"އަދި ނުކުރަމެއްނު ކަމެއް. އިންނާނެ ފޯނަށް މެސެޖަށް ފޮނުވާލާފަ" އެތެރެއަށް ވަންނަމުން ޒިޔާން ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ އަތުގައި އޮތް ފޯނަށެވެ.

ނިދަން އެރި ގޮތަށް އަހަރެން ބަލައިލީ ފޯނަށް ބަލަހައްޓައިގެން އޮތް ވިއާނަށެވެ.

"ހާދަ ބޭހެކޭ ތިކެއީ" އަހަރެން ބުނީމެވެ. އަހަރެން ފާހަނައިން ނިކުތްއިރު ވިއާން އިނީ ބޭސްކާޑުތައް ހިފައިގެންނެވެ.

"އެއީ މިއަދު ލިބުނު ބޭސް. އެކާން އެބަޖެހެއޭ. އޭރުންނެއްނު މަލް އާ އެކު ލޯބިން ކަމެއް ކޮށްލެވޭނީވެސް" ފޯނު ސައިޑްކަބަޑު މަތީގައި ބާއްވާފައި އަހަރެންނާ ދިމާލަށް އެނބުރެމުން ވިއާން ބުންޏެވެ.

"ބޭސްކަނީ ކީއްކުރަން؟" އަހަރެން އެހީމެވެ. ހިތުގައި ސުވާލު އުފެދިގެންނެވެ.

"ބަލިވީމަ. ޑޮކްޓަރު ބުނި ހަތްދުވަސް ވަންދެން އެބޭސް ހުއްޓާނުލާ ކުރިއަށް ގެންދާށޭ. އެކަމަކު މިވީގޮތުން މާދަމާ ރެއަށް ކަމެއް ނުވާނެއްނު. މިފަހަރު އަހަރެންގެ މައްސަލައެއްނޫން" ވިއާން ބުންޏެވެ.

"އަހަރެންގެވެސް މައްސަލައެއްނޫން. އެއީ ގުދުރަތީ މައްސަލަ" އަހަރެން ބުނީމެވެ.

"އޯކޭތާ. މަލް ރަނގަޅުވާން ވާއިރަށް އަހަރެން ހުންނާނީ އެއްކޮށް ފިޓްވެފަ" ވިއާން ބުންޏެވެ.

"އަހަރެން ވާހަކައެއްއަހަންތަ؟" އަހަރެން ބުނީމެވެ. ވިއާން ބޯޖަހައިލިއެވެ.

"ވިއާން ކޮންއިރަކުން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނީ؟" އަހަރެން ބުނީމެވެ.

"އަހަރެން ކޮންވާހަކައެއް ކިޔައިދޭންވީ؟" ވިއާން ބުނެލިއެވެ.

"އަހަރެންނަށް އެނގިއްޖެ ވިއާން ބޮޑު އޮޕަރޭޝަނެއް ކޮށްފިކަން. އަހަރެންނަށް ކިޔައިދޭންޖެހޭ އިތުރުކަމެއް އޮތިއްޔާ އެނގޭނީ ވިއާނަށް" އަހަރެން ބުނީމެވެ. ވިއާން ޖަވާބެއްނުދިނެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ސީލިންގަށެވެ. ވިއާން ޖަވާބެއްނުދީ އޮތުމުން އަހަރެންގެ ހިތް ނުތަނަވަސްކުރުވިއެވެ.

"ހެޔޮނުވާނެ ވިއާން. އެއްވެސް ކަމެއް އަހަރެންނަށް ސިއްރުނުކުރޭ. އަހަރެންނަށް ކިޔައިދީ. އެހެން މީހެއްގެ ފަރާތުން އެއްވެސް ކަމެއް އެނގެން އަހަރެން ބޭނުމެއްނޫން. އަހަރެން ބޭނުމީ ވިއާންގެ ދުލުން އަހަރެން ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދޭން" އަހަރެން ވާހަކަދެއްކީމެވެ. ވިއާން އެއްވެސް ޖަވާބެއްނުދީ އޮތުމުން އަހަރެންނަށް އުނދަގުވިއެވެ. ވިއާނަށް ބަލައިލިއިރު އޮތީ ދެލޯ މެރިފައެވެ. ކޮންމެވެސް ވަރަކަށް ނޭވާގެ އަޑު އިވޭތީ ވިއާނަށް ނިދުނީކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލަން އޮވެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އަހަރެންނަށް އެއްވެސް ކަމެއް އަންގަން ވިއާން ބޭނުންނުވާކަން އަހަރެންނަށް އިނގުނެވެ.

