އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު އެނދުގައި އިން ވިއާން ދިޔައީ ސިއްސައިގެންނެވެ. ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު އަހަރެންނަށް ވިއާނާ ދިމާލަށް ދުއްވައި ގަނެވިއްޖެއެވެ. އެނދާ ހަމަވުމުގެ ކުރިން ވިއާން ކޮޅަށް ތެދުވެއްޖެއެވެ. ވިއާންގެ ގައިގައި ބައްދައިގަނެވުނު ގޮތަށް އަހަރެންނަށް ރޯންފެށުނެވެ. ވިއާން ލައިގެން ހުރި ޓީޝާޓުގެ މޭމަތިން ދެއަތުން ހިފައިގެން އަހަރެންނަށް ރޮމުން ރޮމުން ތިރިއަށް ސޮހިގެން ހިނގައްޖެއެވެ. ކޮންމެހެންވެސް އަހަރެން ފިރިމީހާގެ ހިތް ހަލާލު ހޯދަންޖެހޭނެއެވެ.

"އިޓްސް އޯކޭ މަލް. އެޕޮލޮޖީ އެކްސެޕްޓެޑް" އަހަރެން ދެކޮނޑުގައި ހިފާ ނަގަމުން ވިއާން ބުނެލިއެވެ. ލޯތްބާއެކު އޭނާގެ މޭގައި އަހަރެން ގެނެސް ޖައްސާލިއެވެ. އަހަރެން ރުއިން ހުއްޓަންދެން ލޯބިން އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އަހަރެންގެ އަޑު ކެނޑެމުން ގޮސް އެއްކޮށް ހުއްޓުމުން ވިއާން އަހަރެން ދުރުކޮށްލިއެވެ. އޭނާގެ ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާފައި އުފުލައިލިއެވެ. ރޮއެރޮއެ ރަތްވެފައިވާ އަހަރެންގެ ދެލޮލުގައި ވިއާން ބޮސްދިނެވެ.

ވިއާންގެ ބަދަލުވެފައިވާ ސޫރައަށް އަހަރެންނަށް ނަޒަރެއް ދެވުނީ ދެނެވެ. ކުރިންވެސް ތުނިތުނިކޮށް ހުންނަ ތުނބުޅި ކުރިއަށް ވުރެ ބޯކަމަށް ދައްކައެވެ. އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ނެތަސް މޫނުމަތި މިލާފައިވާކަން ފާހަގަވިއެވެ. އަހަރެން ގޮވައިގެން ގޮސް ވިއާން އިށީނީ އެނދުގައެވެ. އޭނާގެ އުނގުގައި އަހަރެން ބައިންދާފައި އަހަރެންގެ ބޮލުގައި ބޮސްދިނެވެ. ވިއާން އެއް އަތުން ހިފައިގެން އިން ފޮޓޯގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތީ މާ ފަހުންނެވެ. ވިއާންގެ މެއިން ބޯ ހިއްލާލާފައި އަހަރެންގެ ނަޒަރު އެ ފޮޓޮއަށް ހުއްޓާލެވިއްޖެއެވެ.

"ތީކޮން ފޮޓޮއެއް" އަހަރެން އެހީމެވެ.

"މިއީ..." އެހިސާބަށް ވިއާން ބުނާއިރަށް އޭނާގެ އަތުން އަހަރެން އެ ފޮޓޯ އަތުލާފައި ބަލައިލީ މެވެ. އެއީ މިހުރިހާ ދުވަހު ވިއާންގެ އާއިލީ ގޮތުން ގުޅުން ހުރި ކުއްޖެއްކަމަށް އަހަރެން ނިންމައިގެން ހުރި ވީނާގެ ތަސްވީރެވެ. ފޮޓޯގައިވާ ތަސްވީރުން އަހަރެންނަށް ވިއާންގެ މޫނު ސިފަވިއެވެ.

"އަހަރެންގެ ހަގީގަތަކީ ތިއީ މަލް. އަހަރެން މަލްއަށް ސިއްރުކުރި ކަމަކީ ތިއީ" ވިއާން ބުންޏެވެ. އެހިސާބުން އަހަރެން ވިއާންގެ އަނގަމަތީގައި އަތް އެޅީމެވެ.

"އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ" އަހަރެން ބުނީމެވެ.

"އަހަރެން ކިޔައިދިން ކަމަކަށް ނުވާނެއްނު" ވިއާން ބުންޏެވެ.

"ތެދަށް ބުނަންޏާ ބޭނުންވީ ވިއާންގެ ފަރާތުން އެނގެން. އެކަމަކު..." އަހަރެން ބުނީމެވެ.

"މަލްއަށް އެނގޭތަ، އަހަރެމެން ކައިވެނި ކުރަން އުޅުނުއިރު އަހަރެން އަބަދުވެސް އެއްކަމަކާ ހާސްވި. އުނދަގޫ އިހުސާސްތަކެއް ކުރުވި. ހިތް ބިރުގަތް. އެއީ ހަގީގަތް އިނގުމުން މަލް ފިލައިގެން ހިގައިދާނެތީ. ހެހެހެ... އެކަންވީ އަހަރެން ހީކުރި ގޮތަށް. އަހަރެން މަލް އާ ދުރަށް ދާން މަސައްކަތްކުރި ސަބަބަކީ އެއީ. އަބަދުވެސް އަހަރެންނަށް ހީވަނީ އަހަރެންގެ ހަޔާތަށް އަންބެއްގެ ގޮތުގައި އަންނަ އަންހެން ކުއްޖަކު ހިތްހަމަޖައްސައި ނުދެވޭނޭ. އުފަލެއް ނުދެވޭނޭ. އަބަދުވެސް ހީވީ އަހަރެންގެ ފަރާތުން ދެވޭނީ އިތުރު ހިތްދަތިކަމެކޭ. އެކަމަކު އެހުރިހާ ކަމެއް އަހަރެންނަށް އޮޅުންފިލުވައިދިނީ ޑޮކްޓަރު. އަހަރެންނަށް އެތައް ގޮތަކަށް ވިސްނައިދިން. ކޮންމެ ބޭހެއް އަހަރެންނަށް ދީފައި އެބޭހުން އަހަރެންނަށް ކުރާނެ ފައިދާ އާ ސައިޑް އެފެކްޓްސްތަކާ އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓަންޖެހޭ ގޮތް ބުނެދޭ. ޑޮކްޓަރު ބުނި ސަތޭކަ ޕަސެންޓް ޔަގީންކަން ދެމޭ އަހަރެންގެ ހަށިގަނޑުގައި އަންހެން ހޯމޯންސްއެއް ނެތޭ. ފިރިހެނެއްގެ ހުންނަންޖެހޭ ހުރިހާ ކަމެއް އަހަރެންގެ ރަނގަޅޭ. އަހަރެންނަށް އެނގޭ މިއީ މާކުރިން އަހަރެން އަނބިމީހާއަށް ކިޔައިދޭންޖެހޭ ކަންކަން ކަން. އަހަރެން މަސައްކަތް ކުރިން ބުނެދޭން. އެކަމަކު ހިތްވަރެއް ނުލިބުނު. މަލްއަށް ހީވެދާނެ ކައިވެންޏަށްފަހު އަހަރެން މަލްއަށް ކަމެއް ކޮށްނުދެވުނީ މިހުރިހާ ކަމެއްގެ ސަބަބުންނޭ. ނޫނީ އަހަރެންގެ އިހުސާސް ނެތީއޭ. ނޫން. އަނބިމީހާ އާ ގާތްވާ ކޮންމެފަހަރަކު އަހަރެންނަށްވެސް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތައް ކުރުވާ. އެ އުފަލަށް އެދެވޭ. ހަގީގަތުގައިވެސް އަހަރެންގެ ފަޔަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ޑޮކްޓަރުން މަނާކުރީ. އެކަމަކު ނައު އައި އޭމް ފިޓް. ހުރިހާ ގޮތަކުންވެސް" ވިއާން ވާހަކަދެއްކިއެވެ.

