ކޮވިޑަކީ އާއްމު ރޯގާއެއް ގޮތުގައި ބަލައިގަތުމަށް ސިންގަޕޫރުން ތައްޔާރުވެއްޖެއެވެ.
މިހާތަނަށް ކޮވިޑް ކޮންޓްރޯލުކުރުމުގައި ކާމިޔާބު ހޯދާފައިވާ ސިންގަޕޫރުގައި އާދައިގެ ރޯގާއެކޭ އެއްގޮތަށް ކޮވިޑާއިމެދު އަމަލުކުރުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފައިވަނީ އާ އާއްމު ހާލަތުގައި ކޮވިޑާއެކު ދިރިއުޅުމަށް އެގައުމުން އެކުލަވާލަމުން އަންނަ ޕްލޭންގެ ދަށުންނެވެ.
މި ޕްލޭންގެ ދަށުން ކޮވިޑަކީ އާއްމު ރޯގާއެއްގެ ގޮތުގައި ކަނޑައަޅައި، ބަލި ފެތުރުން މޮނިޓާ ކުރަމުން ދާނެކަމަށާއި، ކަރަންޓީން ކުރެވޭނީ ހަމައެކަނި ދަތުރުކުރާ ފަރާތްތައް އެކަނި ކަމުގައި ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު އިއުލާންކުރަމުން ގެންދާ ކޮވިޑްގެ އަދަދުތައް ހާމަކުރުން ހުއްޓާލުމަށް ވަނީ ކަނޑައަޅާފައެވެ.
މި ލުއިތަކާއެކުވެސް ވަޒީފާއަށާއި ފިހާރަތަކަށާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ކުރިން ޓެސްޓުކުރަން ޖެހޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.
މި މަގުޗާޓު އެކުލަވާލުމުގައި ސިންގަޕޫރުގެ ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުން ހާމަކުރައްވާފައިވާގޮތުގައި ކޮވިޑަކީ ފިލައިގެންދާނެ ބައްޔެއް ނޫންކަމަށާއި، ބައްޔާއެކު ދިރިއުޅުން އިޔާދަކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުން މުހިއްމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސިންގަޕޫރުގައި ކޮވިޑުގެ ކޭސްތައް ވަނީ މިދިޔަ އަހަރުގެ އެޕްރިލްމަހުގެ ތެރޭގައި 600 އިން މައްޗަށް އަރާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓަށްފަހު ކޭސްތައް ގިނަވެގެން ގޮސްފައެއް ނުވެއެވެ.
5.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި ދުވާލެއްގެ މައްޗަށް ޕޮސިޓިވް ވަމުން އައިސްފައިވަނީ 20-30 މީހުންނެވެ. އަދި މިހާތަނަށް ޖުމުލަ މަރުވެފައިވަނީ 35 މީހުންކަން ފާހަގަކޮށްލެވެއެވެ.
ސިންގަޕޫރުން މިހާތަނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ގައުމުތަކަށް ބޯޑަރުތައް ބަންދުކުރުމާއި، ދަތުރު ކުރާމީހުން ޓެސްޓު ކުރުމާއި ކަރަންޓީނުކުރުން ހިމެނެއެވެ. އެ ގައުމުގެ ފައިނޭންސް މިނިސްޓަރާއި، ޓްރޭޑް މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރުގެ މައްޗަށް އެކުލަވާލެވިފައިވާ ޓާސްކް ފޯހުންވަނީ މި މަގުޗާޓާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ސްޓްރެއިޓް ޓައިމްސްއާއި ހިއްސާކުރައްވާފައެވެ.
އެފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް މީހުންނަށް ރޯގާ ޖެހެމުން އައިސްފައިވާއިރު، ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުތަކުގައި ފަރުވާކުރަން ޖެހެނީ ބަދު ބައެއް ކަމަށާއި، ބަލީގައި ބޮޑުވަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރާ މީހުންކަން ފާހަގަކުރައްވާފައިވެއެވެ.
މި ޕްލޭން ކަނޑައެޅިގެންދާނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުމަށްފަހުގައިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގައުމުގެ ތިންބައިކުޅަ ދެބައި މީހުންނަށް ވެކްސިންގެ އެއް ޑޯޒު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދިނުމަށާއި އޯގަސްޓްމަހުގެ ކުރީކޮޅާއި ހަމައަށް ތިންބައިކުޅަ ދެބައި މީހުންނަށް ދެ ޑޯޒު ދީ ފުރިހަމަކުރުމަށް ވަނީ އަމާޒުހިފާފައެވެ.
މީގެ އިތުރުން ފަސޭހައިން ޓެސްޓުކުރެވޭނެގޮތްތަށް ހަދައިދެވޭނެކަމަށާއި، އަމިއްލައަށް ޓެސްޓުކުރެވޭ ބްރީތަލައިޒާސް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވަނީ ނިންމަވާފައެވެ.
އެއާޕޯޓާއި ބަނދަރުތަކުގައި އަދި ހޮސްޕިޓަލާއި، ޝޮޕިންގ މޯލާއި ކިޔަވައިދޭ ތަންތަނުގައި މުވައްޒަފުންނާއި އައިސްގޮސްވާ މީހުން ސްކްރީންކުރުމާއި ޓެސްޓުކުރުމަށް މި ކިޓުތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ތަނުގައި ކޮވިޑު ޖެހޭ އަދަދުތައް އިއުލާނުކުރުން ހުއްޓާލުމަށް ވިސްނާފައިވީނަމަވެސް، ބަލީގައި ބޮޑުވަރުވެގެންދާ މީހުންނާއި، އައިސީޔޫގައި ފަރުވާކުރަންޖެހޭ މީހުންނާއި އޮކްސިޖަން ދޭން ޖެހޭ މީހުންގެ އަދަދުތައް ބަލަހައްޓަމުން ދާނެކަމުގައި އެފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.
ކޮވިޑްގެ ކުރިން ގައުމު އޮތް ހާލަތަށް މި ޕްލޭންގެ ދަށުން ލުއިތައް ދިނުމަށް ވިސްނާފައިނުވާކަމަށާއި އަދި މިވަގުތަށް މިހާރު އަޅާފައިހުރި ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާނެކަމުގައި އެފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