"ނޫން. އެއީ އޭނަ ކެއި ބޭސްތަކެއްގެ ސަބަބުން ނިދުނީކަމަށް ވާނީ" ވިއާނާ ހިލާފަށް އަހަރެންގެ ސިކުނޑިއަށް ވަސްވާސް ވަންނަމުން ދިޔުމުން އަހަރެން އަމިއްލަ ހިތަށް ވިސްނައިދިނީމެވެ.

ގަޑިން އެއްގަޑި ބައިވިއިރުވެސް އަހަރެންނަށް ނިދޭގޮތެއް ނުވިއެވެ. ފޯނު ހިފައިގެން އޮވެވުނީ ފޭސްބުކް ހާވާށެވެ. ވިއާން އޮތީ ގަދަ ނިދީގައެވެ. ފޯނަށް މެސެޖެއް އައި އަޑަށް އަހަރެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ޒިޔާން އޮތީ ހަމައެކަނި އަހަރެންގެ ނަމުން ގޮވާލާފައެވެ. ޒިޔާން ފޮނުވާފައި އިން މެސެޖްމަތިން ހަނދާންވީ ދެނެވެ. އެއީ އޭނާ އަހަރެންނަށް ދިން ހަނދާންކޮށްލުމެކެވެ. އަހަރެންނަށް ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލެވުނެވެ. ޒިޔާން އަހަރެން ކައިރީގައި ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ބޭރަށް ނިކުމެ ޒިޔާނާ ބައްދަލުކުރަންވީ ހެއްޔެވެ؟ ދެވިސްނުމެއްގައި އިނދެފައި އެނދުން ތެދުވެގެން ގޮސް އަހަރެން ހުއްޓުނީ އަލަމާރި ކައިރީގައެވެ. ނިދަން ލައިގެން ހުރި އެއްޗެހި ބަދަލުކޮށް ބުރުގާ އަޅައިގެން އަހަރެން ބޭރަށް ނިކުތްއިރު ސިޓިންގރޫމް އޮތީ ފަޅުކޮށެވެ. ވެރިވެފައިވާ ކަނު އަނދިރިކަމުގެ ތެރެއިން ޓީވީގެ ސުވިޗުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެންނަން ހުއްޓެވެ. ދާންވީ ތަނެއް ޒިޔާން ކައިރީގައި އަހަން އަހަރެން ބޭނުމެއްނުވިއެވެ. އަދިވެސް އަހަރެންގެ ހިތުގައި ވީ ޒިޔާނަށްޓަކައި ފޫހިކަމެވެ. އަހަރެން ހަމައެކަނި ބޭނުންވީ އޭނާ ދައްކަން އުޅެނީ ކޮންވާހަކައެއްތޯ ބެލުމެވެ. ބަދިގެ އާ ދިމާލަށް އަހަރެން ހިނގައިގަތީ އެތަނުގައި ޒިޔާން އިން ކަމަކަށް ނޫނެވެ. ފާރުގައި ހުރި ސުވިޗް ޖައްސާލުމާއެކު މުޅިތަން އަލިވެގެން ދިޔައެވެ. މޭޒުގައި ބޯއަޅާލައިގެން އިން ޒިޔާން އަހަރެންނަށް ބަލައިލިއެވެ. އަހަރެން ހައިރާންވިއެވެ. ޒިޔާން އަނދިރީގައި އިނީ ކީއްވެ ހެއްޔެވެ؟ އަހަރެން އިތުރު ވަގުތެއް ބޭކާރުކުރަން ބޭނުމެއް ނުވިއެވެ. ދުމެއް ޖަހާފައި ގޮސް ހުއްޓުނީ ޒިޔާން ކައިރީގައެވެ.

"ތެންކިޔު އައިސްދިނީތީ" ޒިޔާން ބުނެލިއެވެ. އަހަރެން އަޅައެއްނުލަމެވެ. ހަށަން ބަނދެލައިގެން ދުރަށް ބަލަހައްޓައިގެން ހުރީ ޒިޔާން އެވާހަކައެއް ފަށަންދެކަށެވެ.

"ކޮޅަށްތަ ހުންނަނީ؟" ޒިޔާން ބުނެލިއެވެ.

"އަވަސްކުރޭ. ތިހާ މުހިންމު ވާހަކައެއްވިއްޔާ ބުނޭ" އަހަރެން ބުނީމެވެ. އަހަރެންގެ އަޑުން އެކަނިވެސް އަހަރެން ހިތްހަމަނުޖެހިފައި ހުރިވަރު ޒިޔާނަށް އެނގޭނެއެވެ.

