މ. މުލީގައި ޕިކަޕަކާއި ދޮރާ ދޭތެރޭގައި ބޯ ތާށިވި ޒުވާނެއްގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މުލި ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް މިރޭ "ވަން" އަށް ވިދާޅުވީ ހިލަ ވައްދާފައި ހުރި ގުދަނަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި އެ ޕިކަޕުގައި ކޮޅަށް ހުރި ޒުވާނާގެ ބޯ، އެ ޕިކަޕާއި އެ ގުދަނުގެ ދޮރާ ދޭތެރޭ ތާށިވެ، ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
"ޕިކަޕް ފަހަތަށް ގުދަނަށް ވެއްދިއިރު، އޭނަ ހުރީ ކޮޅަށް. ތިރި ނުވެ ކޮޅަށް ހުރީމަ، ޕިކަޕްގެ ފޮށިގަނޑުގައި އިންނަ ދަގަނޑު ބަޔާއި އެ ގުދަނުގެ ދޮރާ ދޭތެރޭގައި އޭނާގެ ބޯ ތާށިވީ. ތާށިވެގެން އޭނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ވަނީ ލިބިފަ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި އަނިޔާވެފައިވަނީ 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް މިއަދު މެންދުރުފަހު މާލެ ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އާއިލާގެ ފަރާތުން މިރޭ "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ބޮލުގެ ތިން ތަނެއްގައި ރެނދުލާފައިވާ ކަމަށާއި ސިކުނޑިއަށް ވައި ވަދެފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނި ގޮތުގައި އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށާއި މީހުންނާ ވާހަކަ ދައްކާވެސް ހަދާ ކަމަށެވެ. ނަމަވެސް އޭނާގެ އެއް ފަރާތު ލޯ ކައިރި ނާރުތަކަށް ގެއްލުންވެފައި ހުރުމުން، އެއް ލޮލަށް ފުސްކޮށް ފެންނަ ކަމަށާއި އަދި މޫނުގެ އެއް ފަރާތްވެސް އައްސިވެފައިވާ ކަމަށެވެ.
"އޭނާގެ މޫނުގެ އެއް ފަރާތް އައްސިވެފަ އޮތީ. ދެން އެއް ލޮލަށް ފެންނަނީ ފުސްކޮށް. ޑަބަލްވެފަ ހުންނަނީ. ލޯ ކައިރީގައި ހުރި ބައެއް ނާރުތަކަށްވެސް ވަނީ ގެއްލުންވެފަ. ސީޓީ ސްކޭން ހަދާފައި ބެލިއިރު، ބޮލުގެ ނާށިގަނޑުގެ ތިން ތަނެއްގައި ވަނީ ރެނދުލާފަ. އަދި ސިކުނޑިއަށް ވަނީ ވައި ވަދެފަ،" އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނީ އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް މިހާރު ހަދާފައިވާ ކަމަށާއި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރާނެ ވަކި ވަގުތެއް ހާމަކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު