ބޭންކް އޮފް މޯލްޑިވްސް އިން ކ. ހިންމަފުށްޓާއި ކ. ދިއްފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނީ ހިންމަފުށްޓާއި ދިއްފުށީގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މި ދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިގްތިސޯދަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މި ދެރަށާ އެކު މާލެ ފިޔަވައި ކ. އަތޮޅުގެ ހަ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައެވެ. މީގެ އިތުރުން މާފުށި އަދި ކާށިދޫގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުންވެސް ދަނީ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ސޯޔާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު