ހަބަރު ގެނެސްދިން ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަށް ޖޫރިމަނާކޮށް ފިޔަވަޅު އެޅީ ރަނގަޅަށް ކަމަށް ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން ވަނީ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ވޭތުވެދިޔަ ހަފުތާގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައި ދިޔަ މުހިންމު ހާދިސާތަކާ ގުޅޭ މައުލޫމާތު އަމިއްލަ ބްލޮގުގައި ހިއްސާ ކުރައްވަމުން ޕީޖީ ޝަމީމު ވިދާޅުވީ ވަރަށް ގިނަ ނޫސްތަކުގައި އެކުއްޖާއާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ހިއްސާކޮށްފައި ހުރި ކަމަށެވެ. އެގޮތުން އެކުއްޖާ އުޅުނު ގޮތާއި އެކުއްޖާގެ ޒާތީ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާނޫނާ ހިލާފުވާ ކުދިންގެ ހަބަރުތައް ގެނެސްދޭއިރު ކުއްޖާގެ މަސްލަހަތަށް އިސްކަންދީ، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރަންވާނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޒާތީ މައުލޫމާތު ހާމަ ކޮށްގެން ނުވާނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކުޑަކުދިންގެ ކަރާމާތައް އަސަރުކުރާ ކަމެއް އެއްވެސް މީޑިއާއަކަށް ނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލްގެ ގައިޑްލައިންގައިވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހާއްސަ ގާނޫނުގެ ދަށުން، ހާއްސަ ހާލަތްތަކުގައި މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ޖެންޑާ މިނިސްޓްރީއަށް ލިިބިގެންވާ ކަމަށާއި ފިޔަވަޅު އަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.
"ގާނޫނީ ގޮތުން މީޑިއާ ކައުންސިލާއި ޖެންޑާ މިނިސްޓްރީއާ ދެމެދު ދެބަސްވުމެއް އެބައޮތް އެކަން ފެނޭ. އެހެން ނަމަވެސް އަޅުގަނޑަށް ފެނުނު ތަނުގައި ޖެންޑާ މިނިސްޓްރީއަށް އަމަލު ކުރަން ޖެހެނީ ހާއްސަ ގާނޫނަކަށް. އެ ހާއްސަ ހާލަތުގައި ޖެންޑާ މިނިސްޓްރީއަށް އެކަމުގައި ފިޔަވަޅު އެޅުއްވޭނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މީޑިއާތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށާއި މީޑިއާތައް ހޭލުންތެރިކޮށް، ނޫސްވެރިންނަށް މިކަންކަން ސާފުކޮށްދިނުން މުހިންމު ކަމަށެވެ. އަދި ނޫސްތަކުންވެސް ކުޑަކުދިންގެ ހަބަރުތައް ފަތުރަންވާނީ ހަމައެއްގެ ތެރެއިން ކަމަށާއި އެކަން ކުރަންވާނީ ނޫސްވެރިންގެ ސްލޫކާ އެއް ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކަންކަމުގައި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ. ފިޔަވަޅު އެޅީ ގާނޫނުގެ ދަށުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހަބަރު އާންމުކުރުމުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ހިތްވަރުދިނުމަކީ މަނާ ކަމެއް ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަކަށް ފިޔަވަޅު އެޅުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުއައްސަސާތަކަށް އެގޮތަށް ފިޔަވަޅު ނޭޅޭނެ ކަަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު