ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނަންނަން ހުށަހެޅީ، މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި އެބައި ނެތުމުން އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ބައެއް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އަށް އެ އިހުތިޔާރުތައް ދިނުމަށް ހުށަހަޅާފައިވާތީ، އިދިކޮޅު ޕިއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޖެހޭ ބާރެއްނޫން ކަމަށެވެ.

ރައްޔިތުންނަށް ސީދާ ފައިދާ ވާނެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޓެކްސްގެ ލުއި ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ރައީސް ބޭނުންފުޅުވާ ފަރާތްތަކަށް ޓެކްސް މާފު ކޮށްދިނުމުގެ ބާރު އޮންނަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ އާމްދަނީއަކުން ނުވަތަ އާމްދަނީގެ ވަކި މިންވަރަކުން ވަކި މުއްދަތެއް ކަނޑައަޅައި ނަގާ އާމްދަނީން ނަގާ ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރަކީ، މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ އިހުތިޔާރެއް ކަމަށެވެ.

ނަަމެސް މިފަހަރުގެ ބިލުން ގާނޫނަށް އެ އިސްލާހު ގެންނަން ހިމަނަން ޖެހުނީ، ފަހުސް އިސްލާހުކޮށް އަމަލު ކުރަންފެށި އިންކަމްޓެކްސްގެ ގާނުގައި އެކަން ކަނޑައަޅާފައި ނުވާތީ ގާނޫނުގައި އުދަގޫތަކާ ކުރިމަތިލާން ޖެހޭތީ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެ އިސްތިސްނާއަކީ ކުރީގެ އެގްރީމެންޓްތަކުންވެސް ދީފައި ހުރި އިސްތިސްނާތަކެއް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްއަށް އެބާރު ދިނުމުުގެ އިތުުރުން ރީ އިންޝުއަރެންސްގެ މެކޭނިޒަމްގައި ފާހަގަ ކުރެވޭކަންތައްތައް އިސްލާހު ކުރުމަށް ވެސް ބިލުގައި ހުށަހަޅާފައިވާނެ ކަމަށެވެ.

އެެގޮތުން ރީ އިންޝުިއަރެންސުން ވިތު ހޯލްޑިން ޓެކްސް ނެގުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް މި އިސްލާހުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.