"ދެން ތިވާހަކަތައް ނުދައްކާ. މި ފޮޓޯތައް ބަލައިގެން މާޒީގެ އެދުވަސްތަކުން ހިތަށް ލިބޭނީ އިތުރު އަނިޔާތަކެއް. އެހެންވީމަ ފަސްއަޅާ ފޮރުވަންޖެހޭ ވަގުތު މިއައީ. އަހަރެންގެ މުސްތަގުބަލަކީ ތިއީ. އަހަރެން ދުވަހަކުވެސް ވިއާން ދޫކޮށްފައެއް ނުދާނަން. އަޖަލު އައިސް ޖެހުނީމަ ނޫނީ" އަތުތެރޭގައި އޮތް ފޮޓޯ ބޮނޑިކޮށްލަމުން އަހަރެން ބުނީމެވެ. އެހިނދު ވިއާން އަހަރެންގެ ގައިގައި ބޮޑަށް ބައްދާލާފައި ނިތުގައި ބޮސްދިނެވެ. އަހަރެން ގަޔާ ދުރުކޮށްލާފައި ޖާގަ ހަދާލިއެވެ. އެއަށްފަހު އޮށޯވެފައި އަހަރެން ގެނެސް އޭނާގެ އަތު ތެރެއަށް ލިއެވެ.

"މިހާރު ރަނގަޅުވެއްޖެތަ؟" ވިއާން އަހަރެންގެ ކަންފަތާ އަނގަ ކައިރިކޮށްލާފައި އެހިއެވެ. އެހިނދު ލަދުވެތިކަން އަހަރެންގެ މޫނަށް ވެރިވިއެވެ. ވިއާން އެ އަހަނީ ކީކޭ ކަން އަހަރެން އެނގުނެވެ. އަހަރެން ބޯޖަހައިލުމާއެކު ވިއާން ހީލި އަޑު އިވިލިއެވެ.

ވިއާންގެ ކޮންމެ އަމަލެއްގައި ވަނީ ލޯތްބެވެ. އަހަރެން ތަޖުރިބާ ކޮށްފައި ހުރި ކަންކަން ކަމުގައި ވިޔަސް އަހަރެންނަށް ކުރެވެނީ މުޅިން އައު އިހުސާސެއްހެން ހީވިއެވެ. ކައިވެންޏަށް ތިންމަހާ ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ ދިރިއުޅުމުން އުނިވި ލޯބި ވިއާން ފުރިހަމަކޮށްދީފިއެވެ. ހަގީގަތުގައިވެސް އަހަރެންނަށް ކުރެވުނު ކުށްހީތައް ފިލުވައިދީފިއެވެ. އަހަރެންގެ ހިތާހިތުން ލޯބިވާ ފިރިމީހާއަށްޓަކައި ކުރެވެނީ ތައުރީފެވެ. އަހަރެންގެ ހިތުގައި ފިރިމީހާއަށްޓަކައި އޮތް ލޯބި އިތުރު ހަރުފަތެއް ގިރާކޮށްފިއެވެ. ދެފަރާތުން ބަދަލުކުރެވުނު ލޯބީގެ އެކި ހަދިޔާތަކަށްފަހު އަހަރެންގެ ހިތުގައި ފިރިމީހާއަށްޓަކައި އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައެވެ.

"މަލް، އަދި ބޭނުންތަ؟" ވިއާން އެހިއެވެ. ލަދުވެތިކަމާއެކު އަހަރެންނަށް ވިއާންގެ މޭގައި މޫނު ފޮރުވާލެވިއްޖެއެވެ. އަހަރެންގެ ގައިގައި ބައްދާލައިގެން ވިއާން އޮތްއިރު އަހަރެންގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައިރު އަހަރެންގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރެމުން ފަށައިފިއެވެ.

ހޭލެވުނީ އަހަރެންގެ ބޯދަށުގައި އޮތް ވިއާންގެ އަތް ދަމައިގަތް ވަގުތުގައެވެ. ހަތަރުކަޅި ހަމަވުމާއެކު އަހަރެންގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވެއްޖެއެވެ. ލަދުވެތިކަމުގެ ފަރުދާ ކެހިގެން ގޮސްފައި ވިޔަސް އަދިވެސް އެ އަސަރުތައް ފިލައި ނުދެއެވެ.

