންމަންޖެހޭ ގޮތަށް އޮތުމުން އެހާލަތުގައި އުފެދިގެން އަންނަ ޝުބުހައިގެ މަންފާ ލިބިދޭން ޖެހޭނީ ގާތިލަށް ކަމަށް ބުރަވެވޭތީ، މި މައްސަލައިގައި ކަމްރުލް އިސްލާމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވާރިސުން އެދިފައިވާ ދެގޮތުގެ ތެރެއިން މަރުގެ ދިޔަ ނަގައިދޭން ޖެހޭ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

ހުކުމުގައި އިތުރަަށް ބުނެފައި ވަނީ އެ ގަތުލު ހިންގާފައި ވަނީ ހުރުމަތްތެރިވެގެންވާ މަހެއްގެ ތެރޭގައި ކަމަށްވާތީ، ގާތިލުގެ ފަރާތުން ނަގައިދޭން ޖެހޭނީ ބަރު ކުރެވިގެންވާ ދިޔައެއް ކަމުން، ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން ލުއި ދިޔައަކީ 100،000 ރުފިޔާ ކަމަށް ވުމާއެކު، ދިޔަ ބަރުކުރަންޖެހޭ ހާލަތްތަކުގައި އަމަލު ކުރަމުންދާ ގޮތުގެ މަތިން ލުއި ދިޔައިގެ ތިންބައިކުޅަ އެއްބައި އިތުރުކޮށް، ބަރު ދިޔައިގެ ގޮތުގައި 133،333.33 ކަނޑައަޅައި، މި ފައިސާ މުނީރުލް އިސްލާމްގެ ވާރިސުން ކަމުގައިވާ އޭނާގެ ބައްޕަ އެމްޑީ ފާމަން ގާޒީ އާއި މަންމަ މޮނޯރާ ހާތުން އާއި ހުވަފަތް އަނބި ސެލީނާ ހާތުން އަށް ލިބިދިނުމުގެ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ކަމްރުލް އިސްލާމަށް އަމުރު ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ކުށުގެ ތައުޒީރީ އަދަބެއްގެ ގޮތުން ކަމްރުލް އިސްލާމް 25 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމަށް ކަމްރުލް އިސްލާމަށް ހުކުމްގައި ވަނީ ނަސޭހަތްތެރިވެފައެވެ.