ރީޝަމްގެ އެޕާޓްމަންޓުގައި އަހަރެން ދިރިއުޅޭތާ ތިންވަނައަށް ވީ ދުވަހެވެ. ހެނދުނު ހޭލިގޮތަށް އަހަރެން އިނީ ސޯފާގައި އަމިއްލަ ދިރިއުޅުމާ މެދު ވިސްނާށެވެ. ގަޑިން ނުވައެއް ޖަހައިފިއެވެ. ރީކް ސުލޫލަށް ލާން ދިޔަ ގޮތަށް ރީޝަމް އަދި ގެއަށް ނާދެއެވެ. ދޮރުހުޅުވުނު އަޑަށް އަހަރެން ހީކުރީ ރީޝަމް ކަމަށެވެ. އެހެންނަމަވެސް އެތެރެއަށް ވަން މަންމަ އާ މާމަ ފެނިފައި އަހަރެންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. އެދެމީހުންގެ ފަހަތުގައި އިސްޖެހިފައި ހުރި ރީޝަމް އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.

ރީޝަމް ހުރިގޮތުންވެސް މަންމަ އާ މާމަ ގެއަށް ގެނައީ އޭނާ ކަން އަހަރެންނަށް އިނގުނެވެ. އަހަރެން އެކުވެރިޔާއަށް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ. ރީޝަމް އަހަރެންނަށް ދެރައެއް ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެއެވެ. މަންމައާއި މާމައަށް ކުރިމަތިލާން އަހަރެން ބޭނުމެއްނުވިއެވެ. އެދެމީހުންނަށް ފުރަގަސްދިން ގޮތަށް އަހަރެން އެނބުރުނީ ކޮޓަރިއަށް ދާށެވެ. އެހެންނަމަވެސް މާމަ އައިސް އަހަރެންގެ ކުރިމައްޗަށް އަރައިފިއެވެ. އަހަރެންނަށް އިސްޖެހުނެވެ. ދެލޮލުން ކަރުނަތައް ފައިބައިގަނެއްޖެއެވެ. މާމަ އަހަރެންގެ ދަތްދޮޅީކޮޅުގައި އަތް ޖައްސާލާފައި މޫނު އުފުލާލައިފިއެވެ. އެވަރުންވެސް އަހަރެން ނަޒަރު ސީދާކޮށްލީ ދުރަށެވެ. މާމަ އަހަރެންގެ ދެލޯ ކައިރި ފޮހެދިނެވެ. އިސްތަށިގަނޑުގައި ފިރުމާލާފައި ދެއަތުގައި ހިފައިގެން އައިސް އަލުން ސޯފާގައި ބައިންދައިފިއެވެ. އަހަރެންގެ ބޮލުގައި މަންމަވެސް ފިރުމާލައިފިއެވެ.

"މިއަދު އެއްޗެއް ކެއިންތަ؟" މާމަ އެހިއެވެ. އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. ރޮވެނީއެވެ. މަންމައާއި މާމަ ފެނުނު ފަހުން ހިތުގައި އުފެދިފައިވާ ޝަކުވާތަކުގެ އުނދަގު ބޮޑުވަނީއެވެ. ނޭވާލާން ދަތިވެ މަންޒަރު ފުސްވާން ފަށައިފިއެވެ.

"ރޭގަ ނުކައި. އެކަމަކު މިއަދު ހެނދުނު ވަރަށް ކުޑަކޮށް ސައި ބުއި" އަހަރެންނަށް ޖަވާބެއް ނުދެވުމުން ވާހަކަދެއްކީ ރީޝަމްއެވެ.

"ފާއިތުވެމިދިޔަ ތިން ދުވަހު ވަރަށް ބަދަލު ހަށިގަނޑަށް އައިސްފި. މޫނުމަތީގެ ލޭކޮޅު ދަމައިގަނެފަހެން ހީވަނީ. މަރުވެފައިވާ މައްޔިތެއް ފަދަ" މަންމަ ބުނެލިއެވެ.

"މަލް، ތިގޮތަށް ގެއިން ނިކުމެގެން އައުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން. ހަގީގަތް އިނގުނީމަ އެކަމާ ކުރިމަތިލާން ކެރޭނެހާ ހިތްވަރެއް ހުންނަންވާނެ" މާމަ ވާހަކަދެއްކިއެވެ.

"މިވަގުތު މަލް ބޭނުން ސުވާލެއްކުރޭ. މާމަ ޖަވާބުދޭނަން" މާމަ ބުނެލިއެވެ.