"ހާދަ އަވަސްއަރުވާލާފަ. ހިނގާ ކޮފީއެއް ބޯލަން އެންމެފުރަތަމަ" ޒިޔާން ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ ޒިޔާންގެ މޫނަށެވެ. ޒިޔާން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އަހަރެންނަކީ އޭނާގެ ލޯބިވެރިޔާ ކަމަށް ހެއްޔެވެ؟

"ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެން މިތަނަށް މިއައީ ކަލެ އާ އެކު ޑޭޓްކުރާކަށް ނޫން. އަޑުއިވިއްޖެތަ؟" އަހަރެން ބުނީމެވެ. ރުޅިއައިވަރުން ދަތްތަކަށް ބާރުވެގެން ގޮސް ކަތުރު ކަށިގަނޑަށްވެސް ތަދުވިއެވެ.

"އޯކޭ. މަލް ނުގަބޫލިއްޔާ އަހަރެން ނެތިން ލަސްކުރާކަށް. އެކަމަކު ހިތަށް އަރަނީ މިވާހަކަތައް އަޑުއިވުނީމަ މަލްއަށް ވާނީ ކިހިނެއްބާއޭ؟" އަހަރެންނަށް ޒިޔާންގެ މޫނަށް ބަލައިލެވުނީ ފާޑަކަށެވެ.

ދަންވަރުގެ އެވަގުތު ޓެކްސީއެއްވެސް ނުލިބުނެވެ. އަތުގައި ފޯނު އޮތްކަން ނަސީބެކެވެ. ފައި ދަށުގައި ފައިވާނެއް ނެތެވެ. މަގުމެދުން ބާރަށް ހިނގާފައި ދެވެނީ ކޮންތަނަކަށް ކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ހަނދާނަނަށް އަންނަމުން ދިޔައީ މާޒީގެ ތެރެއިން ދުވަހެކެވެ. އެދުވަހު އަހަރެން ވަރިކޮށްލާފައި ގެއިން ނެރުނީއެވެ. އެންމެ ގާތުން އިތުބާރު ކުރި ފަރާތް އެއްވެސް ރަހުމެއްނެތި އަހަރެން ބާކީ ކުރީއެވެ. ބޮޑު އޮޅުވާލުމެއްގެ ތެރެއިން އަހަރެންނަށް ބޮޑު ތަކުލީފެއް ދިނީއެވެ. މިރޭ ގެއިން ނިކުންނަން އަހަރެންނަށް މަޖުބޫރު ކުރީ ހަމަ ބޮޑު އޮޅުވާލުމެކެވެ. ވިއާންވެސް ހީކުރި ގޮތް ނުވިއެވެ. އެފަދަ ބޮޑު ކަމެއް އަހަރެންނަށް ކިޔައިނުދިނީ ކީއްވެގެން ހެއްޔެވެ؟ ކައިވެންޏެއް ކުރެވޭއިރު ދެމަފިރިންގެ ދޭތެރޭގައި ސިއްރުކުރަންޖެހޭ އެއްވެސް ކަމެއް އޮވެގެނެއް ނުވާނެއެވެ. ވިއާނަށް އެވާހަކަތައް ނުބުނެވެންވީ ކީއްވެ ހެއްޔެވެ؟ އެވާހަކަތައް ޒިޔާންގެ ފަރާތުން އަހަރެންނަށް އިއްވީ ކީއްވެގެން ހެއްޔެވެ؟ ދެފަރާތުންވެސް އަހަރެން ލިބުނީ ކެއްސެވެ. އަހަރެންގެ އިހުސާސްތަކާ ކުޅުނީއެވެ. އެއްވެސް މާނައެއް ނެތި ދެވަނަ ފަހަރަށް ފިރިހެނެއްގެ އަތްދަށުވީއެވެ. ކޮންމެ މީހަކުވެސް ހަދަނީ ހަދާނެ ގޮތެކެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އާއިލާއެއް ނެތި އަހަރެން އެކަނި ހުރުމުން ހެއްޔެވެ؟ ނޫނީ އަހަރެންގެ ސިފަ ހުތުރުކަމުން ހެއްޔެވެ؟ ނޫނީ މިއީ އަހަރެންގެ ނަސީބުގަ ހުރި ގޮތް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ދެން އަހަރެން އެގެއަކަށް ނުދާނަމެވެ. ވިއާންގެ އާއިލާ ކުރިމައްޗަށް އަރަން އަހަރެން ބޭނުމެއްނުވެއެވެ. ހުރިހާ މީހުންނަށް ހަގީގަތް އެނގި ތިބެ ހުރިހާ ކަމެއް އަހަރެންނަށް ސިއްރުކުރީއެވެ.

