ކޮވިޑް 19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއިތަކެއް ދެއްވުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި އިއުލާނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ ތަޅުމުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން އިއްޔެ އިއުލާނު ކުރި ލުއިތަކާ ގުޅިގެން އަންނަ ހަފުތާގައި މަޖިލިސް ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށް ގެންދާނީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ގޮތަށް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުކޮށްގެން، މާސްކު އަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުން މަސައްކަތްތައް ތަޅުމުގައި ހިންގުމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، މަސައްކަތްތައް މަޖިލީހުގައި ކުރިއަށް ގެންދާނީ އެބޭފުޅުންގެ ލަފައާއެކު ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ކޮވިޑް 19 ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އެންމެ ކޮމިޓީއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ އޮންލައިން ކޮށެވެ.

މަޖިލިސް އިދާރާގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މަސައްކަތްތަކަށް އެކަންޏެވެ.

ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަަޅުތަކާ ގުޅިގެން އެދެވޭ ނަތީޖާއެއް ފެނުމާ ގުޅިގެން މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެކަން އިއުލާނު ކުރައްވައިފައެވެ.