"އަޅުގަނޑު ކުރާކަށް އެއްވެސް ސުވާލެއް ނެތް. ހުރިހާ ކަމެއް އެނގިއްޖެ" އަހަރެން ބުނީމެވެ.

"ދެން ކޮންގޮތެއް ވިސްނަނީ؟ ތިގޮތަށް ހުންނަންތަ ބޭނުންވަނީ؟ ފިރިމީހާއާއި ގެދޮރު ދޫކޮށްލަންތަ ބޭނުންވަނީ؟ ވިއާނާ ވަކިން ދަރިފުޅަށް އުޅެވޭނެތަ؟" މާމަ އެހިއެވެ.

"އުފަލެއްނެތް ދިރިއުޅުމެއްގައި ބަންދެވިގެން ހުރުމަށް ވުރެ މާ ރަނގަޅު އެކަނި ހުންނަންވެސް" އަހަރެން ބުނީމެވެ. "ކޮބާ އުފަލެއް ނެތިފަ. ދަރިފުޅުމެންގެ މުސްތަގުބަލް އަދި އޮތީ ކުރިއަށް" މާމަ ބުންޏެވެ.

"ވިއާނަށް ދުވަހަކުވެސް އަޅުގަނޑަށް ދަރިއަކު ހޯދައިދެވޭނެތަ؟ މައްސަލައަކީ ވިއާނަށް ދަރިން ނުލިބުމެއްނޫން. މައްސަލައަކީ ވިއާން އަޅުގަނޑަށް އޮޅުވާލީމަ. އެހާ އިތުބާރުކޮށް ކައިވެނި ކުރެވުނު ފަހުންވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ކަމެއް ކިޔައިދޭށޭ ބުނިން. އެކަމަކު އަނބިމީހާއަށް އެއްޗެއް އެނގުން ވިއާނަށް މުހިންމު ކަމަކަށް ނުވި. އަހަރެމެން ދެމަފިރިން މެދުގައި އަންބަކާ ފިރިއަކާ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއް ނެތް" އަހަރެން ވާހަކަދެއްކީމެވެ.

"މަލް ކައިރީގައި ކާކު ބުނީ ވިއާނަށް ދަރިން ނުލިބެއޭ. ތިއީ ތެދަކަށް ވާނަމަ މަލްއަށް ގަބޫލުކުރެވޭނެތަ ވިއާނާ މަލް އިންނަން މާމައަށް ގަބޫލުވެވޭނޭ. ތިއީ ތެދަކަށް ވާނަމަ އެއްވެސް އަންހެންކުއްޖަކަށް އޮޅުވާލައިގެން މާމަގެ މާމަ ދަރިއަކާ ކައިވެނި ކުރުވަން ނޫޅުނީމުސް. ދަރިފުޅަށް އަދި ތިއެނގުނީ ރަނގަޅަކަށް ނޫން" މާމާ ވާހަކަދެއްކިއެވެ. ސުވާލު އުފެދިފައިވާ ބެލުމަކުން އެވަގުތު އަހަރެންނަށް މާމައަށް ބަލައިލެވިއްޖެއެވެ.

"މިއަދު ދަރިފުޅަށް މަންމަ ހުރިހާ ވާހަކައެއް ކިޔައިދޭނަން" މަންމަ ބުނެލިއެވެ.