ވާރޭގެ ފުރަތަމަ ކަނި އައިސް އަހަރެންގެ މޫނުމަތީގައި ޖެހުނީ އަހަރެންގެ މަޖީދީމަގު މެދުގައި ހުއްޓައެވެ. އިންޒާރަކާނުލާ ވާރޭ އޮށްސާލީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންނަށް މަގު މެދުގައި ހުއްޓެވުނެވެ. ދުއްވާ އެއްޗެއްގައި ޖެހިދާނެ ކަމުގެ ބިރުހީވެ އެއްފަރާތަކަށް އަރަން އަހަރެންގެ ސިކުނޑި ވިސްނައިދިނެވެ. އަދި އަހަރެންގެ ހޭބުއްދި ފިލައިގެނެއް ނުދެއެވެ. ފިހާރައެއްގެ އަސްކަނި ދަށުގައި އަހަރެން މަޑުކޮށްލައިގެން ހުރީ ވާރޭ ތަންކޮޅެއް ތުނި ވަންދެކަށެވެ. ގަޑި ބަލައިލިރު ހަތަރެއްޖަހަން ގާތްވެއްޖެއެވެ. އަހަރެންގެ ދެލޯ ހޯދާލީ ކައިރި ހިސާބަކުން މިސްކިތެއް ފެނޭތޯއެވެ. ނަސީބު ރަނގަޅުކަމުން މިސްކިތެއް ފެނުނެވެ. އެހެންނަމަވެސް އެތެރެއަށް ވަންނަން ޖެހިލުންވިއެވެ. ނަމާދަށް ނޭރޭ ހާލަތުގައި މިސްކިތުގެ ތެރެއަށް އެންމެ ފިޔަވިއްސެއް އަޅަންވެސް ނުކެރުނެވެ. އެހެންކަމުން މަޑުކޮށްލައިގެން ހުރީ މިސްކިތުގެ އިން ވަކިކުރަން ހުރި ފާރު ކައިރީގައެވެ. ބިންމަތީގައިވާ މާތް ﷲ ގެ ގެކޮޅު ކައިރީގައި ހުރެވުމުން ދަންވަރުގެ އެވަގުތު އަހަރެންނަށް ހިމާޔަތަކަށް ފުދުނެވެ.

ފަތިސްނަމާދުގެ ވަގުތުގެ ކުރީން މިސްކިތަށް މީހުން އަންނަން ފަށައިފިއެވެ. ނިސްބަތުން ގިނައީ ފިރިހެނުންނެވެ. ވާރޭ ތުނިކޮށްލާފައި އޮތުމުން އަހަރެން މަޖީދީ މަގުން ހެންވޭރާ ވީ ކޮޅަށް ހިނގަން ފަށައިފީމެވެ. އަހަރެންގެ މަންޒިލަކީ ކޮބައި ކަމެއް ނޭނގޭ ހާލު އަހަރެން ދިޔައީ ނޭފަތު ކުރި ދިމާލަށެވެ. މަޖީދީ މަގު ކޮޅުން އާޓިފިޝަލް ބީޗަށް ނިކުތްތަނާ އަތު ތެރޭގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. އަރާފައި އިން ވިއާންގެ ނަން ފެނުމާއެކު އަހަރެންގެ ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ. މޭގައި ފޯނު ޖައްސާލައިގެން ހުރެ އަހަރެން މަޑުކޮށްލީ ހިލަ ގޮނޑިއެއްގައެވެ. ސިނަމާލެ ބުރިޖާ ދިމާލުން އިރުއެރުމުގެ ނިޝާންތައް ފަނޑުފަނޑުކޮށް ފެންނަމުން ދިޔައެވެ. މީސްތަކުން ހޭލަމޭލަވެ އިސާހިތަކު ދުއްވާ އެއްޗެހިތަކުން މަގުތައް ހަލަބޮލި ކޮށްލައިފިއެވެ. ވިއާން ހުއްޓާނުލާ ގުޅަމުން ދިޔައެވެ. ޔަގީނެވެ. ވިއާން އެގުޅަނީ އަހަރެންގެ ހިތުގައިވި ހުރިހާ ޝަކުވާއެއް މެސެޖެއްގެ ސިފައިގައި އޭނާ އާ ހަމައަށް ފޯރުކޮށްދިނުމުންނެވެ. އެކަމަކު އަހަރެންނަށް އެންމެ ކޯލަކަށްވެސް ޖަވާބެއް ނުދެވުނެވެ. އަދިވެސް އަހަރެންނަށް ހަގީގަތް ހާމަކުރަން ވިއާން ބޭނުމެއް ނުވާނެއެވެ.