"ސޮރީ. ހޭލައްވާލެވުނީ ދޯ" ވިއާން ބުނެލިއެވެ.

"ހިނގާ ފެންވަރަން ދާން. އިރުކޮޅަކުން މެންދުރަށް ގޮވާނެ" ވިއާން ބުނެލިއެވެ. ވިއާން ތެދުވެ އެނދު ކައިރީގައި ކޮޅަށް ހުއްޓުމާއެކު ލަދުން އަހަރެންނަށް އިސްތިރިކޮށްލެވިއްޖެއެވެ. އަހަރެންނަށް ތެދުވަން ނުކެރުނެވެ. އެކަން ވިއާނަށް އިހުސާސްވެ އަނެއް ފަރާތުން އައިސް އެނދު ކައިރީގައި ހުއްޓިއްޖެއެވެ. ގައި މަތީގައި އޮތް ކުއިލްޓް އެއްފަރާތަކަށް ކަހާލިއެވެ. އެއަށްފަހު އޭނާގެ ދެއަތް މައްޗަށް އަހަރެން ނަގައިގަތެވެ. ފާހާނާ އާ ދިމާލަށް ހިނގައިގަތްއިރު އަހަރެން ވިއާންގެ ދެއަތުގެ ތެރޭގައި އޮތީ ދެލޯ މަރާލައިގެންނެވެ.

ކޮޓަރިން ބޭރަށް އަހަރެންނާ ވިއާން ނިކުތީ މެންދުރު ނަމާދުކޮށްގެނެވެ. ކާމޭޒު ކައިރިއަށް ދާން ހިންގައިގަތް ވަގުތު އެރުނީ ކޮޓަރިން ނިކުތް ޒިޔާންގެ ކުރިމައްޗަށެވެ. ގުޅިލާ މެހިފައވާ އަހަރެމެންގެ ދެއަތަށް ޒިޔާންގެ ނަޒަރު ހުއްޓުނުކަން އަހަރެންނަށް އިނގުނެވެ. އެކަން ވިއާނަށް އިހުސާސް ކުރެވުނުހެނެއް ހިއެއް ނުވެއެވެ.

"ފައިނަލީ... އައި ފައުންޑް މައި ލަވް އޮފް ލައިފް" ވިއާން ޒިޔާނަށް ބުނެލިއެވެ. ޒިޔާން ތުންފަތަށް ހިނިތުންވުމެއް ގެނުވީ ގަދަކަމުންކަން ޔަގީނެވެ. މޭޒު ކައިރީގައި ހުރި މާމަގެ ނަޒަރު ހުރީ އަހަރެމެންނަށެވެ. އުނދުން ކައިރީގައި ހުރެ ތައްޓަށް ރިހަ އަޅަމުން ދިޔަ މަންމަގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. އަހަރެންގެ މޫނުމަތީގައިވި ތަފާތު އުޖާލާކަން އެމީހުންނަށް ވެސް ފާހަގަވެއްޖެއެވެ. އިތުރު ބުނުމަކާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެކަން އެމީހުންގެ ތަޖުރިބާ ހުރި ސިކުނޑިތަކުން ދެނެގަނެއްޖެއެވެ.

"މަލް، އަހަރެން ވާހަކައެއް އަހާލަންތަ؟" ކާން އިނދެފައި ވިއާން އެހިއެވެ. އަހަރެން ބޯޖަހާލާފައި ވިއާންގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިނީމެވެ. ބާކީ ތިބި މީހުންވެސް އިނީ ވިއާން އަހަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.

"އަހަރެންނާ ބެހޭގޮތުން މަލް ކައިރީގައި ވާހަކަދެއްކީ ކާކު؟" ވިއާން އެހިއެވެ. އެހިނދު ފެންތަށި ތުނބުގައި ޖަހައިގެން އިން ޒިޔާން ކެއްސައިގަތެވެ. މަންމަ ތެދުވެގެން ގޮސް ޒިޔާންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އަހަރެން ޒިޔާނަށް ބަލައިލިއިރު ޒިޔާން ދެލޮލުން ފާޅުވާން ހުރީ ހާސްކަމެވެ.

"އަހަރެން ބުނީމެއްނު ދެން އެވާހަކަ އަހަރެމެން ނުދައްކާނަމޭ" އަހަރެން ބުނީމެވެ. އަހަރެން ޒިޔާނަށް ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ. އޭނާގެ ވަގުތު އައިސްޖެހެން އުޅޭކަން އަންގައިދޭ ފަދައަކުންނެވެ.

ރޭގަނޑު ބާރަޖެހިއިރު އަހަރެން ގޮވައިގެން ވިއާން ހުރީ ސިޓިންރޫމުން ނިކުމެވޭ ބެލްކަނީގައެވެ. އެތެރެއަށް ވަންނަ އުޅުނު ވަގުތު ކޮޓަރިން ޒިޔާން ނިކުތްތަން ފެނިއްޖެއެވެ. އެވަގުތު އަހަރެންގެ ސިކުނޑި ތެރޭގައި މޮޅު ވިސްނުމެއް ހިނގައިގަތެވެ. ޒިޔާންގެ ހަގީގަތް ވިއާންގެ ކުރިމައްޗަށް ގެންނާނެ ވަގުތު ޖެހުނީއެވެ.

"މިއަންނަނީ އެނގޭ" އަހަރެން ހިނގައިތުމުން ވިއާން އަލުން ރެއިލިންގް ކައިރީގައި ހުއްޓިއްޖެއެވެ.

ކުއްލިއަކަށް ފަހަތުން އައިސް ޒިޔާން އަހަރެންގެ ފުރަގަހުން ބައްދައިގަނެއްޖެއެވެ. އަހަރެން ސިހިފައި ޒިޔާންގެ އަތު ތެރެއިން ސަލާމަތްވާން ތެޅިގަތީމެވެ. ޒިޔާން ދޫކުރާ ގޮތް ނުވުމުން އޭނާގެ އަތުގައި ދަތްއެޅީމެވެ. އެހިނދު ޒިޔާން އަހަރެން ދޫކޮށްލިއެވެ.

"އަހަރެން ހަގީގަތް ކިޔައިދިނީމަވެސް އެ އަންހެން ދުޅާ ކައިރިއަށް އައީ ދޯ" މަލާމާތުގެ ރާގެއްގައި ޒިޔާން ބުނެލިއެވެ.

"ކާކު އަންހެން ދުޅާއީ. ވިއާންތަ؟ ނޫނީ ކަލޭތަ؟ ކަލެއަށް ނޭނގޭ ކިތަންމެ ގޮތަކަށް ވިއާން އަހަރެންނަށް ލޯބި ދީފި. ލަދެއްވެސް ނުގަނޭތަ؟ މިރެޔަކީ މިގޭގައި ކަލޭ ހުންނާނެ އެންމެފަހު ރޭ. ފުލުހުންނާއެކު ދާން ތައްޔާރުވޭ" އަހަރެން ބުނީމެވެ.

"ކާކު އަހަރެންނާ ދެކޮޅަށް މަލް ދައްކާ ވާހަކަ ޤަބޫލުކުރާނީ. އެކަކުވެސް ނުކުރާނެ" ޒިޔާން ބުނެލިއެވެ. އަނެއްކާވެސް ޒިޔާން އައިސް އަހަރެންގެ އަތުގައި ހިފައި ފާރަށް ތަތްކޮށްލައިފިއެވެ. އަހަރެންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ހާދަ އިތުބާރެކޭ އަމިއްލަ ނަފްސަށް. ބަލާމާ ވާގޮތް" އަހަރެން ބުނީމެވެ. އަހަރެން ހުރީ އެހާ ފަސޭހައިން ޒިޔާނަށް ދޫ ދޭގޮތަކަށް ނޫނެވެ. ގެއަށް އައި މަގުމަތީގައި އަހަރެން ފުލުހުންނަށް ޒިޔާންގެ މައްސަލަ ރިޕޯޓް ކުރީމެވެ. ވަގުތުނަގާނެ ކަމަށް ބުންޏަސް ލަސްނުވާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ދިނެވެ.