"އާނ ދަރިފުޅާ. އަޑުއަހާ. މަލްއަށް އެ ހަގީގަތް ވިއާން ބުނެނުދެނީސް އެނގުނީ ކިހިނެއްކަމެއް މަންމައަކަށް ނޭނގޭ. މަންމައަށް އެނގެނީ އެނގުނު އެއްޗެއް މަލްއަށް އެނގިފައި ތިވަނީ މުޅިން ގޯސްކޮށް ކަން. ވިއާން އުފަންވިއިރުވެސް އޭނާއަކީ ބަލި ކުއްޖެއް. މިބުނީ އުފަންވިއިރު ވިއާނަކީ ޖިންސު ވަކިނުވާ ކުއްޖެއް. ވިއާނަށް އަންހެންކުއްޖެއްގެ ގުނަވަން ލިބިފަ އިނީ. އޭރު ކިއީ މަރްޔަމް ވީނާ ވާހިދު. ބޮޑުވަމުން އައި ވަރަކަށް އެކަމުގެ ސަބަބުން ވިއާނަށް އައީ ތަފާތު އުނދަގޫތައް ވަމުން. އަންހެންކުއްޖަކަސް ވިއާންގެ އުޅުން ފިރިހެންކުއްޖެއް ފަދަ. އެހާ ކުޑައިރުވެސް ހުންނަނީ ބަރު ފިރިހެން އަޑެއް. ވިއާން އާދަޔާޚިލާފް ހުމެއް އައިސްގެން ޑޮކްޓަރަށް ދައްކާފަ ހެދި ޓެސްޓްތަކުން އޭނާގެ ހަށިގަނޑުން އެތެރޭގައި ތަނެއް ދުޅަވަމުން އަންނަ ކަމަށް ބުނި. އޭރު އަތޮޅު ހޮސްޕިޓަލުން ބުނީ މާލެ ދާން. މާޖިދާ އެތައް މަސައްކަތަކުން އެސޮރު ގޮވައިގެން މާލެ އައިސް ހަފްތާއެއް ވަންދެން ހޮސްޕިޓަލުގަ އެޑްމިޓް ކޮށްގެން އުޅެފަ ޑޮކްޓަރުން ހެއްދި ޓެސްޓްތަކުގެ ނަތީޖާ ބޭރުން އައިރު ފުރަތަމަ ގަބޫލުކުރަންވެސް ދަތިވި. ޑޮކްޓަރުން ބުނަނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަންކުރަން. ލަސްކުރަންޏާ ޖަރާސީމެއް އަށަގަނެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނި. ވިއާނަކީ އަންހެންކުއްޖެއް ނޫނޭ ބުނީ. އެއީ ވަރަށް މަދުން ދިވެހިރާއްޖޭގައި ދިމާވާ ކަމެކޭ. އޭރު ވިއާނަށް ފަރުވާދިން ޑޮކްޓަރު ބުނީ އޭނާގެ ޑޮކްޓަރީ ހަޔާތުގައި ފަނަރަ އަހަރު ހޭދަކުރިއިރު އެފަދަ ކޭސްއެއް ސްޓަޑީ ކުރަންޖެހުނު ފުރަތަމަ ފަހަރު ކަމަށް. އެއީ ޑޮކްޓަރ އުބައިދުﷲ. އެކަމަކު ވިއާންގެ އޮޕަރޭޝަން ކުރެވޭ ގޮތެއް ނުވި. ލަބީބް ވިއާނަށްޓަކައި ފައިސާ ހަރަދުކުރަން ބޭނުމެއްނުވި. ވިއާންގެ ހަގީގަތް އެނގުމާއެކު އޭނާ އެކުޑަކުޑަ ކުއްޖާއަށް ތަފާތު ނަން ނަމުން ގޮވަން ފަށައިފި. ހެދޭނެ އިތުރުގޮތެއް ނެތިގެން އެންމެފަހުން އަހަރެން ވިއާން ގޮވައިގެން ރަށަށް އައީ. އޭގެފަހުން ދޭތެރެއަކުން ހުމެއް އަޔަސް ހުން ގަދައެއްނުވޭ. އެނބުރި ރަށަށް އައިތަނާ ލަބީބް އަހަރެންނަށް މަޖުބޫރުކުރަން ފަށައިފި ވިއާންގެ ކަންތައްތަކާ ނޫޅެން. އަހަރެން އެކަމަށް ފާޅުގައި އިންކާރުކުރީމަ އަހަރެންނަށް އަނިޔާވެރިވާން ފަށައިފި. އެކުއްޖާއަށް ގަޑިއަށް ބޭސްކޮޅު ކާންދޭންވެސް އަހަރެންނަށް އަމުރެއް ނޯވޭ. ދެ ދުވަސް ތިންދުވަސް ފާއިތުވެގެން ދާއިރު އަހަރެންނަށް ބަލައިނުލެވޭ އެކުއްޖާ ހުންނަނީ ކައިގެންތޯ ނުކައިތޯވެސް. ލަބީބް ކަމެއްގަ ބޭރަށް ދާން ޖެހުނިއްޔާ އޭނާ ދަނީ ކޮޓަރިއަށް އަހަރެން ގަދަކަމުން ވައްދާފަ ތަޅުލާފަ ތަޅުދަނޑި ހިފައިގެން. ބައެއް ދުވަސްދުވަހު ލަބީބް ކުރާ އަނިޔާތަކަށް އެކުއްޖާ ކެތްނުކުރެވިގެން ރޯ އަޑު އަހަރެންނަށް އިވޭ. އެހެން އުޅެނިކޮށް ވިއާނަށް ހަ އަހަރު ނުފުރެނީސް މަންމަ އައިސް ވިއާން ގެންގޮސްފި. އެދުވަހު އަހަރެން ރޮއެރޮއެ މަރުނުވީ ކިރިޔާ. އަނބުރައިގަނެގެން މަރުކަޒަށް ގެންދިޔަކަން އެނގޭ. ދެވަނަ ފަހަރަށް ލޯ ހުޅުވާލިއިރު އަހަރެންގެ ރަހިމުގައި އެހެން ފުރާނައެއް ގަރުބަގަނެގެން އުޅޭ ހަބަރު ޑޮކްޓަރުން ދީފި" ރޮމުން ގިސްލަމުން މަންމަ ވާހަކަދެއްކިއެވެ. އެވާހަކަތައް އަހާފައި އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ހިތުގައި ކުރިން އުފެދިފައިވި ގިލަންވެރިކަން ފިލައި އަލުން އައު ވޭނެއް ހިތުގައި އުފަން ވެއްޖެއެވެ. ކުރިން ނޭނގޭ ކަންތައްތަކެއް އެނގިގެން ދިޔައެވެ.