"މަލް ޕްލީޒް ޕިކްއަޕް ދަ ފޯން" ވިއާން މެސެޖެއް ފޮނުވާލިއެވެ. ޖަވާބެއް ފޮނުވަން ހިތަށް އަރާފައިވެސް އަހަރެންގެ އިނގިލިތައް ހަރަކާތް ނުކުރިއެވެ.

"އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. ޕްލީޒް ގެއަށް އާދޭ" ވިއާންގެ ދެވަނަ މެސެޖެވެ.

"މަލް ހުރިތަނެއް އަހަރެން ކައިރީގައި ބުނޭ. އޭރުން އަހަރެން ދާނަން ބަލާ. ގެއަށް އައިސް ހަމަޖެހިގެން ހުރިހާ ވާހަކައެއް ކިޔައިދޭނަން. ޕްކީޒް ކަމް ބެކް ބޭބީ" ވިއާން ތިންވަނަ މެސެޖު ކިޔާފައި އަހަރެންނަށް އިތުރަށް ރޮވިއްޖެއެވެ. މިހާރު ވިއާން އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކައިވެނީގެ ކުރިން ކިޔައިނުދެވުނު ވާހަކަތެއް އަޑުއަހާކަށް މިހާރަކު އަހަރެން ބޭނުމެއްނުވެއެވެ. އެވާހަކަތައް އަހަރެންނަށް އެނގިއްޖެއެވެ. އަހަރެންގެ ޝަކުވާއަކީ އެންމެ ޝަކުވާއެކެވެ. ކިޔައިދޭންޖެހޭ މީހާ ނޫން އެހެން މީހަކު އެވާހަކަތައް ކިޔައިދިނުމެވެ. އެވާހަކަތައް ޒިޔާންގެ ދުލުން އިވެމުން ދިޔައިރު ވިއާނާ ގުޅުވައިގެން އޭނާ ދުލުން ކުރި ކޮންމެ ލަފްޒަކާ ގުޅިފައިވަނީ މަލާމާތާ ފުރައްސާރައެވެ. އަހަރެންނަށް އެއްވެސް އުފަލެއް ހޯދައިނުދެވޭއިރު އަހަރެންގެ ދިރިއުޅުން ހަލާކުކުރަން އަހަރެންނާ އިނީ ކީއްކުރަން ހެއްޔެވެ؟ ރީތިކޮށް އަހަރެން ކައިރީގައި ހުރިހާ ވާހަކަތަކެއް ކިޔައިދިންނަމަވެސް ރީތި ގޮތުގައި ހުރިހާ ކަމެއް ނިންމުނީހެވެ.

"އަހަރެން ނުދާނަން. ވިއާން އަހަރެންނަށް އޮޅުވާލީ. ވިއާން ތީ... ތީ.... އާހް.... އަހަރެން ވިއާނާއެކު ދިރިއުޅޭކަށް ބޭނުމެއްނޫން" އެހުރިހާ ޝަކުވާތަކެއް ވީ އަހަރެންގެ ހިތުގައެވެ.

"އައި ލަވް ޔޫ މަލް. ތިހެން ނަހަދާ. އަހަރެން މޮޔަވެދާނެ" ވިއާންގެ އިތުރު މެސެޖެއް ލިބުނެވެ.

އުޑުމަތީގައި ވިއްސާރަ ވިލާތައް ބޯވެފައި ކިރު ކުލައިގައި އޮތުމުން ދީފައިވަނީ ވަރަށް ފަނޑު އަތްވެކެވެ. އަދިވެސް އަހަރެން އިނީ ކުރިން އިން ގޮނޑީގައެވެ. ގަޑިން ނުވަގަޑި ބައިވެ ދިހައެއްޖަހަން ގާތްވެއްޖެއެވެ. އަހަރެންނަށް ލިބިފައިވާ ހިތްހަމަނުޖެހުމުގެ ތެރެއަށް ރުޅިއާއި ނަފްރަތުގެ ބޮޅެއް އިތުރުވެގެން ދިޔައީ އެވަގުތު ޒިޔާންގެ ކޯލެއް އަހަރެންނަށް ލިބުމުންނެވެ. އެފޯނު ނަގާފައި ކަންފަތުގައި ޖެހީ ޒިޔާނާ ދިމާލަށް ހަޅޭއްލަވައިގަންނާށެވެ.

