އެކެޑެމީސް ކްލާސް އޮފް 2021 ގައި ހިމެނި އޮސްކާސް އަށް ވާދަކުރާ ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވިދްޔާ ބާލަން އަދި އެކްތާ ކަޕޫރަށް ލިބިއްޖެއެވެ.

މި އަހަރުގެ އެކެޑެމީ ކްލާސްއަށް އިންޑިއާ އިން ދައުވަތު ދިން ފަރާތްތަކުގެ ތެރޭގައި ބަތަލާ ވިދްޔާ ބާލަން އަދި އެކްތާ ކަޕޫރުގެ އިތުރުން ޕްރޮޑިއުސަރު ޝޯބާ ކަޕޫރުވެސް ހިމެނެއެވެ.

އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އެންޑް އާޓްސް (އެކެޑަމީ) އިން ވަނީ 395 ފަރާތަކަށް މިއަހަރު ދައުވަތު ދީފައެވެ. މިދިޔަ އަހަރުގެ އޮސްކާސް އަށް 819 ފަރާތަކަށް ފުރުސަތު ދިން އިރު، އާލިއާ ބަޓް އަދި ރިތިކް ރޯޝަން ހިމެނޭހެން އިންޑިއާއިން އަށް ފަރާތެއް އެ ލިސްޓުގައި ހިމެނުނެވެ.

މިއަހަރު ވިދްޔާ ބާލަން އަށް ފުރުސަތު ލިބިގެން ގޮސްފައިވަނީ ''ތުމާރީ ސޫލޫ'' އަދި ''ކަހާނީ''ގައި އޭނާ ހުށަހަޅައިދީފައިވާ ރޯލުތަކުންނެވެ. އަދި ޕްރޮޑިއުސަރު އެކްތާއަށް ''ޑްރީމް ގާލް'' އަދި ''ވަންސް އަޕޯން އަ ޓައިމް އިން މުމްބާއި'' އިން ފުރުސަތު ލިބުނު އިރު، އެކްތާގެ މަންމަ ޝޯބާ ކަޕޫރަށް ފުރުސަތު ލިބުނީ އޭނާ ޕްރޮޑިއުސް ކުރި ''ޑާޓީ ޕިކްޗާ'' އަދި ''އުޅުތާ ޕަންޖާބު'' އިންނެވެ.

ދި އެކެޑެމީ އޮފް މޯޝަން ޕިކްޗާސް އެންޑް އާޓްސްއަކީ އޮސްކާސް އިންތިޒާމުކުރާ ފަރާތެވެ. މި އެކެޑެމީން ދައުވަތު ދޭ ފަރާތްތަކަށް އޮސްކާސްއަށް ވޯޓު ދިނުމުގެ ޝަރަފު ލިބިގެންދެއެވެ.

ދައުވަތު ދޭ ފަރާތްތަކުގެ ތެރޭގައި އެކްޓަރުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން ސިނަމޮޓޮގުރާފަރުންނާއި މިއުޒިކް ކޮމްޕޯޒަރުންނާއި ކޮސްޓިއުމް ޑިޒައިނަރުން އަދި ލިޔުންތެރިންނާއި ފިލްމު އެޑިޓަރުން ފެށިގެން ކާސްޓިން ޑައިރެކްޓަރުން ހިމެނެ އެވެ.