ޚަބަރު

ރާއްޖެއަށް 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ފާސްކޮށްފި

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އާ ގުޅިގެން ހިންގާ މަޝްރޫއަކަށް ގްރީން ކްލައިމެޓް ފަންޑުން 25.1 މިލިއަން ޔޫއެސް ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް ފާސްކޮށްފި އެވެ.

މި ކަން އާންމުކޮށްފައި ވަނީ އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގާ މަޝްރޫއަކަށް 25.1 މިލިއަން ޔޫއެސް ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްރޫއުތަކަށް އެހީދޭ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ 'ގްރީން ކްލައިމެޓް ފަންޑު' އިން ފާސްކުރީ މިއަދު އެވެ.

ޖީ.ސީއެފް ގެ އިތުރުން ޖައިކާގެ ފަރާތުން މި މަޝްރޫއަށް ވަނީ 35.4 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ހަމަޖައްސައިފައި ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫއެސް ޑޮލަރަށް ވާ ފައިސާ އާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.

މިމަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައެވެ.

މިމަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން، މޫސުމީ ހާދިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް މި ބަޔާނުގައި ބުނެއެވެ.

މިގޮތުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީ އަކާއި ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ރާވާފައި ވާ ކަމަށް ބަޔާނުގައި ބުނެއެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ގާއިމުކުރުމާއި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މައުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫއުގެ ދަށުން ހަމަޖައްސާފައިވާ ކަމަށާއި ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާ ކުރާނެ ނިޒާމެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭނެ ކަމަށް ބަޔާނުގައި ބުނެއެވެ.