ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭނެ ގޮތަށް ލުއި ދީފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ލުއިތައް ދިނުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި އަދި ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިގޮތަށް ހިދުމަތް ދެވޭނީ ރޭގަނޑު 8:00އާ ހަމައަށް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން ފިހާރަތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭނެއެވެ. އަދި ނަމަވެސް އެ ގަޑިތަކުގައި ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. އަދި ފުލުހުންގެ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ފިހާރަތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާލުމަށް ހުއްދަދީފައިވާއިރު، ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ލުއިތައް ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އިއްޔެ ވަނީ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް)އިން މުޒާހަރާވެސް ކޮށްފައެވެ.

ރައީސް ވިދާޅުވީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި މިވަނީ ވިޔަފާރިތައް ހުޅުވާލައި، އިގްތިސޯދުގެ ދުވެލި އިތުރު ކުރުން ކަމަށެވެ. ނަމަވެސް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ދޭން ނިންމި އިތުރު ލުއިތަކަކީ ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަކޮށް، ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ހަމަޖެއްސުމެވެ. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ގޮތަށްވެސް ލުއި ދިނުމަށް ވަނީ ނިންމައިފައެވެ.