"މޮަޔަވީތަ؟ އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ފިރިހެނެއް ނަޔަސް ކަލޭ ކައިރިއަށް ނުދާނަން. ތީ ހަމަ އެކެތީގެ ދެމީހުން. އެއް ލޭ ވިއްޔާ. ކަލޭމެން ދުވަހަކުވެސް ރަނގަޅުނުވާނެ" ޒިޔާން ބަހެއް ކިޔާނެ ފުރުސަތު ނުދީ އަހަރެން ފޯނު ކަނޑައިލީމެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުހިކެނިސް އަނެއްކާ ފޯނު ރިންގުވާން ފަށައިފިއެވެ. މިފަހަރު ގުޅަނީ ރީޝަމްއެވެ. އަހަރެން ފޯނު ނެގުމާއެކު ރީޝަމް ސުވާލު ފައްޗެއް އަމުނާލައިފިއެވެ. އަހަރެންނަށް ވާހަކަނުދެއްކުނެވެ. ރޮވިއްޖެއެވެ. ރީޝަމް ކުރި އެންމެ ސުވާލަކަށްވެސް ޖަވާބު ނުދެވުުނެވެ. އެންމެފަހުން އަހަރެން ހުރިތަން ބުނުމުން ރީޝަން އަންނާނެ ކަމަށް ބުނެފައި ފޯނު ކަނޑާލައިފިއެވެ.

"މާމަވެސް ވަރަށް ކަންބޮޑުވެފަ ހުރީ. ބުނީ ވިއާންވެސް ރޮވިފަޔޯ ހުރީ. މުޅި ގޭތެރޭގެ ރޫހު ގެއްލިއްޖެޔޯ. މަލް ވީތަނެއްވެސް ނޭނގެޔޭ ބުނީ" އަހަރެން ގޮވައިގެން ގެއާ ދިމާލަށް ދަމުން ރީޝަމް ވާހަކަދެއްކިއެވެ.

"ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ވާނީ ތަގުދީރުގައި ހުރި ކަމެއް. އަހަރެންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުން ނެތް" އަހަރެން ބުނީމެވެ. އެވަގުތު ރީޝަމް އަހަރެންގެ އަތުގައި ހިފައިފިއެވެ.

"ރީޝަމް އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ތިގޭގަ ހުރި ވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނާތި. ބުނެފިއްޔާ އަހަރެން ދެކޭނީ ތީވެސް އަހަރެންނަށް ހެވެއްނޭދޭ މީހެއްގެ ގޮތުގަ" އަހަރެން ބުނީމެވެ.

ލިފްޓުން ފޭބި ގޮތަށް އެޕާޓްމަންޓާ ދިމާލަށް ރީޝަމް ދިޔައީ ވަރަށް ބާރަށެވެ. އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާތީ ކުރިއަށް ފިޔަވަޅު އަޅަންޖެހުނީ ގަދަކަމުންނެވެ. ހަށިގަނޑުގައި ކޮޅަށް ހުންނާނެ އެއްވެސް ބާރެއް ނެތެވެ. ރޭ އެއްކޮށް ނުނިދާ ހުރުމުގެ ސަބަބުން ބޮލަށް ބަރުވެ ހުރީ އެނބުރުން އަރާފައެވެ.

"ރީކް ނިދާފަ އޮތީމަ އެކަނި ބާއްވާފަ މަލް ކައިރިއަށް މިދިޔައީ. އެނގޭތަ އާލިމްވެސް ވަރަށް ކުއްލިގޮތަކަށް ރޭގަ ފުރައިފި އެކޮޅުގަ ހުރި އޭނަގެ ދޮންބެ އެކްސިޑެންޓެއްވެގެން. އާދޭ އިށީންނަން. ރަނގަޅު ގޮތެއް ވަންދެން މަލް ހުންނަންޖެހޭނީ މިގޭގަ" ގޭތެރެއަށް ވަންނަމުން ރީޝަމް ބުނެލިއެވެ.

"ކޮންކަމެއް ރަނގަޅުވާނީ. އެއްކަމެއްވެސް ރަނގަޅެއްނުވާނެ" އަހަރެންނަށް ބުނެވުނެވެ. ސޯފާގައި އިށިންގޮތަށް އަހަރެންނަށް ދެކަކޫ މަތީގައި ބޯއެޅިއްޖެއެވެ.

"އަހަރެންނަށް ކިޔައިދީބަލަ. ކިހިނެއްވީ؟ އަންހެންކުއްޖެއްގެ ކަމެއްތަ؟" ރީޝަމް އެހިއެވެ. އަހަރެންގެ ބޮލުގައި ފިރުމާލާފައި ކައިރީގައި އިށީނެވެ.

