ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު މެންބަރުންނާއި އެއްކޮޅު މެންބަރުންގެ ފަރާތުން ބުލީ ކުރުން ކުރިމަތި ވާ ކަމަށާއި އެހެން ނަމަވެސް ފަހަތަށް ނުޖެއްސޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުލީ ކުރުމަކީ ހަމަ އެކަނި ސުކޫލްތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި ސުކޫލް ދައުރުގައި އޭނާއަށް އެފަދަ ތަޖުރިބާތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާއަށް ބުލީ ކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ ފަރާތުން ވެސް ބުލީ ކުރުމުގެ އަމަލުތައް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަންތައް ހިއްސާ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ މޫނަށް ކުޅު ޖެހުމުގެ އިތުރުން އެހެނިހެން ލައްކަ ކަންތައްތަކާއި ވެސް ދިމާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި މިވީހާ ތަނަށް ފަހަތަށް ޖެއްސިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނިކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން. އަދި ބުލީ ކުރާ މީހުން ދެކެ ބިރުން އަޅުގަނޑަށް ގަބޫލު ނުކުރެވޭ ކަމެއް އެންޑޯސް ކޮށްފަ ވާހަކަ ދައްކާކަށް ވެސް ނޫން. އެއްބަސް ވެވޭނީ ގަބޫލު ކުރެވުނީމަ. އޭރުން އެކަމަކައިގެން އުޅޭނަން،" ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރޮޒައިނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުންނާއި ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން، ބުލީ ކުރަން އުޅުމަކީ ވަރަށް ދެރަ ކަމެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން އެކަން ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

އެމްޑީޕީގެ އެތެރެއިން އޭނާއަށް ބުލީ ކުރާ ކަމަށް ތުހުމަތުކުރައްވާފައިވާއިރު، ފުރައްސާރަ ކުރިޔަސް ވިދާޅުވާން ޖެހިވަޑައިގަންނަވާ އެއްޗެއް ވިދާޅުވެ، ރޮޒައިނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.

އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްސަލަގަނޑުގެ ތެރޭގަ އެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދު ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށާއި އެއީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 30 މެންބަރުން ބުނުމުން ދެން ދިމާކުރަންވީ މެންބަރުންނަކާ ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ އޭރު ވިދާޅުވީ، "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.