ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ވާޑް އިމާރާތުގެ ސީލިން ކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގައި ލެބޯޓަރީ އަކާއި ވޯޑް އިމާރާތެއް ހެދުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ހެލްތު މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.