ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްޔަން ކުރެއްވި އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އޭނާ މާލެ ވަޑައިގެންނެވީ އިއްޔެ ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތގައި އައްބާސް ފާއިޒް އައްޔަން ކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހެވެ. ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އޭނާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯޓެއްވެސް ތައްޔާރު ކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ޖިނާއީ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު، އެ ހަމަލާ ދިން އިރު އެމަނިކުފާނަށް ދެމުންގެން ދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއްވެސް ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އެ ތަހުގީގު ނިންމައި، ކަމާބެހޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.