ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމުގެ ޒިންމާ އަދާކުރުމުގައި އިހުމާލު ވެފައިވާތީ، އެ ކޮމިޝަންގެ މެންބަރުކަމުން، ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށް އިސްތިއުފާ ދެއްވި އަހުމަދު އަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިއަކަށް ހަމަޖައްސައިފި އެވެ.

އެކަން އޭސީސީން ވަނީ "ވަން" އަށް ކަށަވަރު ކޮށްދީފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ފާތިމަތު ޒަމްހީނާ "ވަން" އަށް ވިދާޅުވީ، އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިއަކަށް އަމީން ހަމަޖައްސާފައިވާ ކަމަށެވެ.

އެއީ އިއުލާންކޮށްގެން އެކަމަށް ކުރިމަތި ލުމަށް ހުޅުވާލި ވަޒީފާއެއްކަމަށާއި، އެމަގާމަށް އަމީން ހަމަޖައްސާފައި ވަނީ، ހުރިހާ ޕްރޮސީޖާގެ ތެރެއިން ކަމަށްވެސް ޒަމްހީނާ ވިދާޅުވިއެވެ.

އެންއައިސީގެެ މެންބަރުކަމުން އަމީން މިދިޔަ އަހަރު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުން ވޯޓަށް އެހުމުގެ ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

އަމީނާއެކު އެ ކޮމިޝަންގައި ތިއްބެވި އިތުރު ތިން މެމްބަރުން ވެސް އިސްތިއުފާ ދެއްވިއެވެ. އެއީ އޭރު ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާނާއި ކޮމިޝަނުގެ ނާއިބު ރައީސް ކަމުގައި ހުންނެވި ހައްސާނު ހަމީދުގެ އިތުރުން މެމްބަރު ހަދީޖާ އަބްދުﷲ އެވެ.