"މާޖިދާ އެދެއްކީ ތެދު ވާހަކަ. އަހަރެން ވިއާން ގޮވައިގެން ގެއަށް ގޮސް ބެލީ އެންމެ އަވަހަށް ފުރާ ދޯންޏަކުން މާލެ ފުރޭތޯ. ވިއާންގެ ކާފަ ދުނިޔޭގަ ކެޔޮޅުކަން ކުރި ދޯންޏެއް އެރޭ ފަތިހު މާލެ ފުރަން އުޅޭކަން އެނގުމުން އަހަރެން ދަތުރު ހަދައިފިން. އެކަމަކު އޭގެކުރިން އަހަރެން މާޖިދާ އާ ބައްދަލުކޮށް ވިއާންގެ ހުރިހާ ލިޔުންތަކެއް ހޯދިން. އޭރު އަހަރެންނަށް ރުފިޔާ ލިބޭނެ އެއްވެސް ގޮތެއް ނޯވޭ. މީހަކަށް ބޭސްގަނޑެއް ފުނޑައިދިނީމަ ލިބެނީ ފަންސާހަކަށް ރުފިޔާ. އޭގެއިން އަހަރެން ބެލީ އެދަރިފުޅުގެ މުހުތާދުތައް ފުއްދައިދެވޭތޯ. މާލެ އައީވެސް ވަންނާނެ ތަނެއް ހުރެގެނެއްނޫން. އެކަމަކު ނަސީބު ރަނގަޅުކަމުން މަގުމަތިން ދިމާވި ވަރަށް ހެޔޮ މީހެއް އަހަރެމެންގެ ދެމައިންނަށް އަޅާލި. އަހަރެންނަށް އަވަށު އޮފީހުން ކުނިކަހާ މީހެއްގެ ވަޒީފާ ހަމަޖެހެންދެން އެގޭގައި ބަހައްޓައިދިން. އަހަރެންނަށް ރުފިޔާ ލިބެންފެށީމަ ކުޑަ ކޮޓަރިއަކަށް ބަދަލުވެއްޖައިން. އޭރު ވިއާންގެ އުމުރުން ނުވައަހަރު ނިމި ދިހަ އަހަރަށް އަޅައިފި. ބޮޑުވާވަރަކަށް އެކަމުގެ ސަބަބުން އެކުއްޖާއަށް އިތުރު ތަކްލީފުތަކެއް ލިބެން ފަށައިފި. ހޮޑުލުން އާންމުވެއްޖެ. ހުންނުފިލާ އެއްގޮތަކަށްވެސް. ދެން ކުރިން އެދެއްކި ޑޮކްޓަރު ބަލާ ހޮސްޕިޓަލެއް ހޯދައިގެން އަވަހަށް ގޮސް އެތަނަށް ދެއްކީ. ވިއާން ފެނުމާއެކު އެ ޑޮކްޓަރު ފުރަތަމަވެސް ޝަހާދަތްކިއީ. ދަށްބަނޑު އެއްކޮށް ދުޅަވެ ކުޑަކަމުދާ ހޮޅި ފިތިފަ. ކިރިޔާ ލަސްވި ނަމަވެސް ހޮޅި ފަޅައިގެން ގޮސް ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނީ. ޑޮކްޓަރުން ވަގުތުން އޮޕަރޭޝަންކުރަން ބުނެފި. އެކަމަކު އެ ހޮސްޕިޓަލުން ކުރެވުނީ ހަމައެކަނި ހޮޅި ފިތިފަ އިނީމަ ކުރެވުނު އޮޕަރޭޝަނެއް. ވިއާންގެ ދިރިއުޅުމާ ގުޅިފައިވާ ބޮޑު އޮޕަރޭޝަން ނުކުރެވުނު. ދެން ދިމާވީ އެހެން މައްސަލައެއް. އެތަނަށް ދައްކާނެ ފައިސާ އަހަރެން އަތުގައި ނެތިގެން އަހަރެން މަގުމައްޗަށް ނިކުމެ މީހުން ކައިރީގައި ސަލާންވެސް ޖެހިން. މިއީ މީގެކުރިން އަހަރެން އެއްވެސް އިންސާނެއް ކައިރީގައި ދެއްކި ވާހަކައެއްނޫން. ހޮސްޕިޓަލުން ދިމާވި މީހަކު ބުނި ބުނުމަކަށް މާލޭގައި އުޅޭ ދެތިން ވިޔަފާރިވެރިއެއް ކައިރިއަށް ދިޔައިން. އެމީހުން އަހަރެންނަށް ފައިސާދޭން އެއްބަސްވި. އެކަމަކު ބަދަލުގަ އެދުނީ އަހަރެންގެ ހަށިގަނޑަށް. އެކަމަކު އޭރުވެސް އަހަރެންނަށް އެނގޭ ދެއްވަނީ ﷲ ކަން. އަހަރެންނާއެކު އެކަލާނގެ ވޮޑިގެންވާހާ ހިނދެއްގައި އަހަރެންނަށް ހާލެއް ނުޖެހޭނެކަން. ވިއާން އޮޕަރޭޝަންކޮށް ނިކުމެފައި ޑޮކްޓަރު އަހަރެންނާ ބައްދަލުކޮށްފައި ބުނީ ﷲ އިރާދަފުޅު ކުރެއްވިއްޔާ ވިއާނަކީ ވަރަށް ނަސީބުގަދަ ކުއްޖެކޭ. އެކަމުން ވިއާން ސަލާމަތްކުރެވިއްޖޭ. ދެން އޮތީ ބޮޑު އޮޕަރޭޝަނޭ. އެ އޮޕަރޭޝަންކުރަން ފުރަން ތައްޔާރުވާށޭ. އަހަރެން ދެލޮލުން ކަރުނަ އައިސްފި. ހިތަށް އަރައިފި ޔާ ﷲ. ހޮސްޕިޓަލަށް ދައްކާނެ ފައިސާ ނެތިގެން އުޅޭއިރު އަދި ރާއްޖެއިން ބޭރުން ހަރަދެއް ކުރާނީ ކޮންގޮތަކުންބާއޭ. ކޮންމެ ގޮތެއްވިޔަސް އެކަލާނގެ ރަހްމަތުން އުންމީދު ކަނޑައެއްނުލަން. އަހަރެން ފައިސާއަށް ޖެހިފައި އިންކަން ޑޮކްޓަރަށް ކިޔައިދިނީ ކާކު ކަމެއް އަދިވެސް އަހަރެންނަށް ނޭނގޭ. ފަހުން ވިއާންގެ ހުރިހާ ކަމެއް ހަމަޖައްސައިދިނީ ޑރ.އުބައިދުﷲ. އިންޑިޔާގެ މެޑްރާސްގައި ދެ ހަފްތާ ވަންދެން ތިބެފަ މާލެ އައީ. އެގާތްކަން މިހާރުވެސް އެ އޮންނަނީ. ޑޮކްޓަރު ދެކެނީ އެއީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގަ. ބުނަންވެސް ބުނެފަ އެބަހުރި. ބަންގްލަދޭޝް އަންހެނަކާ އޭނާ ކައިވެނިކޮށް ލިބުނު ފިރިހެން ދަރިފުޅު ކުއްލިގޮތަކަށް ނިޔާވި ހަބަރު ލިބުނީ އެހެން ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން އޮޕަރޭޝަން ތިއޭޓަރުގައި އުޅެނިކޮށް ކަމަށް. އެ ޑޮކްޓަރު އަބަދުވެސް ވިއާނަށް ހާއްސަގޮތެއް ބަހައްޓާނެ. އެ ޑޮކްޓަރަކީ މާތް ﷲ އަހަރެންގެ ދަރިފުޅަށް ފޮނުއްވި ރަހްމަތެއް. އަލްހަމްދުލިﷲ. އަހަރެންގެ ދަރިފުޅު މިހާރު އެހެރީ އެކަމުން ސަލާމަތްވެފަ. މިއީ ވިއާންގެ ހަގީގަތަކީ" އެވާހަކަތައް ދައްކައި ނިމުނުއިރު މާމަގެ ދެލޮލުން ކަރުނައެއް ވެއްޓިއްޖެއެވެ. މާމަގެ ލޮލުން އަހަރެން ކަރުނައެއް ދުއް މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަހަރެންގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ. ވިއާނަށްޓަކައި އަހަރެންގެ ހިތް ލޯބިން ފުރުނެވެ.