"ނޫން. ވިއާންވެސް މުޅި ފެމެލީ ވެސް އަހަރެންނަށް އޮޅުވާލީ. ވިއާން އަހަރެންނާ ކައިރިއެއްނުވޭ. އޭނާ ކައިރިނުވާން އުޅުނު ސަބަބު ރޭގައި އެނގުނީ. އަހަރެން ދެރަވީ މިހުރިހާ ދުވަހު އަހަރެންނަށް އެކަން ބުނެނުދިނީމަ. އެތައް ފަހަރަކު އަހަރެން ސުވާލުކުރިން. އެންމެފަހުން ރޭގަވެސް އަހަރެން އެހިން. އަހަރެން ދެއްކި ވާހަކަތައް ވިއާނަށް މުހިންމެއްނުވި. އަހަރެން ވިސްނުންތަކުގެ ތެރެއަށް ދޫކޮށްލާފަ އޭނަ ހަމަޖެހިގެން ނިދީ" އަހަރެން ވާހަކަދެއްކީމެވެ. ރޮއެރޮއެ ދެލޮލުން ދިލަނަގަން ފަށައިފިއެވެ. އެސްފިޔަތައް ހިކޭ އެންމެ އިރުކޮޅެއްވެސް ނުދެއެވެ.

"ކޮބާ މައްސަލައަކީ؟ ވިއާން ކޮންކަމެއް އޮޅުވާލީ؟" ރީޝަމް އެހިއެވެ.

"އެވާހަކަތައް އަހަރެންނަށް ރީޝަމްއަށް ބުނެނުދެވޭނެ. އަމް ސޮރީ. އެކަމު އެނގޭނެ ދުވަހެއް އަންނާނެ" އަހަރެން ބުނީމެވެ. ވިއާންދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް ފިރިމީހާއަށް ވީތީ އެފަދަ ވާހަކައެއް ދައްކަން އަހަރެން ބޭނުންނުވިއެވެ.

"އޯކޭ. މަލް ބުނާނެ ދުވަހަކުން ބުނަންވީ. ހިނގާ އެއްޗެއް ކާލަން. ރޭގައި ނުވެސްނިދަން ދޯ. އެއްޗެއް ކައިގެން ނިދާލާނީ" އަހަރެންގެ ދެލޯ ކައިރި ފޮހެދެމުން ރީޝަމް ބުނެލިއެވެ.

ރީޝަމް އެދުނު ފަދައިން އަހަރެންނަށް ބޮވުނީ ހަމައެކަނި ކޮފީ ތައްޓެކެވެ. ދޮންކެޔޮވަކެއްގެ އެއްބައި އަރުން އެތެރެއަށް ލާން ޖެހުނީ ގަދަކަމުންނެވެ. އަހަރެން ގޮވައިގެން ރީޝަމް ގޮސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ދިމާލަށް ހުރި ބޮޑު އެނދުގެ އެއްފަރާތުގައި ނިދާފައި އޮތް ރީކް ކައިރީގައި އޮށޯންނަން އަހަރެން ކައިރީގައި ރީޝަމް ބުންޏެވެ. އަހަރެން އޮށޯތީ ހަށިގަނޑަށް އަރާމެއް ބޭނުންވެފައި ހުރި ވަރުންނެވެ. ނިވިފައި އޮތް ފޯނު އަހަރެން ކޮށްޕާލީ ބޯ އަޅައިގެން އޮތް ބާލީސް ދަށަށެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމުގައި އަހަރެންގެ ދެލޯ މެރުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

ހޭލެވުނީ ކޮޓަރީގައި ކުޅެން އުޅުނު ރީކްގެ ސަކަރާތުގެ އަޑަށެވެ. ދެލޯ ހުޅުވާލެވުމާއެކު އޮވެވުނީ އަމިއްލަ ގޭގައި ނޫންކަން އެނގުމާއެކު އަނެއްކާވެސް އަހަރެންގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވެއްޖެއެވެ. ހީވީ ހަ ފަރާތުން އެކަނިވެރިކަން ވަށާލާ އަހަރެން ފިއްތާލަން އުޅުނު ހެންނެވެ.

"ދަރިފުޅާ މަންމަ ބުނީމެއްނު ބޯލް ހިފައިގެން ކޮޓަރީގަ ނުކުޅޭވޭ. މަލްދައްތިއަށް އުނދަގުވާނެ" ރީކްގެ ފަހަތުން އެތެރެއަށް ވަން ރީޝަމް ބުނެލިއެވެ. އަހަރެން ހޭލާ އޮތްކަން އެނގުމުން ބޯޅަ ދީފައި ރީކް ބޭރަށް ފޮނުވާލާފައި ރީޝަމް އައިސް އިށީނީ އަހަރެންގެ ކައިރީގައެވެ.

