ކޮވިޑްގައި ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނުގެ ދަރިކަނބަލުން ޖަމީލާ އިބްރާހިމް ދީދީ އަވަހާރަވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލާ އަވަހާރަވެފައިވަނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، މިރޭގެ ވަގުތެއްގައެވެ.

ޖަމީލާއަކީ އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނު، ހާޖީ އިމާދުއްދީންގެ ދަރިކަނބަލަކާއި ކައިވެނި ބައްލަވައިގަނެގެން ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ. އެކަމަނާއަކީ އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ.

އެކަމަނާ އަވަހާރަވީ އުފަން ދުވަހުއެވެ. އެކަމަނާގެ އުފަން ތާރީހަކީ 30 ޖޫން 1930އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.

ޖަމީލާ އަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް ފަލީލަތުއްޝައިހު އަހުމަދު ޝާތިރުގެ އަނބިކަނބަލުންނެވެ.

އަމީރު އިބްރާހީމް ފާމުލަދޭރި ކިލޭގެފާނަކީ 1954 އިން 1957 އަށް ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

މިއާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު ވަނީ 211 އަށް އަރައިފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 194 ދިވެހީންނާއި 17 ބިދޭސީންނެވެ.