އަހަރެންގެ އިންޒާރަކަށް ޒިޔާން ޖެހިލުމެއްނުވިއެވެ. އޭނާގެ މޫނު އަހަރެންނާ ގާތްކުރަމުން ގޮސް ބުރުގާ މަތިން ކަނދުރާއަށް ނޭވާގެ އިހުސާސްވާހާ ގާތްވެއްޖެއެވެ.

"ދުރަށްދޭ. ކަލޭ އެންމެ ފުރަތަމަ ގާތްވާނެ އަންހެނެއް ހޯދަންވީނުން" އަހަރެންނަށް ބުނެވުނެވެ. ޒިޔާންގެ ކަންތައްތައް ހައްދުން ނައްޓާފައި ހުރުމުން އަހަރެންގެ ބަހުރުވަ ބަދަލުވަމުންދާ ކަމެއް އަހަރެންނަށް ނޭނގެއެވެ.

"ގާތްވާނެ އަންހެނެއް ހޯދައިގެން މިއުޅެނީ. މިރޭ އެހާ ފަސޭހައިން ދުލެއް ނުކުރާނަން. އަހަރެންގެ ހަށިގަނޑުގައި ހޫނުވަމުން މިދާ ލެޔަށް މިރޭ ފިނިކަމެއް ހޯދާނަން. ތި ކުއްޖާގެ ހަށިގަނޑުން" ޒިޔާން ސިއްރުން ބުނެލިއެވެ.

"ވިއާން...." އެންމެފަހުން އަހަރެން ވިއާނަށް ގޮވީ ޒިޔާންގެ އިނގިލިތައް އަހަރެންގެ ތުންފަތް ހުރަސް ކުރުމުންނެވެ. އިތުރަށް އެންމެ މިނިޓެއްވެސް ދުއްވާލަން އަހަރެން ބޭނުމެއް ނުވިއެވެ. އިރުކޮޅަކުން ވިއާން ދުމެއް ޖަހާފައި އައިސް އަހަރެންނާ ދާދި ގާތުގައި ހުއްޓިއްޖެއެވެ. ތަން އަލިވެގެން ދިޔައިރު މާމައާއި މަންމަވެސް ކޮޓަރިން ނިކުމެ ތިއްބެވެ. އަހަރެންގެ ކުމަތީގައި ހުރި ޒިޔާނަށް ބަލަހައްޓައިގެން ވިއާން ހުއްޓެވެ. ވިއާން ހުރީ އެންމެ ފުރަތަމަ ވިސްނަންވީ އެއްޗެއް ނޭނގިފައި ހުރި ކަހަލަ ގޮތަކަށް ޒިޔާނަށް ބަލަހައްޓައިގެންނެވެ.

"މަލް، ކިހިނެއްވީ؟ ވަގެއް ވަނީތަ؟" މަންމަ އެހިއެވެ. މަންމަ ހީކުރީ މަންމަ ފަދައިން އެހެން މީހުންވެސް ކޮޓަރިތަކުން ނިކުމެ ތިބީ އަހަރެން ވިއާނަށް ގޮވި އަޑަށް ކަމަށެވެ.

"ޒިޔާން... ޒިޔާން....." އަހަރެން ވިއާންގެ ގައިގައި ބައްދައިގަތީމެވެ.

"ޒިޔާނޭ. ޒިޔާން ކީއްކުރީ" މަންމަ ބުނެލިއެވެ. ވިއާންގެ ދެއަތުން އަހަރެންނަށް ހިމާޔަތްދިނުމާއެކު އަހަރެންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ހިތަށް ލިބިގެން ދިޔައީ ފިނިކަމެކެވެ. އޭނާ އިންތިހާއަށް ލޯބިވާ އެއްބަނޑު ކޮއްކޮގެ ކޮޅަށް ނުޖެހުނީތީ އަހަރެން ހިތާހިތުން ވިއާނަށް ޝުކުރު ކުރީމެވެ.

"މަންމަމެން ހީކުރީތަ މީނަ އިސްލާހުވީއޭ. މަންމަ އަޑެއް ނާހަންތަ މީހުން ބުނާ އަޑެއް. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއްނުވާނޭ. އެމިސާލު އެންމެ ގުޅެނީ މީނަ ޔާ" އަހަރެން ބުނީމެވެ.