"ދެން ތިބުނަނީ ވިއާނަށް ދަރިން ނުލިބޭ ވާހަކަ. އެއްވެސް ޑޮކްޓަރެއް ނުބުނޭ ވިއާނަށް ދަރިން ނުލިބެޔޭ. އޮޕަރޭޝަނަށް ފަހުވެސް ދިހަ އަހަރު ވަންދެން ކޮންމެ މަހަކު ތިންފަހަރު ވިއާން ސްކޭން ކުރޭ. އެއީ އެއްވެސް ގޯހެއް އުޅޭތޯ ބެލުމަށް. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދާ ހަމައަށްވެސް ވިއާނަށް އެކަމުގެ އެއްވެސް އުނދަގުލެއްނުވޭ. އާނ މައިބަދައިގަ އެ ލަކުނު އިނދޭ ފެންނަން. މޫސުމަށް އަންނަ ބަދަލާއެކު ރިއްސާތީ އުޅޭނެ. އޭގެފަހުން އަހަރެން އޭނާގެ ނަން ބަދަލުކުރީ. ބޮޑުވަމުން އަންނަ ވަރަކަށް އަހަރެންގެ ދަރިފުޅު ވީ ރީތި ފިރިހެން ކުއްޖަކަށް. އަހަރެން އޭނާއަށް ޒިންމާދާރުވާން ދަސްކޮށްދިނިން. ހަރުދަނާ ދަރިއަކަށް ހެދިން. ދީނީ ކަންތައްތަކަށް ލޯ ހުޅުވައިދިނިން. ރަނގަޅު ނުބައި އަންގައިދިނިން. އަހަރެންނަށް ބަދަލުނުކުރެވުނު އެއްޗަކީ އެސޮރުގެ އެކަނިވެރިކަމާ ހަމަހިމޭންކަން. ވަޒީފާ ނޫން ތަނަކަށް މަގުމައްޗަށް ނިކުންނަން ބޭނުމެއްނުވޭ. ހުރިހާކަމެއް ކުރަނީ އަމިއްލައަށް. އެކަމަކު އޭނަ އެއްކަމަކަށް ވަރަށް ފަރުވާތެރިވެ ހަނދާން ގަދަކުރި. އެއީ ގަޑިއަށް ބޭސް ކެއުން. ވިއާނަކީ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ޒުވާނެއް. އަޖުމަ ބަލާލަންވެސް ދަރިފުޅު ނިކަން ވިއާނާއެކު މަހެއް ހާ ދުވަސް މަޑުކޮށްބަލަ. ﷲ ރޭވުންތެރިކަން ކާކަށް އެނގޭނީ. ހަމަ ދަރިފުޅުގެ އުނގު ފަޅުފިލާފާނެއްނު. މާމައަށް ނިކަން އިތުބާރުކޮށްބަލަ. ދަރިފުޅު ބޭނުމިއްޔާ ޑޮކްޓަރަށް ގުޅައިވެސްދީފާނަން. އޭރުން މަލް ބޭނުން ސުވާލެއް ޑޮކްޓަރާ ކުރެވޭނެ" މާމަގެ ވާހަކަތައް ނިމުނުއިރު އަހަރެން ރޮއެރޮއެ ބަލިވެއްޖެއެވެ. މޫނުމަތީގައި އަތްއެޅުނު ގޮތަށް ދެން ބޯއެޅުނީ ދެކަކުލުގައެވެ.

އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. ދެކަމަކުން އަހަރެންނަށް އަދަބު ލިބެންޖެހެއެވެ. އެއްކަމަކީ ހަގީގަތް ނޭނގި ހުރެ އިބިލީހެއް ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވުމެވެ. ދެވަނަ ކަމަކީ އަހަރެންނަށް ވިސްނާނުލާ ކަންތައްކުރެވުނު ގޮތެވެ. އެގޮތަށް ފިރިމީހާ އާ މެދު ކަންތައް ކުރެވުނީތީ އަހަރެން ފާފަވެރިވާނެކަން ޔަގީނެވެ. ފިރިމީހާ ވާނީ ފިރިމީހާއަށެވެ. މާތް ﷲ އަންގަވާފައިވަނީ ތިމަން ކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް ސަޖިދަ ކުރަން އަންގަވާނަމަ ތިމަންކަލާނގެ ތިޔަ ކަނބަކުންގެ ފިރިންނަށް ސަޖިދަ ކުރަން ތިޔަ ކަނބަލުންނަށް އެންގީމުހެވެ. މިއަދު އަހަރެންނަށް އެކަލާނގެ ބަސްފުޅަށްވެސް އަމަލު ނުކުރެވުނެވެ. ފިރިމީހާއަކީ ކިހާ މަތިވެރި ފަރާތެއްކަން އަހަރެންގެ ހަނދާނުން ކައްސާލައިފިއެވެ. އަހަރެން މިހާ އަމިއްލަ އެދުން ބޮޑުވީ ކޮންއިރަކު ހެއްޔެވެ؟

"މިއަދު މާމަ މިއައީ މާމަގެ ދަރިފުޅަށްޓަކައި ދަރިފުޅުގެ ކިބައިން ސަލާންޖަހަން. ވިއާނަކީ އެއްވެސް ބައްޔެއް ތަހައްމަލްކުރަމުންދާ ކުއްޖެއްނޫން. އެއީ އަނބިމީހާދެކެ ހިތާފުރާނައިން ލޯބިވާ އޯގާތެރި ފިރިއެއް. ތިނޫން އެހެން އެއްވެސް އަންހެނެއްދެކެ ވިއާން ލޯބިނުވޭ. މިއަދު މަލް އެސޮރު ދޫކޮށްލާފަ ތިގޮތަށް އެހެން ތަނެއްގައި ދިރިއުޅެން އައުމުގެ ސަބަބުން އެސޮރު ވަނީ ހުރިހާ ގޮތަކުން ބަލިކަށިވެފަ. އެސޮރަށް ނުވެސްކެވޭ ނުވެސް ބޮވޭ. މަލް ގެއިން ނިކުތްފަހުން ހަމަ ނިންޖަކު ނުނިދާ. ރަނގަޅަށް ވާހަކަވެސް ނުދެއްކޭ. ވަރަށް ބޮޑަށް އަސަރުކޮށްފަ ހުރީ. އަންހެނަކަށްޓަކައި އެސޮރު ދުނިޔެއިން ނިމިގެންދާތަން ބަލަން މި މާމަގެ ލަގޮނޑިއަށް ކެތެއްނުވާނެ. ވިއާނަށް އެހީވެދީ" މާމަ އަހަރެންނާ ދިމާލަށް ސަލާންޖަހާ މީހަކު ފަދައިން ދެއަތް ދިއްކޮށްލިއެވެ. ރޫޖެހި ފުސްވެފައިވާ މާމަގެ ދެލޮލުގެ ތެރެއިން ކަރުނަ ވިދާ ބަބުޅަމުންދާ މަންޒަރު އަހަރެންނަށް ފެނިއްޖެއެވެ. އެހިނދު އަހަރެން މާމަގެ އަތުގައި ހިފާ މާމަގެ ފައިބުޑަށް ތިރިވެއްޖައީމެވެ.

"މާމާ، މަންމާ، ކުށްްކުރެވުނީ އަޅުގަނޑަށް. އަޅުގަނޑަށް މައާފްކުރޭ. އެގޮތަށް ކަންތައް ކުރެވުނީ ތިވާހަކަތައް އަޅުގަނޑަށް އިވުނު ގޮތުން. އަޅުގަނޑު ގެއިން ނިކުތީ ވިއާންދެކެ ލޯބިނުވާތީއެއް ނޫން. އޮޅުވާލީމަ ދެރަވީވަރުން. ވިއާން އެވާހަކަތައް ނުދެއްކީމަ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން. ހާއްސަކޮށް ދަރިއަކު އަޅުގަނޑު ބޭނުންވާވަރުން" އަހަރެން ވާހަކަދެއްކީމެވެ.

"ކުރިންވެސް މަންމަ މަސައްކަތްކުރިން މަލްއަށް މިވާހަކަތައް ކިޔައިދޭން. އެކަމަކު ތިގެއަށް މަންމަ ދިޔަ ދުވަސް ނޫން އަނެއްދުވަހު ވިއާން މަންމައަށް މަނާކުރީ. ވިއާން ބުނީ އޭނަ ކޮންމެސް ދުވަހަކުން ކިޔައިދޭނެ ކަމަށް" މަންމަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ގެއަށް ދާން ބޭނުން" އަހަރެންނަށް ބުނެވުނެވެ.

"އެގެއަކީ އަބަދުވެސް މަލްގެ ގެއަކީ. ހިނގާ ދާން" މާމަ ބުންޏެވެ.