"ހޭލެވުނީތަ؟ ފްރެޝްވެލައިގެން އާދޭ ބޭރަށް. ހުންނާނެ ވަރަށް މީރުކޮށް ނޫޑްލްސްގަނޑެއް ހަދާފަ. އަހަރެން މިހުންނަނީ މަލް ނުދެވަނިސް ނުކާންވެގެން" އަހަރެން ތެދުވެ އެނދުގައި އިށީނދެފައި ބުރުގަލުގައި ހަރުކޮށްފައި ހުރި ޕިންތައް ނައްޓުވަން ފެށީމެވެ.

"ޗޭންޖްކޮށްލަން ބޭނުމިއްޔާ އަލަމާރީގެ ލެފްޓު ސައިޑުގަ ހުންނާނެ އަހަރެންގެ އެއްޗެހި" ރީޝަމް ބުންޏެވެ. އަހަރެން ފާހާނާއަށް ވަދެ ދޮރުލައްޕާލަންދެން ރީޝަމް ބަލަހައްޓައިގެން އިނެވެ.

"އަހަރެންގެ ފޯނަށް މަންމަވެސް މާމަވެސް ވަރަށް އެބަގުޅާ. އެމީހުން ކައިރީގައި އަހަރެންނަށް ވަރަށް ދޮގު ހެދިއްޖެ. މިހާރު އަހަރެން ނަރަކައިން ސަލާމަތްނުވާވަރަށް ދޮގު ހެދިއްޖެ. ދެން އަހަރެން ފޯނު ނުނަގާނަން" އަހަރެން އައިސް އިށީނުމާއެކު ރީޝަމް ވާހަކަދެއްކިއެވެ. ވިއާންގެ ވާހަކަ އަހާލަން އަހަރެން ބޭނުންވިއެވެ. އެކަމަކު ވިއާންގެ ހަގީގަތް ހަނދާންވުމާއެކު އެހިތްވަރު ނުލިބުނެވެ.

"ވިއާން ވަރަށް ސަކަރާތްވެގެން ގެއަށް ޑޮކްޓަރު ގެނެސްގެން އުޅެނީ" ރީޝަމް ބުންޏެވެ. އެވަގުތު އަހަރެންނަށް ރީޝަމްއަށް ބަލައިލެވިއްޖެއެވެ.

"ވިއާނަށް ކިހިނެއްވީ؟ ވަރަށް ބަލިތަ؟ މާމަ ކީކޭ ބުނީ؟" އަހަރެންނަށް އެހުނެވެ. އިހްތިޔާރަކާނުލާ ކޮޅަށްވެސް ތެދުވެވިއްޖެއެވެ.

"މާބޮޑަށް ވިސްނާލީޔޯ. އަނބުރައިގަތީ އޭ ބުނީ. އެމީހުން ތިބީ ވަރަށް ދެރަވެފަ" ރީޝަމް ބުންޏެވެ. ގޮނޑީގައި އިށީނދެފައި އަހަރެންނަށް އިސްޖެހިއްޖެއެވެ. އަނެއްކާވެސް އަހަރެންނަށް ރޮވިއްޖެއެވެ. ކަރުނަ ނޫން އެހެން އެއްޗެއް އަހަރެންގެ ދިރިއުޅުމުގައި ނުވާ ކަހަލައެވެ.

ރީޝަމްގެ އެޕާޓްމަންޓުގައި އަހަރެން ދިރިއުޅޭތާ ތިންވަނައަށް ވީ ދުވަހެވެ. ހެނދުނު ހޭލިގޮތަށް އަހަރެން އިނީ ސޯފާގައި އަމިއްލަ ދިރިއުޅުމާ މެދު ވިސްނާށެވެ. ގަޑިން ނުވައެއް ޖަހައިފިއެވެ. ރީކް ސުލޫލަށް ލާން ދިޔަ ގޮތަށް ރީޝަމް އަދި ގެއަށް ނާދެއެވެ. ދޮރުހުޅުވުނު އަޑަށް އަހަރެން ހީކުރީ ރީޝަމް ކަމަށެވެ. އެހެންނަމަވެސް އެތެރެއަށް ވަން މަންމަ އާ މާމަ ފެނިފައި އަހަރެންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. އެދެމީހުންގެ ފަހަތުގައި އިސްޖެހިފައި ހުރި ރީޝަމް އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.

(ނުނިމޭ)