"އަހަރެންނާ ބެހޭގޮތުން ކޮންކަހަލަ ހަޑި ވާހަކައެއް ތިދައްކަނީ. ތިއީ އަހަރެންގެ ފަހަރިއޭ. އަހަރެން ހަނދާންނައްތައެއްނުލަމޭ އެކަމެއް" ޒިޔާން ބުނެލިއެވެ. އޭނާގެ ބަސްތައް ފަށުވިވެފައި އަތުރާލިލެއް ރީތިކަމުން އަހަރެން ކައިރިއަށް ހިނިއައެވެ.

"އެހެންވެގެންތަ ދަންވަރު އަހަރެން ބޭރަށް ނެރެފަ ވިއާންގެ ހަގީގަތް ހުންޏާ ކާފޫރުތޮޅި އަޅައިގެން އަހަރެން ކައިރީގަ ދެއްކީ. މާމާ، ވިއާންގެ ވާހަކަ އަޅުގަނޑު ކައިރީގަ ދެއްކީ މީނަ. މީނަ ބުނީ ވިއާނަކީ ދަރިންނުލިބޭ މީހެކޭ. އަދިވެސް ވިއާނަކީ ޖިންސުވަކިނުވާ މީހެކޭ. މިގޭ ހުރިހާ މީހުންވެގެން އަހަރެންނަށް އޮޅުވާލައިގެން މިގޭ ނޯކަރަކަށް އަހަރެންނަށް ހަދުވާށޭ ބޭނުންވަނީ" އަހަރެން ވާހަކަދެއްކީމެވެ.

"އަޅުގަނޑު ބުނީމެއްނު ދުނިޔޭގެ އެންމެން މީނަޔަށް އިތުބާރު ކުރިޔަސް އަޅުގަނޑު ނުކުރާނަމޭ. މިގެއަށް އައި ރޭގައި އަޅުގަނޑު ބަދިގެއަށް ފެން ބަލައި އައި ގަޑީގަ އަޅުގަނޑު ހިފަހައްޓާފަ އެއޮށް ދެއްކި ހަޑިވާހަކަ. ޗި. އަހަރެން ލަދުގަނޭ ތިއީ ވިއާނާ އެއް ލެއޭ ބުނަންވެސް. މިރޭވެސް އޭނަ އުޅުނީ...." އަހަރެން ވާހަކަދެއްކުން ހުއްޓާލީ މަންމަ މަޑުމަޑުން ހިނގާފައި ގޮސް ޒިޔާންގެ ކުރިމަތީގައި ހުއްޓުމުންނެވެ.

"އެއީ ދޮގެއް. އަހަރެން ހިއެއް ނުކުރަން މަލްހާ ތިހާ ދޮގު ހަދާކަމަށް" ޒިޔާން ބުނެލިއެވެ. އެންމެންގެ ކުރިމަތީގައި ލައިގެން ހުރި ސޯޓު ބޭލެމުންދާއިރުވެސް ޒިޔާން މަސައްކަތްކުރީ މަކަރުން އެންމެންގެ ހިތް އަތުލާށެވެ.

"އަހަރެން މިހަދަނީ ދޮގުކަން އެނގޭނެ މަންމަ ނިކަން ބަލާބަލަ އޭނަގެ އަތް. އެއީ ދެންމެ އޭނަ އަޅުގަނޑުގެ ގައިގައި ހިފަހައްޓައިގެން އޭނާގެ އަތްދަށުން ސަލާމަތްނުވެވިގެން އަޅުގަނޑު ދަތްއެޅާފައި ހުރި ނިޝާން ފެންނާނެ" އަހަރެން ބުނީމެވެ. މަންމަ ޒިޔާންގެ އަތުގައި ހިފިއެވެ. އޭނާ ނުދައްކަން އުޅުނު އަތް ގަދަކަމުން ގަޔާ ދުރުކޮށްގެން މަންމަ ބެލިއެވެ. އެވަގުތު ވިއާން ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ. އަހަރެން ބަލައިލުމުން އިޝާރާތެއް ކޮށްލިއެވެ.

ކުއްލިއަކަށް އަހަރެންނަށް ސިހުން ގެނުވީ މަންމަ ޒިޔާންގެ ގައިގައި ތަޅައިގަތުމުންނެވެ. ޒިޔާން ހަމަ ބަހެއްވެސް ނުކިޔާ އިސްޖަހާލައިގެން ހުއްޓެވެ. ޒިޔާންގެ ގައިގައި ދެއަތުން ތަޅައި ވަރުބަލިވެގެން އެންމެފަހުން މަންމަ އަޑުންއަޑު ނަގައި ރޮއެގަނެއްޖެއެވެ. މާމަ ކައިރިވެލާފައި މަންމަގެ ދެފަރާތުން ހިފަހައްޓާލިއެވެ. އަހަރެންނަށް ބަލަން ހުރެވުނީ ޒިޔާންގެ މޫނަށެވެ. އިރުކޮޅަކުން ވިއާންގެ ފަހަތުން ފުލުހުންގެ ދެ އޮފިސަރުން އައިސް ހަމަކޮށްފިއެވެ.

"ނޫން. އަހަރެން ފުލުހުންނާ ހަވާލުނުކުރޭ. އަހަރެން ދެން އެހެން ނޫޅޭނަން. އަހަރެންނަށް ވަޒީފާވެސް ލިބުނީ އަދި އިހަށް ދުވަހު" ޒިޔާން ތެޅެން ފެށިއެވެ. އެހެންނަމަވެސް އޭނާއަށް ޖަވާބެއް ދޭނެ މީހަކު ނެތެވެ. ފުލުހުންގެ ދެ އޮފިސަރުން ޒިޔާން އަތަށް ކޯޓުއަމުރު ދިއްކޮށްލިއެވެ. ޒިޔާން އޭގައި ހިފީ ތުރުތުރު އަޅަމުންދިޔަ ދެއަތުންނެވެ.

"އަޅުގަނޑުމެންނަށް ކޯޓުއަމުރު ލިބުނީ ހަވީރު ވި ފަހުން. މަލްހާ މައުލޫމާތު ދިން އިރުން ފެށިގެން ވަރަށް މަސައްކަތްކުރިން ކޯޓުއަމުރު ހޯދަން. ބަންދު ދުވަހަކަށްވީމަ ކުޑަ ލަސްކަމެއް އައީ" އެތަނުން ފުލުހުންގެ އެއް އޮފިސަރު އަހަރެންގެ ކުރިމަތީގައި ހުއްޓިފައި ބުންޏެވެ. ހިލައިގެ ބުދެއްހެން ކޯޓުއަމުރު ހިފައިގެން ޒިޔާން ހުއްޓެވެ. ފުލުހުން ޒިޔާން އަތުގައި ބިޑިއަޅުވައިގެން ހިނގައިގަތެވެ. މަންމަ އަރިއަޅާލީ އެވަގުތުއެވެ. ވިއާން އަވަސް އަވަހަށް ގޮނޑިއެއް ގެނެސްފައި މަންމަ ބޭންދިއެވެ. މަންމަ ހިތްހަމަޖެހެންދެން ރޯން ވަގުތު ދިނެވެ. މަންމަގެ ބޮލުގައި ފިރުމަމުން ދިޔައެވެ. މައެއްގެ ކުރިމަތީގައި ދަރިއެއް ނިކަމެތިވެގެން ދާން އެއްވެސް މަޔަކު ނޭދޭނެއެވެ.

"ހެއްދެވިފަރާތަށް އިތުބާރުކުރޭ. އެކުއްޖާ ދެން އަހަރެމެންނާ ބައްދަލުކުރާނީ ޞާލިހު ދަރިއެއްގެ ގޮތުގައި. އަހަރެންގެ ހިތް ބުނޭ. މިތަނުން ގެންދިޔައިރުވެސް އެކުއްޖާއަށް ހުރީ ކުށުގެ އިހުސާސްވެފަ. ނަމާދުކޮށް ދުޢާ ކުރީމަ އެކަލާނގެ ހުރިހާ ކަމެއް ރަނގަޅުކޮށްދެއްވާނެ" މަންމަގެ ބުރަކަށީގައި ފިރުމަމުން މާމަ ވާހަކަދެއްކިއެވެ.

(ނުނިމޭ)