މަންމައާއި މާމަ ދޮރާ ދިމާލަށް ހިނގައިގަތުމުން އަހަރެންނަށް ބަލައިލެވުނީ ވަކިން އިން ސޯފާގައި އިން ރީޝަމާ ދިމާލަށެވެ. ސޯފާ މަތީގައި އޮތް ގޭތެރޭގައި އަޅާ ބުރުގާކޮޅު އަޅަމުން އަހަރެން ރީޝަމް ކައިރިއަށް ހުއްޓުނީމެވެ. އެހިނދު ރީޝަމް ކޮޅަށް ތެދުވެފައި އަހަރެންގެ ގައިގައި ބައްދާލިއެވެ.

"އަވަހަށް ދޭ. ފަހުން ވާހަކަދައްކާނީ" ރީޝަމް ބުނެލިއެވެ.

ކާރުގައި އިނދެފައި އަހަރެން ފޯނު ނަގާފައި ތަނަކަށް ގުޅީމެވެ. ވާހަކަދައްކާފައި ބޭއްވިތަނާ މަންމަ ސުވާލުކޮށްފިއެވެ. އަހަރެން މަންމައަށް ބަލައިލާފައި ހިފީ މަންމަގެ އަތުގައެވެ.

"މަންމާ، މާތްﷲ މިންވަރުފުޅުގައި ހުރީވިއްޔާ ހުރިހާ ކަމެއް ދާނީ ރަނގަޅަށް. މަންމަ ބޭނުންތަ މަންމަގެ އުފަލަށްޓަކައި މަންމަގެ އެއްވެސް ދަރިއެއްގެ ދިރިއުޅުން ރޫޅެން" އަހަރެން ވާހަކަދެއްކީމެވެ.

"މަންމަ ބޭނުމެއްނޫން. މަންމައަށް ނުވިސްނޭ މަލް ތިކިޔާ އެއްޗެއް" މަންމަ ބުނެލިއެވެ.

"މަންމާ އަޅުގަނޑަށް މަޢާފްކުރައްޗެ. އަޅުގަނޑު މިކުރީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިހާރު މާބޮޑަށް ލަސްވެސްވެއްޖެ މިކަން ކުރަން" އަހަރެން ބުނީމެވެ. މަންމަ ފަހުން ބަހެއް ނުކިޔައެވެ. އެހެންނަމަވެސް މަންމަގެ ހިތުގައި ސުވާލު އުފެދިފައި އިންކަން އަހަރެންނަށް ބަލަހައްޓައިގެން އިން ގޮތުން އެނގެއެވެ.

މަންމައާއި މާމަގެ ފަހަތުން އަހަރެން ގޭތެރެއަށް ވަންތަން ފެނުމާއެކު ސޯފާގައި ރިމޯޓް ހިފައިގެން އިން ޒިޔާނަށް ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެއެވެ. އަހަރެން ޒިޔާނަށް ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ. ކައިރީގައި މީހުން ތިބުމުން ކަންނޭނގެއެވެ. ޒިޔާން ހީލައިފިއެވެ. އަދި އަހަރެން ގެއަށް އައީތީ މަރުހަބާ ކިޔާލިއެވެ. އަހަރެންނަށް ދެއަތް މުށްކެވުނެވެ.

"މަންމާ، އަޅުގަނޑު މިދަނީ އަޅުގަނޑުގެ ފިރިމީހާ ކައިރިއަށް. އަޅުގަނޑުގެ ފިރިމީހާ މިހާރު އަޅުގަނޑަށް އިންތިޒާރުކުރާނެ" އަހަރެން އެބަސްތައް އިއްވީ ޒިޔާނަށެވެ.

އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު އެނދުގައި އިން ވިއާން ދިޔައީ ސިއްސައިގެންނެވެ. ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު އަހަރެންނަށް ވިއާނާ ދިމާލަށް ދުއްވައި ގަނެވިއްޖެއެވެ. އެނދާ ހަމަވުމުގެ ކުރިން ވިއާން ކޮޅަށް ތެދުވެއްޖެއެވެ. ވިއާންގެ ގައިގައި ބައްދައިގަނެވުނު ގޮތަށް އަހަރެންނަށް ރޯންފެށުނެވެ. ވިއާން ލައިގެން ހުރި ޓީޝާޓުގެ މޭމަތިން ދެއަތުން ހިފައިގެން އަހަރެންނަށް ރޮމުން ރޮމުން ތިރިއަށް ސޮހިގެން ހިނގައްޖެއެވެ. ކޮންމެހެންވެސް އަހަރެން ފިރިމީހާގެ ހިތް ހަލާލު ހޯދަންޖެހޭނެއެވެ.

(ނުނިމޭ)